ޖޭއެސްސީގެ ފޯމޭޝަނަށް ބަދަލު ގެނައުމަށް މިސަރުކާރުން ވެފައިވާ ވައުދާ ޚިލާފްވެ ދައުލަތުގެ ތިންބާރު އެއްކޮށްލައި މުޅި ދައުލަތް ކިލަނބު ކޮށްފައިވާކަމަށް ޕީއެންސީގެ ނައިބް ރައީސް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސާސީއަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލުމާއި ގުޅިގެން ސައީދު ވިދާޅުވީ މިކަމުން މިދޭހަވީ މިސަރުކާރަކީ ވައުދާއި ޚިލާފްވެ، ވައުދު ފުއްދާނެ ސަރުކާރެއް ނޫންކަމަށެވެ. ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދަކަށް ވީނަމަވެސް މިއަދު އެކަން ހަނދާން ނެތިފައިވާކަމަށެވެ.
މިސަރުކާރުން ބޭނުންވަނީ ދައުލަތުގެ ތިންބާރު އެކީ މުށުތެރެއަށްލައި، މުޅި ދައުލަތް ކިލަނބުކޮށްލުމަށްކަމަށެވެ. އަދި އެއްވެސް އިޚްލާސްތެރިކަމެއް އޮވެގެން މިސަރުކާރުން އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް ސައީދު ވިދާޅުވިއެވެ.
Judicial Service Commission ge ekulavaalumah islaahu genaumah @MDPSecretariat beynun nuvumun, 3 baaru ekkoh mulhi dhaulaiy kilanbu kurumah MDP kuraa masakkaiy ithurah beyzaaru vejje. 2020 ge kureen JSC formation islaahu kuraane kamuge vaudhaai Raees @ibusolih vanee khilaafu vefa pic.twitter.com/pg05xC7S2K
— Mohamed Saeed (@em_saeed) October 27, 2020
ސިޔާސީ ބޭފުޅުންތަކެއް ކޮންޓްރޯލްކުރާ ކޮމިޝަނެއްގެ ގޮތުގައި ޖޭއެސްސީ އޮތް އޮތުން ބަދަލުކުރުމަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ޕާޓީ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވި ވައުދެކެވެ. ނަމަވެސް ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް މިހާތަނަކަށް ކޮށްފައެއް ނުވެ އެވެ.
ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މިއިސްލާހު މަޖިލީހަށް ބަލައި ގަންނަން ނުފެންނަކަމަށް 50 މެމްބަރުން ވޯޓް ދެއްވިއިރު ފެންނަކަމަށް ވޯޓް ދެއްވީ 13 މެމްބަރުންނެވެ.
އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.
ކޮމެންޓު ފޮނުވާ