ކަފާލާތުގެ ދަށުން އަޝްމަލީ ދޫކޮށްލައިފި

ކަފާލާތުގެ ދަށުން އަޝްމަލީ ދޫކޮށްލައިފި

ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަޝްމަލީ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ކަފާލާތުގެ ގޮތުގައި 25،000 ލަންކާ ރުޕީސް ނުވަތަ 125 އެމެރިކާ ޑޮލަރު ދެއްކުމަށްފަހު، ކަފާލާތުގެ އިތުރުން، ފަސް މިލިއަން ލަންކާ ރުޕީސް ނުވަތަ 25،000 އެމެރިކާ ޑޮލަރުގެ ދެ ގެރެންޓީ ނުވަތަ ޝުއަރިޓީސް ވެސް ބަހައްޓަންޖެހޭގޮތަށް އަޝްމަލީ ދުކޮށްލުމަށް ނިންމާފައި ވަނީ ޖުލައިމަހު ބޭއްވި އަޑުއެހުމެއްގައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ކަފާލާތާއި ދެންވެސް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަ ކުރުމުން އޭނާ މިހާރު ހުރީ ދޫކޮށްލާފައެވެ. އަޝްމަލީގެ ވަކީލުން ބުނާ ގޮތުގައި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލީ ޕާސްޕޯޓު ކޯޓުން ހިފެހެއްޓުމަށްފަހުއެވެ. އަދި އޭނާ ދޫކޮށްލީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމުން ކަމަށްވެސް ވަކީލުން ބުނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ބަންދުކުރާ މީހުން ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ އާންމުގޮތެއްގައި ސްރީލަންކާގައިވެސް ކުރާކަމެއް ނޫނެވެ. ނަމަވެސް މި މައްސަލާގައި އަޝްމަލީ އާއެކު ހައްޔަރުކުރި 34 މީހުންވެސް މިހާރު ވަނީ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލަ ލަންކާ ފުލުހުން ތަހްގީގު ކުރަމުން ދަނީ ބޮޑު ސަމާލުކަމެއް ދީގެންނެވެ. ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ތަހްގީގަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ކުއްޖާ މިގޮތަށް ވިއްކަމުން ގެންދާތާ މިހާރު ތިން މަހެއްހާ ދުވަސް ވެއްޖެއެވެ.

ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލާގައި ލަންކާ ފުލުހުން މިހާތަނަށް 40 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މިމައްސަލާގައި އަޝްމަލީ ހައްޔަރު ކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި އޭނާ އަކީ އެ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށިވިއްކުވުމުގައި ކުއްޖާގެ މަންމަގެ ބޮޑު ބައިވެރިވުމެއް އޮތްކަމަށް ތަހްގީގަށް ފާހަގަކުރެވިފައި ވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *