ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީހުން ރޭ ދަންވަރު ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ބުނީ އުމުރުން 42 އަހަރުގެ ދިވެހި އެ ފިރިހެންމީހާ ހައްޔަރުކުރީ އާރުޑީސީގެ އޮފީހުން ވައްކަން ކުރަން، އެ ތަނުގެ ފުރާޅު މައްޗަށް އަރައި ހުއްޓާ ކަމަށެވެ. އޭނާ ފުލުހުން ހައްޔަރުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ރޭގެ ވަގުތެއްގައި އަނެއްކާވެސް އާރުޑީސީ އޮފީހުން ވައްކަން ކުރަން އުޅެފި. މީނާ ބުނަނީ ކުރިންރޭ ފުރާޅުމަތީގައި ބޭއްވި އަންނައުނު ބަލާކަމަށް ރޭގައި ފުރާޅަށް އެރީ. އާރުޑީސީ ފުރާޅު މިއީ އަންނައުނު އަޅުވާ އަލަމާރިއެއްތަ؟ pic.twitter.com/sCwKZ47gw7
— ??مريم ?? (@Nannaxeev) August 20, 2021
އާރްޑީސީ ކުންފުނީގެ އޮފީސް ސީލިންގް ވައްޓާލައިގެން ވަދެ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މީހަކު ވަނީ ވައްކަން ކޮށްފައެވެ. އަދި އޭގެ ކުރިން ދެ ފަހަރެއްގެ މަތިންވެސް މި އޮފީސް ވަނީ ފަޅާލާފައެވެ. އޭގެ ކުރިން އެ އޮފީސް ފަޅާލާފައިވަނީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. އެފަހަރު 3000 އެއްހާ ރުފިޔާ ވަގަށް ނަގާފައި ވެއެވެ. އެ މައްސަލާގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
އަދި އޭޕްރީލް މަހުގެ 17 ވަނަ ދުވަހުވެސް އެ އޮފީސް ފަޅާލައި ވައްކަން ކުރިއެވެ. އެ ފަހަރު ލައްކައެއްހާ ރުފިޔާ ވަނީ ވަގަށް ނަގާފައެވެ. އެހެން ނަމަވެސް އެންމެ ފަހުން އެ އޮފީސް ފަޅާލައި ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން އަދި އެނގިފައެއް ނުވެއެވެ.
އާރުޑީސީގެ އޮފީހަށް ގެއްލުންދީ، އެ ތަނުން ވައްކަން ކުރަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ބުނެ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވަނީ އިދިކޮޅުފަރާތްތަކަށް ބޮޑު ތުހުމަތެއް ކުރައްވާފައެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ފުލުހުން ބުނެފައި ވަނީ އާރްޑީސީން ވައްކަން ކުރުމުގައި ސިޔާސީ އެއްވެސް ބަޔަކާ ގުޅުމެއް ނެތް ކަމަށެވެ.
އާރްޑީސީގެ މައި އޮފީސް ހުންނަނީ އޯކިޑް މަގުގައިހުންނަ މޯލްޑިވްސް ޝިޕިން ލިމިޓެޑުގެ އިމާރާތުގައެވެ.
ކޮމެންޓު ފޮނުވާ