އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހުލޫފް މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތެއް ކުރަމުން ނުގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މަހްލޫފަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުގެންދާ ކަމަށާއި ނަމަވެސް ކުރިން ހޯދާފައިިވާ ހެކިތަކާ ބެހޭ ބައެއް ކަންތައްތައް ޕީޖީ އޮފީހަށް ސާފުކޮށްދިނުން ކުރިއަށް ގެންދާ ކަމަށެވެ. އެ އެކަންތައްތައް ފުލުހުންނަށް އިތުރަށް ސާފުކޮށްދޭން މަސައްކަތް ކުރަނީ އޭނާ ވިދާޅުވި ގޮތުގައި ޕީޖީ އޮފީހުން އެދިގެންނެވެ.
ފުލުހުން މިހެން ބުނެފައިވަނީ މަހުލޫފުގެ މައްސަލާގަައި ފުލުހުންނާ ގުޅިގެން މައްސަލައަށް ކޮންމެހެން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހޯދަމުންދާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނިކޮށެވެ.
މަހުލޫފަށް ދައުވާ ކުރުމާއިމެދު ގޮތެއް ނުނިންމި ކިތަންމެ ދުވަހެއް ހޭދަވިޔަސް، ހޯދެން ހުރި ހުރިހާ ހެއްކެއް ނުހޯދެނީސް އެކަމުގައި ގޮތެއް ނުނިންމަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މަހުލޫފްގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމޭނެ ތާރީހެއް ބުނަން އަދިވެސް ދަތި ކަމަށެވެ. އެމައްސަލައަކީ މުއްދަތު ނުހިނގާ މައްސަލައަކަށް ވުމުން ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނީ ލިބެން ހުރި ހުރިހާ ހެކިތަކެއް ހޯދުމަށްފަހުގައި ކަމަށް ޕީޖީ ވިދާޅުވިއެވެ.
އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ހުށައަޅައިފައިވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާ ކަމަށެވެ.
ތުހުމަތުތަކުން ދިފާއުވުމަށް މަހުލޫފު ކުރިން ވިދާޅުވީ، އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.