އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އަހަރުގެ ދެވަނަ ކުއާޓާގައި، ދަޢުވާ ކުރުމަށް ޕީޖީ އޮފީފަށް ފޮނުވުނީ 5 މައްސަލަ ކަމުގައި އޭސީސީން ހާމަކުރައްވައިފިއެވެ.
ދެވަނަ ކުއާޓާގައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، 2016 ވަނަ އަހަރު އއ.މަތިވެރީ ކައުންސިލްގެ އިދާރާގެ ޕިކަޕު "ޒީސްކް މޯލްޑިވްސް" ގަރާޖާ އެ މަސައްކަތް ހަވާލުކޮށް، އެ ފަރާތަށް ނާޖާއިޒު ފައިދާ ހޯދާދިފައިވާ މައްސަލައާއި، 2016 ވަނައަހަރު ރ.ރަސްމާދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ހޯދުމަށް ރ.ރަސްމާދޫ ކައުންސިލްގެ އިދާރާއިން ފައިސާ ނަގާފައިވީނަމަވެސް، ޕިކަޕު ގަނެފައިނުވާ ކަމަށް ބުނާ މައްސަލައެވެ.
މީގެ އިތުރުން ދައުވާ ކުރަން ފޮނުވުނު މައްސަލަތަކުގެ ތެރޭގައި، މާލޭގެ ގޯއްޗެއް ޙައްޤުނޫން ފަރާތަކަށް ވިއްކާފައިވާ މައްސަލާގައި، ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު، ނާއިފު ޝައުކަތާއި، އެ މިނިސްޓްރީގެ އެގެޒެކިއުޓިވް ކޯޑިނޭޓަރ ޙަސަން ވަޙީދުގެ މައްޗަށް ދަޢުވާކުރަން ފޮނުވި މައްސަލަވެސް ހިމެނެއެވެ.
ދެވަނަ ކުއާޓާގައި ދައުވާކުރި މައްސަލަތަކުގެ ތެރޭގައި، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 02 ފާޚާނާއެއް ހެދުމުގެ މަސައްކަތް މާލިއްޔަތު ގަވާއިދާ ޚިލާފަށް އަދި އެ މަރުކަޒުގެ މުވައްޒަފެއްގެ ކުންފުންޏަކާ ހަވާލުކޮށްގެން ކޮށްފައިވާކަމަށް ބުނާ މައްސަލައިގެ އިތުރުން ގއ.ނިލަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރު ކުރީކޮޅު ކޮށްފައިވާ އިޢުލާނާ ގުޅިގެން އެކަމަށް އެދި 03 ފަރާތަކުން ހުށަހަޅާފައިވާއިރު، ސްކޫލުގެ ޕްރިންސިޕަލްގެ ޢާއިލާގެ މެންބަރަކަށް އެ މަސައްކަތް ޙަވާލުކޮށްފައިވާކަމަށް ބުނާ މައްސަލައެވެ.
އަހަރުގެ ދެވަނަ ކުއާޓާގައި އޭސީސީން ޕީޖީ އޮފީގަށް 5 މައްސަލައެއް ދައުވާ ކުރަން ފޮނުވާފައިވާއިރު، ފުރަތަމަ ކުއާޓާގައި އޭސީސީން ވަނީ 3 މައްސަލައެއް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ.