އަދާލަތުން ބޭނުންވާ އިރެއްގައި ކޯލިޝަން ރޫޅާލާނެކަން އެނގޭ: ނަޝީދު

އަދާލަތުން ބޭނުންވާ އިރެއްގައި ކޯލިޝަން ރޫޅާލާނެކަން އެނގޭ: ނަޝީދު

ގުޅުންހުރި

ވެރިކަން ކުރާ ކޯލިޝންގައި ހިމެނޭ އަދާލަތު ޕާޓީން ބޭނުންވާ އިރެއްގައި ކޯލިޝަން ރޫޅާނެކަން އެމްޑީޕީއަށް އެގޭކަމުގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީން ގަބޫލުކުރާ އަސާސްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚިލާފުވެއްޖެނަމަ ކޯލިޝަން ރޫޅާލައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން އަދާލަތުން ފަހަރެއްގައިވެސް ފަހަތަށް ނުޖެހޭނެ ކަމަށް އަދާލަތުޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އިމްރާންގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ގިނަ ބޭފުޅުންދަނީ އިމްރާނަށް ރައްދު ދެއްވަމުންނެވެ. ރައީސް ނަޝީދުގެ އެލެކްސް އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަދާލަތު ޕާޓީން ބޭނުންވާ ކޮންމެ ވަގުތެއްގައި ކޯލިޝަނުން ވަކިވާނެކަމީ އަބަދުވެސް ގަބޫލު ކުރާ ހަގީގަތެއްކަމަށެވެ. ކޮންމެ ހުއްޖަތެއް ދައިކައިގެން ކޯލިޝަނުން އަދާލަތު ވަކިވާން ބޭނުވެއްޖެނަމަ އެކަން ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދާލަތު ޕާޓީނުންވާ އިރެއްގައި ބޭނުންވާ ހުއްޖަތެއް ދައްކައި، އިއްތިހާދު ރޫޅާލާނެ، ކަމީ އަބަދުވެސް އެމްޑީޕީ އަށް އެގި އޮތް ހަގީގަތެއް.

– އެލެކްސް އެކައުންޓުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް 16 އަހަރު ފުރުމާ ގުޅިގެން އެޕާޓީން ރޭ ބޭއްވި ޢާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ރައީސުލްޖުމްހޫރިއްޔާ، ރައްކާތެރިވެވަޑައިގެން ހުންނަވައި ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދެއްވާހާ ހިނދަކު އެމަނިކުފާނާއި އަދާލަތު ޕާޓީ އިންޗިހެއްހާ މިންވަރުވެސް ދުރަަށް ނުދާނެކަމުގެ ކަމަށެވެ.

2005ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެދި މިއަދާހަމައަށްވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް ހަމަޖެހުން ނާންނަކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ 2008އިން ފެށިގެން އުފެދުނު ސަރުކާރުތަކުގެ ބައިވެރިންގެ މެދުގައި މައްސަލަ ޖެހި ކޯލިޝަންތައް ރޫޅިގެން ދިޔަނަމަވެސް މިއަދު މިއޮތް ކޯލިޝަން ސަރުކާރުގައި އެމަންޒަރު ފެންނަގޮތް ތަފާތުކަމަށެވެ.

އެގޮތުން ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވި ބަސްފުޅާއެއްގޮތަށް އެމަނިކުފާނު ސާބިތުވެ ހުންނެވިކަމަށާއި، އަދާލަތު ޕާޓީއަކީ އަދުގެ ސަރުކާރުގައި މުހިއްމު ބައިވެރިއެއްކަމަށް އިމްރާން ވިދާޅުވިއެވެ. މީގެ އިތުރުން އިމްރާން ވިދާޅުވީ ސަރުކާރުގައި އެޕާޓީ ތަމްސީލުކުރަނީވެސް ޤާބިލު ބައެއް ކަމަށެވެ. އިމްރާން އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީގައި މަސައްކަތްކޮށް ކުރިއަށްދިއުމުގެ ފުރުސަތު ޒުވާނުންނާއި ދެ ޖިންސުގެ ހުރިހާ ރައްޔިތުންނަށް ވެސް އޮންނާނެ ކަމަށާއި އަދާލަތަކީ ކުރިމަގު އޮތް ޕާޓީއެއް ކަމަށެވެ.

ރާއްޖޭގައި ތިން ވަނައަށް އުފެދުނު ސިޔާސީ ޕާޓީކަމުގައިވާ އަދާލަތު ޕާޓީ ކުރިއަރުވައި އިތުރަށް ފުރިހަމަކުރުމަށް ޕާޓީގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންގެންދާކަމަށާއި، އެގޮތުން ޕާޓީ ތަރުތީބުކުރުމަށް ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލަމުންދާކަން ވެސް އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ