ރާއްޖޭގެ ހަރުމުދާ ރަހުނުކޮށްގެން ދަރަންޏަށް ފައިސާ ނެގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ދައުލަތަށް ފައިސާ ހޯދުމަށްޓަކައި މާލޭގެ ސްކޫލުތަކެއް ރަހުނުކުރަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފެތުރުމާއި ގުޅިގެން ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ އެއްވެސް ވަރަކަށް ރަހުނެއް ބަހައްޓައިގެން ދައުލަތަކަށް ލޯނެއް ނެގުމަށް މަސައްކަތް ކޮށްފި ނަމަވެސް ލޯނުދޭ މާލީ އިދާރާތަކުން މިހާރު ލޯނު ދިނުމުގައި ބަލަނީ ގައުމުގެ އިޤްތިސާދާއި ލޯނު އަނބުރާ ދެއްކޭނެ ގާބިލުކަން ހުރި މިންވަރަށް ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ރަހުނު ކޮށްގެން ލޯނު ނެގުމަކީ މިހާރު އެއްވެސް ސަރުކާރަކުން ކުރާކަމެއް ނޫންކަމަށްވެސް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ތަރައްގީގެ ތެރެއިން, ރާއްޖެ އިސްލާމީ ފައިނޭންސްގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި އިސްލާމީ ފައިނޭންސް އުސޫލުންވެސް ތަނެއް ރަހުނު ނުކުރާނެ ކަމަށެވެ.
އިމާރާތްތައް ރަހުނު ކުރުމުގެ ވާހަކަތަކެއް ދެކެވެމުން ދަނީ ސަރުކާރު ބިންތައް މިނިސްޓްރީއަށް ރަޖިސްޓަރ ކުރަން މާލެ ސިޓީ ކައުންސިލްގައި އެދިފައިވާތީކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިހާރު މި ދެކެވޭ ވާހަކަތަކަކީ އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތްތައް އޮފުކަނޑުވާލަން ދެކެވޭ ހަގީގަތާ ޚިލާފު ވާހަކަތަކެއް"
– އަމީރު
އަމީރު ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކުގެ ބޭނުމަށް ބޭނުންކުރެވޭ ބިންތައް ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީއަށް ބަދަލުކުރުމަށް ސިޓީކައުންސިލްގައި އެދިފައި ވަނީ ދައުލަތުގެ އެސެޓް ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއެއް ކަމުގައި ވާތީކަމަށެވެ. އެގޮތުން ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ ވެސް ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީއަށް ބަދަލުކުރުމަށް އެދިފައި ވާނެކަމަށް އަމީރު ވިދާޅުވިއެވެ.
މި އަހަރަށް ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.