ރައްޔިތުން މަޖިލީހުގެ މާމިގިލީ ދައިރާގެ މެމްބަރު ގާސިމް އބްރާހިމް މިދިޔަ އަހަރާއި، އަދި މިއަހަރުގެ ނިމިދިޔަ ދެ އައުރުގެ ޖަލްސާތަކަށްވެސް ވަޑައި ނުގެން ހުންނެވުމަށްފަހު އަހަރުގެ ފަހު ދައުރުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ޤާސިމް ވަނީ މިއަދުގެ ޖަލްސާއަށް ވަޑައިގެންފައެވެ. މިއީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރަށް ވެފައި މިދައުރުގައި މަޖިލީހުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަވަނީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފާސް ކުރުމެވެ. މަޖިލީހަށް ޤާސިމް ވަޑައި ނުގަންނަވާތީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެކަންފާހަގަކޮށް ގާއިމް ވަޑައި ނުގަންނަވާ ދުވަސްތަކުގެ ތަފްސީލް ދެއްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހަށް ސަލާމް ފޮނުވުމުގައި ވަރަށް ގިނަ ދުވަހު ސަލާމްގައި ތިއްބަވާ މެމްބަރުން އެބަ ފާހަގަވާކަމަށެވެ. މިގޮތުން އދ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިދިޔަ އަހަރު އެއްކޮށް ހުންނެވީ ސަލާމުގައިކަމަށް ރައީސް ނަޝީދު ވިދަޅުވިއެވެ. އަދި މިއަހަރުގެ މިދައުރުގެ މިހާތަނަށްވެސް ގާސިމް ގެންދަވަނީ ސަލާމް ވިދާޅުވަމުންކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ ދަފްތަރަށާއި، ކޮމިޓީތަކަށް އައިސްފައިވާ ބަދަލުތައް އައިސްފައެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ޖުމްހޫރީ ޕާޓީގެ ނާޒިމް އާއި، ރިޔާޒު ޕާޓީން ވަކިވުމުން އައިބަދަލެވެ.
ނާޒިމްއާއި ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. ނާޒިމްއާއި، ރިޔާޒު ޖޭޕީން ވަކިވުމުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 3 އަށް ވެއްޓިފައެވެ. އަދި ނާޒިމް އުފައްދަވާ ޕާޓީގެ ދެ މެމްބަރުންގެ ގޮތުގައި ނާޒިމްއާއި، ރިޔާޒު ވަނީ ކަނޑައަޅުއްވާފައެވެ. ދަފްތަރަށް މިހާރު އައި ބަދަލާއެކު މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 65 މެމްބަރުންނާއި، ޕީޕީއެމްގެ 6 މެމްބަރުންނާއި، ޖޭޕީގެ 3 މެމްބަރުންނާއި، ޕީއެންސީގެ 3 މެމްބަރުންނާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސްގެ 2 މެމްބަރުންގެ އިތުރުން މިނިވަން 8 މެމްބަރުންނެވެ.