އަފްއާނިސްތާނުގެ ރައީސް އަޝްރަފް ޢަނީ: ތާލިބާނުން ކާބުލް ހިފުމަށް ތައްޔާރު ވަމުންދާއިރު، މިހާރުވަނީ ގައުމު ދޫކުަރއްވާ ވަޑައިގެންފަ

އަފްއާނިސްތާނުގެ ރައީސް ގައުމު ދޫކުރައްވާ ވަޑައިގެންފި

އަފްއާނިސްތާނުގެ ރައީސް ގައުމު ދޫކުރައްވާ ވަޑައިގެންފި

ތާލިބާން ހަގުރާމަވެރިން އަފްއާނިސްތާންގެ ވެރިރަށް ކާބުލް ވަށާލާ، ކާބުލްއަށް ވަދެގަތުމަށް ތައްޔާރު ވެފައިވާއިރު، އަފްއާނިސްތާނުގެ މިޙާރުގެ ރައީސް އަޝްރަފް ޢަނީ ގައުމު ދޫކުރައްވާ އަވައްޓެރި ތަޖިކިސްތާނަށް ވަޑައިގެންފިކަން، އަފްއާނިސްތާނުގެ ޗީފް ޕީސް ނެގޯޝިއޭޓަރ އަބުދުﷲ އަބުދުﷲ ވިދާޅު ވެއްޖެއެވެ.

އަފްއާނިސްތާންގެ ރައީސް ގައުމު ދޫކުރައްވާ ވަޑައިގެންފައި މިވަނީ، ފާއިތުވި ދެ ހަފްތާ ތެރޭގައި، އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަގުރާމަ ކުރަމުންދާ ތާލިބާން ހަގުރާމަވެރިން، އަފްއާނިސްތާނުގެ 34 ޕްރޮވިންޝަލް ކެޕިޓަލްގެ ތެރެއިން 26 ކެޕިޓަލް ސިޓީ އެޖަމާއަތުގެ ބާރުގެ ދަށަށްގެނެސް، އެންމެފަހުން ވެރިރަށް ކާބުލް ވަށާލާ، އަދި މިހާރު އަފްއާން ސަރުކާރާއެކީ، ބާރުތަށް އަތުލުމަށް އެޖަމާއަތުން މަޝްވަރާ ކުރަމުން ދަނިކޮށެވެ.

"އަފްއާނިސްތާނުގެ ކުރީގެ ރައީސް ގައުމު ދޫކުރައްވާ ވަޑައިގެންފި،" ގައުމީ ސުލްހައިގެ ކައުންސިލްގެ އެންމެ އިސްވެރިޔާގެ މާގާމް އަދާކުރައްވަމުން ގެންދަވާ އަބުދުﷲ އޭނާގެ ފޭސްބުކް ޕޭޖުގައި އާންމު ކުރި ވީޑިއޯއެއްގައި ވިދާޅުވެފައި ވެއެވެ.

ހަމައެއާއެކު، ތާލިބާން އޮފިޝަލުން ރޮއިޓާސްއާއި ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ އަޝްރަފް ޢަނީ ގައުމު ދޫކުރައްވާ ވަޑައިގެންނެވި ރިޕޯޓުތައް ކަށަވަރު ކުރެވޭތޯ އެޖަމާއަތުން ދަނީ މަސައްކަތް ކުރަމުން ކަމުގައެވެ.

ތާލިބާންގެ ހަގުރާމަވެރިން އަދީއްތަދުވަހު، ވެރިރަށް ކާބުލް ވަށާލާފައި ވާއިރު، ގަތަރުގައި މިވަގުތި ތިބި ތާލިބާނުންގެ ލީޑަރޝިޕުން ބުނެފައިވަނީ، އެ ޖަމާއަތުގެ ހަގުރާމަވެރިންނަށް، އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށާއި، އަދި ކާބުލް ދޫކޮށް ދިއުމަށް އެދޭ ކޮންމެ މީހަކަށް އެފުރުސަތު ދިނުމަށް އެންގިފައިވާ ކަމަށެވެ.

އަފްއާނިސްތާނުގެ މިހާރުގެ ރައީސް ގައުމު ދޫކުރައްވާ ވަޑައިގެންފައި ވާއިރު، ދުނިޔޭގެ ގައުމުތަކުން ދަނީ ވެރިރަށް ކާބުލްގައި ތިބި އެގައުމުތަކުގެ ޑިޕްލޮމޭޓުންނާއި އަދި އާންމުން ކާބުލްއިން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެމެރިކާ އަދި އިނގިރޭސިވިލާތުން ބުނެފައިވަނީ، ކާބުލްގައި ތިބި އެގައުމުތަކުގެ ރައްޔިތުން އަފްއާނިސްތާނުން ބޭރަށް ގެންދިއުމަށް، އެގައުމުތަކުގެ އަސްކަރިޔާއިން ހަރަކާތްތެރިވަމުން ދާކަމުގައިވެސް ބުނެފައެވެ.

އަދި އެމެރިކާގެ ރައީސް ޖޯބައިޑްން ވަނީ، ކާބުލްގައި މިވަގުތު ތިބި އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެއްވެސް މީހަަކަށް ތާލިބާނުން އަނިތާއެއް ދީފިނަމަ، އޭގެ ބަދަލު އެމެރިކާގެ އަސްކަރިއްޔާއިން ހިފާނެކަމަށް ވިދާޅުވެ ތާލިބާނުންނަށް އިންޒާރު ދީފައެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީއާއި ހަވާލާދީ، އެގައުމުގެ ރަސްމީ ނޫސް އޭޖެންސީ ރިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތާލިބާނުންނަކީ އަފްއާނިސްތާނުގެ ގާނޫނީ ސަރުކާރު ކަމުގައި އެގައުމުން ބަލައި ނުގަންނާނެ ކަމަށް ފޮރިންގ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ރިއާ ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގައުމުން ބޭރަށް ވަޑައިގެންނެވުމަށްފަހު، އަފްއާނިސްތާނުގެ ރައީސް އަޝްރަފް ޢަނީ ރަޝިޔާއަށް ވަޑައިގެންނެވުމަކީ ދުރުކަމެކެވެ.

ތާލިބާން ހަގުރާމަވެރިން، ކާބުލްއަށް ވަންނަ ގޭޓް ކައިރީގައި ހަތިޔާރާއެކީ ހަރަކާތްތެރިވަނީ

ތާލިބާން ހަގުރާމަވެރިން ވެރިރަށް ކާބުލްއަށް ވަދެގެންފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރަމުންދާއިރު، މީގެ އިރުކޮޅެއްކުރިން، ގަތަރުގެ ދޯހާގައި ތިބި، ތާލިބާން ލީޑަރޝިޕްއިންވަނީ، އެސިޓީ ގަދަބާރުން ހިފުމަށް ނިންމާފައި ނުވާކަން ހާމަކޮށް ބަޔާނެއްވެސް ނެރެފައެވެ. އަދި، ކާބުލްގެ ގޭޓްތައް ފަހަނައަޅާ ކުރިޔަށް ނުޖެހުމަށް، ހަގުރާމަވެރިންނަށް އިރުޝާދު ދީފައިވާ ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

“އިންތިގާލީ މަރުހަލާ، ރައްކާތެރިކަމާ، ސަލާމަތްތެރިކަމާއެކީ، އެއްވެސް މުދަލަކަށް އަދި އެއްވެސް މީހަކަށް ގެއްލުން ނުދީ ފުރިހަމަ ކުރުމަށް މަޝްވަރާތައް ދަނީ ކުރިޔަށް،” ތާލިބާންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި، ބޭންކުތަކާއި، ފިހާރަތަކާއި، ވިޔަފާރަވެރީންނަށްވެސް އެމީހުންގެ ފައިސާއާއި މުދާ ހަގުރާމަވެރިން ފޭރި ނުގަންނާނެކަން ޔަގީން ކޮށްދިނުމުގެ ގޮތުން، ތާލިބާނުންވަނީ އިތުރު ބަޔާނެއްވެސް ނެރެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *