ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރާއިރު، ކެމްޕެއިން ކުރެއްވި ބޭފުޅުން ސްޕްރީމްކޯޓުގައި: ޝުޖާ

ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރާއިރު، ކެމްޕެއިން ކުރެއްވި ބޭފުޅުން ސްޕްރީމްކޯޓުގައި: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 08:54
0

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކުރި މައްސަަލައިގައިކަމަށް ބުނެ ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރާއިރު، ރައީސް ޞާލިހަށް ކެންޕެއިން ކުރެއްވި ފަނޑިޔާރުން މިއަދު ތިއްބެވީ ސްޕްރީމްކޯޓަށް އައްޔަން ކޮށްފައިވާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުކޫރު ވަކިކުރުމަށް ޖޭއެސްސީން ނިންމައި، މަޖިލީހަށް ފޮނުވާފައިވާއިރު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އޭނަ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމާފައެވެ. ޝުކޫރު ވަކި ކުރަން ނިންމި ނިންމުމާއި ގުޅޭގޮތުން ޝުޖާ ވިދަޅުވީ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން އުޅެނީ ވަކި މަޤްސަދެއްގައިކަމަށެވެ. އެންމެބޮޑު ސަބަބަކީ ޝުކޫރަކީ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމްގެ އާއިލީ ބޭފުޅަކަށް ވުމުންކަމަށެވެ.

ފަނޑިޔާރުން ސިޔާސީ މަސައްކަތްތަކުގައި އުޅުއްވިކަމަށް ތުހުމަތުކޮށް މަޤާމުން ވަކިކުރައްވާއިރު، މިއަދު ސްޕްރީމް ކޯޓުގެ ބެންޗާއި، އެނޫން ކޯޓްތަކަށް ބަލައިލުމުންވެސް ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ކޮން ބޭފުޅުންނެއްކަން ރައްޔިތުންނަށް ނޯޅޭކަމަށް ޝުޖާ ވިދާޅުވިއެވެ. ދައުލަތުގެ އެންމެ މަތީ ކޯޓުގައިވެސް މިއަދު ތިއްބެވީ ރައީސް ޞާލިހަށް ކެމްޕެއިން ކުރެއްވުމުގައާއި، މަޖިލިސް މެމްބަރުންނަށް ކެންޕެއިން ކުރެއްވުމުގައި އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅުންކަމަށް ޝުޖާ ވިދާޅުވިއެވެ.

މި މެޖިސްޓްރޭޓް ވަކިކުރަން ނިންމީ ކެމްޕެއިން ކޮށްގެން ނޫން. ވަކިކުރަން ނިންމީ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމްގެ ކޮއްކޮއަކަށް ވުމުން. މިއީ މިއަދުގެ އިންސާފު. ޞާލިހަށް ކެމްޕެއިން ކުރެއްވި މީހުންނާއި، ފަނޑިޔާރުން ސްޕްރީމްކޯޓަށް. މި އިންސާފު ރަނގަޅުތޯ؟

– އިބްރާހިމް ޝުޖާ

ޝޫކުރަށް ގިނަ ތުހުމަތުތަކެއްކޮށް އެކަންކަން ސާބިތުވާތީވެ، ޖޭއެސްސީން އޭނާ ވަކިކުރުމަށް މަޖިލީހަށް ފޮނުވީ މިމަސް ތެރޭގަ އެވެ. މައިގަނޑު ގޮތެއްގައި ކޮށްފައިވާ ތުހުމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ހޯދުމަށް އަމަލީގޮތުން ކެމްޕެއިން ކުރި މައްސަލައާއި ހައްޔަރުގައި ހުރި މީހެއްގެ ވަކީލަކު ދިން ސީޓީ އުރައަކާ ހަވާލުވި ކަމަށް ބުނާ ތުހުމަތެވެ.

އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ނިންމާފައިވާއިރު، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ އިތުރު މައްސަލަތައްވެސް ޖޭއެސްސީން ދަނީ ތަހްޤީޤުކުރަމުންކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

1. ފުލުހުން ކޯޓު އަމުރެއް ހޯދަން ދިއުމުން އަމުރު ދިނީމާ ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކް ވެފައި އޮންނަ ކަމަށާއި އެކަމުގެ ސަބަބުން ހެކި ނެތިގެން ދާކަމަށް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލަ
2. މަސްތުވާތަކެއްޗާއި ގުޅުން އޮންނަ ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވުމާއި ހައްޔަރުކުރެވޭ ފަރާތްތައް އަޙްމަދު ޝުކޫރު ގާތްގުޅުމެއް ބޭއްވުން.
3. ގއ.ވިލިނގިއްޔަށް ނިސްބަތްވާ މަސްތުވާތަކެއްޗާއި އަދި އެހެނިހެން ކުށްތަކާއި ގުޅުން އޮންނަ ފަރާތްތަކުގެ މައްސަލަތައް ސާބިތުނުވާކަމަށް ޙުކުމްކުރަމުން ދިއުމުގެ މައްސަލަ.
4. ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ އަމަލުތަކެއް ކޮށްފައިވުން.
5. ފަހުގެ ތާރީޚްގައި ގއ.ވިލިނގިލިންނާއި، އަތޮޅުގެ އެހެން ރަށްރަށުން ބަންދާއި މެދު ގޮތެއް ނިންމުމަށް ގެންނަ ފަރާތްތައް ހެކި ހުންނަ ޙާލަތްތަކުގައި އެއްވެސް ސަބަބެއް ނެތި ދޫކޮށްލައި ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ.
6. ފުލުހުން ކޯޓަށް ޙާޟިރުކޮށް އިންޒާރުދިންކަމަށް ބުނާ މައްސަލަ.
7 ތަޙްޤީޤުކުރަމުން އަންނަ މައްސަލަތަކުގައި ކޯޓަށް ދާ ފުލުހުންނަށް ޖެއްސުންކުރުމާއި، ތުހުމަތުކުރެވޭ ފަރާތްތަކުގެ ކުރިމަތީގައި ފުލުހުންގެ އަގު ވައްޓައި ތުހުމަތުކުރެވޭ ފަރާތްތައް ދިފާޢުކުރާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ.
8. ގއ.މާމެންދޫ ސްޓަރލައިޓް އަބޫބަކުރުގެ ފުނަގަސްތަކެއް ކަނޑައި ބޭނުންކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހެޅުމުން، އެ ގަސްތަކުގެ ބަދަލުދޭން ޙުކުމް ކޮށްފައި ވާތީ އެ ބަދަލު ލިބިގަތުމަށް ގއ.މާމެންދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ ލަސްކުރަމުން ދާކަމަށް ބުނާ ޝަކުވާ.

މިމައްސަލަތަކަކީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައިގެ އިތުރުން ޖޭއެސްސީން ތަޚްޤީޤު ކުރަމުންދާ އިތުރު މައްސަލަތަކެއްކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.