އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން 3-0 އިން އަލަށް ޕްރޮމޯޓްވި ނޯވިޗް ސިޓީ އަތުން މޮޅުވެއްޖެއެވެ.
މެޗުގައި ލިވަޕޫލަށް 26 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ޑިއޯގޯ ޖޮޓާއެވެ. ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަހަކުން ސަލާހު ފައިން ޖައްސާލި ބޯޅަ އޭރިއާތެެރެއިން ލިބުނީ ޖޮޓާ އަށެވެ. އޭނާ ވަނީ ނޯވިޗްގެ ކީޕަރު ޓިމް ކްރުލް ފައި ކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގައި ނޯވިޗްގެ ޓީމޫ ޕޫކީ ޖެހި ޝޮޓެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވައިފައެވެ.
ލިވަޕޫލަށް ލީޑުފުޅާކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ސަލާހު ހުސްކޮށްލާފައި ދިން ބޯޅަ ފިރްމީނޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މިއީ ލިވަޕޫލުން ނޯވިޗް ދަނޑުގައި ޖެހިޖެހިގެން ހޯދި އަށް ވަަނަ މޮޅެވެ. އަދި ނޯވިޗް އަތުން ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް ލިވަޕޫލް ބަލިވެފައި ނުވެއެވެ.
މި މެޗުގައި ސަލާހު ޖެހި ގޯލާ އެކު އޭނާ ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ޖެހިޖެހިގެން ފަސް ސީޒަނުގެ ފުރަތަމަ މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ހަތަރު ސީޒަނުގެ ފުރަތަމަ މެޗުގައި ގޯލު ޖެހި ކުރީގެ ފޯވާޑް ޓެޑީ ޝެރިންހަމް އަތުގައެވެ.
މެޗުގައި ލިވަޕޫލުން ވަނީ ފުރަތަމަ އެގާރައިން ވާޖިލް ވެން ޑައިކަށް ފުރުސަތު ދީފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަަބަބުން ކުޅުމާ ދުރަށްދާން ޖެހުނު ވެން ޑައިކަށް މިދިޔަ ސީޒަން އެއްކޮށް ގެއްލުނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ނުކުޅެވުނު ވެން ޑައިކް އަލުން އެނބުރި އައިސް ފުރަތަމަ މެޗެއް ކުޅުނީ ލިވަޕޫލްގެ ޕްރީ ސީޒަނުގައެވެ.