ޖުމުހޫރީ ޕާޓީގެ ސްޕޯކްސް ޕާސްންކަމުގެ މަގާމުގައި ހުންނެވި، ކުރީގެ ޓީވީ ޕްރެސެންޓަރ އަހުމަދު އަނޫޝް، މަޖިލިސް ބައެއް މެމްބަރުން އިސްވެ އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެމްއެންޕީއާއި ގުޅިވަޑައިގެންފިކަމަށް ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.
ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ރައީސް މައުމޫންގެ ރީފޯމް މޫވްމަންޓުގައި މަސައްކަތް ކުރައްވަމުން ގެންވި އަނޫޝް ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވީ، 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި ޖުމުހޫރީ ޕާޓީއާއި އޭރު ގުޅިވަޑައިގެންނެވުމާ އެކު، އެޕާޓީންވަނީ އޭނާ ޖޭޕީގެ ސްޕޯކްސް ޕާސަންކަމުގައި ހަމަޖައްސަވާފައެވެ.
ކުރީގެ ޓީވީ ޕްރެސެންޓަރ އަހުމަދު އަނޫޝް އެމްއެންޕީއާއި ގުޅިވަޑައިގަތުމަށްފަހު، މިހާރު ގެންދަވަނީ، އެޕާޓީން ކުރިޔަށް ގެންދާ، ޕާޓީގެ ސިޔާސަތުތަކާއި ގުޅޭގޮތުން ބަހުސް ކުރުރުމަށްޓަކާ ބާއްވާ ކުލަބް ހައުސް ޕްރޮގްރާމްތައް ހުށަހަޅުއްވައި ދެއްވަމުންނެވެ.
އަހުމަދު އަނޫޝް އެމްއެންޕީއާއި ގުޅިވަޑައިގަތުމާއި ގުޅޭގޮތުން ރަސްމީ ސިފައެއްގައި އެމްއެންޕީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީގައި އިސް ދައުރެއް އަދާކުރެއްވި ދެ ބޭފުޅުން ކަމުގައިވާ، ދަގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމްއާއި އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް އިސްވެ ތިއްބަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެމްއެންޕީއާއި ދާދި ފަހުންވަނީ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް، އަދި އެޕާޓީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އައި މިރުފަތު އިސްމާއިލް ޝަފީޤްވެސް ގުޅިވަޑައިގެންފައެވެ.
މީގެއިތުރުންވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތެރި ވަމުންދާ އެހެން ބައެއް ބޭފުޅުންވެސް ދަނީ އެންއެންޕީއާއި ގުޅިވަޑައި ގަންނަވަމުންނެވެ. އޭގެތެރޭގައި، ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި ޕީޕީއެމްގެ ވެރިކަމުގައި އިންޑިއާގެ ސަފީރުކަން ކުރެއްވި އަހުމަދު މުހައްމަދު (އަންޑޭ)ވެސް ހިމެނިވަޑައިގަންނަވައެވެ.
އެމްއެންޕީން ހާމަ ކޮށްފައިވާ ގޮތުގައި ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށްޓަކާ ރާއްޖެތެރޭގެ އެކިރަށްތަކަށް ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރަށް އަވަހަށް ޕާޓީގެ ވަފުދެއް އައްޑުއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިވައެވެ. އަދި މިދަތުރުގައި އައްޑޫގެ ވަރަށް އިސްބޭފުޅުންކޮޅެއް އެމްއެންޕީއަށް ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެޕާޓީން މިހާރު ގެންދަނީ، އައްޑު އަތޮޅު ހިތަދޫގައި އެޕާޓީގެ އޮފީހެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޕީއަށް މެންބަރުން ހޯދުމަށް ގިނަ ހަރަކާތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މީގެކުރިން ކާނަލް ނާޒިމް ވިދާޅުވެފައި ވެއެވެ.
އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފަ އެވެ.
ކޮމެންޓު ފޮނުވާ