އެމްއެންޕީން 11 ރަށެއްގައި މެންބަރުން އިތުރުކުރުމަށް ފޯކަލް ޕޮއިންޓުން ކަނޑައަޅައިފި

އެމްއެންޕީން 11 ރަށެއްގައި މެންބަރުން އިތުރުކުރުމަށް ފޯކަލް ޕޮއިންޓުން ކަނޑައަޅައިފި

Author
މުޙައްމަދު ޖިމީ
13 އޮގަސްޓް 2021 11:26
0

ރައްޔިތުންގެ މަޖިލިހުގެ ދަގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްވެ ހުންނަވާ، އުފެއްދުމަށް މަސައްކަތް ކުރަމުންދާ މޯލްޑިްވސް ނޭޝަނަލް ޕާޓީން، އެޕާޓީއަށް މެންބަރުން އިތުރުކުރުމަށް ބައެއް ރަށްރަށުގައި ފޯކަލް ޕޮއިންޓުން ކަނޑައަޅައިފިއެވެ.

އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ތިމަރަފުށީ ދާއިރަގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ، އޮގަސްޓު 5ން 12ށް ކޮޅުމަޑުލަށް ކުރި ދަތުރުގައި އެއަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ މަޢުލޫމާތު ހިއްސާކޮށް އެރަށްރަށުގައި އެމްއެންޕީގެ ފޯކަލް ޕޮއިންޓްސް ހަމަޖައްސާފައިވާކަމަށެވެ.

އަދި އެމްއެންޕީން ހާމަ ކޮށްފައިވާ ގޮތުގައި ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށްޓަކާ ރާއްޖެތެރޭގެ އެކިރަށްތަކަށް ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރަށް އަވަހަށް ޕާޓީގެ ވަފުދެއް އައްޑުއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިވައެވެ. އަދި މިދަތުރުގައި އައްޑޫގެ ވަރަށް އިސްބޭފުޅުންކޮޅެއް އެމްއެންޕީއަށް ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޕީއަށް މެންބަރުން ހޯދުމަށް ގިނަ ހަރަކާތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މީގެކުރިން ކާނަލް ނާޒިމް ވިދާޅުވެފައި ވެއެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.

ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.