ޝަރުތުތަކާއެކުވެސް އައްމަޓީ ދޫކޮށްނުލައި، ބަންދު ދަމަހައްޓައިފި

ޝަރުތުތަކާއެކުވެސް އައްމަޓީ ދޫކޮށްނުލައި، ބަންދު ދަމަހައްޓައިފި

ފްލެޓް އިމާރާތްކޮށްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ) ޝަރީއަތް ނިމެދެން ބަންދުކުރުމަށް ނިންމި ނިންމުން ދަމަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި މީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅޭތީ އެނާ ހޯދުމަށް ސަރުކާރުން އިންޓަރޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް އޮތީ ނެރިފައެވެ. އަދި މީނާ ފިލައިގެން އުޅެނިކޮށް ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ.

މި މައްސަލައިގައި އައްމަޓީ ބަންދުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން ވަނީ އޭނާ ޖޫން 17 ގައި ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ނިންމީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. އައްމަޓިގެ މައްސަލާގައި އިއްޔެ އޮތް ޝަރީޢަތުގެ އަޑުއެހުމުގައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ ޢަމުރު މުރާޖަޢާކުރުންކުރިއަށް ގެންގޮސްފައެވެ. މި އަޑުއެހުމުގައި ޝަރުތުތަކާއެކު އޭނާ ދޫކޮށްލަން އެދުނުނަމަވެސް ދައުލަތުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވަނީ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ ޝަރީއަތަށް ފިލައިގެން ހިނގައިދާނެ ކަމަށް ބުރަވެވޭކަމަށް ބަލައި، އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުރަވެވޭތީ އޭނާ ބަންދުން ދޫކޮށްލެވެން ނެތްކަމަށް ޢުމުރުކޮށްފައެވެ. ޤާޟި ވިދާޅުވީ، ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް އައްމަޓީ އެދުނުނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަމަށެވެ. ޤާޟީ ވަނީ މީގެ ކުރިން އޭނާ އަމަލުކޮށްފައިވާ ގޮތުން ޝަރުތެއް ކުރިނަމަވެސް އެ ޝަރުތަކާ ހިލާފުވުމުގެ އިހްތިމާލު އޮތްކަމަށް ވިދާޅުވެފައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަޙްމަދު މުސާ (އައްމަޓީ) މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *