ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އެ މަގާމުން ވަކިކުރި މައްސަލާގެ ހުކުމް އިއްވުމުގެ މަޖިލީސް އަންނަ ބުރާސްފަތި ދުވަހަށް ސުޕްރީމް ކޯޓުގައި ތައާވަލުކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން 2015 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ޖަމީލް ބޭރު ކުރަން 78 މެންބަރުން ވޯޓް ދެއްވި އެވެ. ދެކޮޅަށްވޯޓް ދެއްވީ ދެމެންބަރުންނެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން ނިންމާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. މައްސަލައިގެ ހުކުމް އިއްވުން ތާވަލްކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 10:00އަށެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
މަގާމުން ދުރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީވެސް ޑރ.ޖަމީލެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ހުށައެޅުއްވި އެ މައްސަލާގައި ވަނީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
ޖަމީލް ނައިބު ރައީސް ކަމުން ވަކި ކުރެއްވުމުގެ މަސައްކަތް އޭރުގެ ޕީޕީއެމްގެ މެމްބަރުން ކުރިއަށް ގެންދަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އިނގިރޭސިވިލާތުގައި މަޑުކުރެއްވި އެވެ. ޖަމީލް އެބުރި ރާއްޖެ ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބްވެ ވަޑައިގެންނެވި ފަހުންނެވެ. ޖަމީލަށްފަހު ނައިބް ރައީސްގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި އަޙްމަދު އަދީބްވަނީ ރިޔާސީ ލޯންޗު ކޮޅުގައި ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައެވެ.
އަދީބަށްފަހު ނައިބް ރައީސްކަމާއި ހަވާލުވެ ވަޑައިގެންފައިވަނީ އަބްދުﷲ ޖިހާދެވެ. ރިޔާސީ ނިޒާމުގެ ތެރެއިން ރާއްޖޭގައި މިހާތަނަށް އުފެދުނު ވެރިކަންތަކުގައި އެންމެގިނަ ނައިބްރައީސުން އައްޔަންކުރެއްވި ބޭފުޅަކީވެސް ރައީސް ޔާމީންނެވެ. އެމަނިކުފާނު ވަނީ 3 ނައިބް ރައީސުން ޓެސްޓު ކުރައްވާފައެވެ.
One Response
އަލުން ނާބު ރައީސް ކަން ދޭން ނުޖެހިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު!