ތިނަދޫގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭގޮތުން ތިނަދޫއަށް ނިސްބަތްވާ ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މަޝްވަރާ ކުރައްވައިފިއެވެ.
ސަނީފްވަނީ މިމަޝްވަރާތައް ކުރިއަށް ގެންދިޔައިރު ފޮޓޯއެއް ނަންގަވައި ސޯޝަލް މިޑީޔާގައި މިމަޝްވަރާއާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެވެ. މެމްބަރު ސަނީފް ވިދާޅުވީ ޖިހާދަނީ ދައުލަތަށް 35 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ ތިނަދޫގެ ފަޚުރުވެރި ދަރިއެއްކަމަށެވެ. އަދި ތިނަދޫގެ ތަރައްޤީއާއި ކުރިމަގަށްޓަކައި ޖިހާދާއިއެކު މަޝްވަރާކޮށް ޚިޔާލް ލިބުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިންހަމަޖެހުމެއްކަމަށެވެ.
ކުރީގެ ނައިބުރައީސް އަލްއަޚް ޖިހާދަކީ 35 އަހަރުވަންދެން ދައުލަތަށް ޚިދުމަތްކޮށްދެއްވި ތިނަދޫ ފަޚުރުވެރިވާ ތިނަދޫގެ ދަރިއެއް.
ރަށުގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، އެބޭފުޅާގެ ސިޔާސީ ތަޖުރިބާ ޙިއްސާކޮށްލަން ފުރުޞަތެއް ލިބުނީތީ އުފާކުރަން. pic.twitter.com/HgpkeAxS9R— Abdulla Saneef (@SaneefAbdulla) October 26, 2020
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ސަނީފް ކުރީގެ ނައިބް ރައީސް ޖިހާދާއި ބައްދަލު ކުރެއްވިއިރު، ފުށި ދިއްގަރުގެ މައްސަލާގައި ޖިހާދުގެ މައްޗަށް ދައުވާ އުފުލައި އިއްޔެވަނީ ކޯޓަށް މައްސަަލަ ހުށައަޅާފައެވެ. މި މައްސަލައިގަ ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މިައްޗަށް ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނު ނާއިބް ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވިއެވެ.
މިއީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.
ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ނޮވެންބަރު 22ވަނަ ދުވަހު ނިންމެވި ނިންމުމުގައި ވަނީ މި މަޝްރޫޢަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރަންނުޖެހޭ ގޮތަށް، މަޝްރޫޢުގެ ތެރެއިން، ބިމު ކުލި ދަޢުލަތަށް ލިބެންޖެހޭނެ ކަމަށެވެ.
އަދި ޢަބްދުﷲ ޖިހާދުގެ އެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށާއި، އޭގެ އިތުރުން، ދައުލަތުގެ 50 އިންސައްތަ ހިއްސާގެ ބަދަލުގައި 25 އިންސައްތައަށް ޙިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވެސް އޮންނާނެކަމަށް ދައުވާކުރަން ފޮނުވި މިމައްސަލާގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ