އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އައްޑޫ ސިޓިގެ ހުޅުދޫ މީދޫއާއި، ގުޅިފައިވާ ރަށްތަކާއި ދެމެދު ބްރިޖު އެޅުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ހުށައަޅުއްވާނެކަމަށް އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރޭ ކްލަބްހައުސްގައި އައްޑޫވޮއިސްގެ ނަމުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، ހުޅުދޫއާއި މީދޫއާއި، ގުޅިފައިވާ އެހެން ރަށްތަކާ ގުޅާލުމަށް ބްރިޖެއް އެޅުމަށް ސިޓި ކައުންސިލްގެ ބައްދަލުވުމުގައި މިހާތަނަށް މަޝްވަރާކޮށްފައިނުވާކަމަށެވެ. އެހެންނަމަވެސް އެއީއައްޑޫ ރައްޔިތުން އެދޭކަމަކަށްވާނަމަ އެކަން ކައުންސިލް ބައްދަލުވުމަށް ހުށައަޅައި ފާސްކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށައަޅުއްވާނެކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫއާއި ދެމެދު ބްރިޖެއް އަޅައިދިނުމަށް އައްޑޫގެ ރައްޔިތުން ގެންދަނީ އަޑުއުފުލަމުންނެވެ.
މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫގައި ބްރިޖުއެޅުމަށް ވީހާވެސް ގިނަބަޔަކު ޑިމާންޑުކޮށްދިނުމަށް އެދޭކަމަށެވެ. އަދި ރައްޔިތުން އެދޭގޮތަށް ބްރިޖުއެޅުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، އެ މަޝްރޫޢުގެ ކޮންސެޕްޓް ޑިޒައިން ތައްޔާރުކުރުމުގެ ހޭދަތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ސަރުކާރަށް ހުށައަޅުއްވާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. ނިޒާރު މިހެން ވިދާޅުވެފައިވާއިރު، އައްޑޫގައި ބްރިޖެއް އެޅުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށްދިނުމަކީ ކައުންސިލް އިންތިޚާބަށް ނިޒާރު ވެވަޑައިގަތް ވަޢުދެކެވެ.
ނިޒާރު ވިދާލުވީ އައްޑޫ ބްރިޖް މަޝްރޫޢުއަށް 400 މިލިއަން ޑޮލަރުވެސް ޚަރަދު ނުވާނެކަމަށެވެ. މޭޔަރު ވިދާޅުވިގޮތުންނަމަ އެ ސަރަހައްދުގައި އަޅާ ބްރިޖުގެ ދިގުމިނަކީ 14.5 ކިލޯމީޓަރެވެ. އަދި ބްރިޖު އަޅަންޖެހޭ ސަރަހައްދުގެ އެންމެ ފުން ހިސާބުތަކުގައި 40 މީޓަރުގެ ފުންމިނެއް ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ، ބްރިޖްގެ ބޭނުމަކީ އައްޑޫ ސިޓީގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް ތަރައްޤީގެ އައު ހަރުފަތަކަށް ގެންދިއުންކަމަށެވެ. އެގޮތުން ބްރީޖާއެކު އައްޑޫގެ އާބާދީ 70،000އިން މައްޗަށް ޖެއްސުމަކީ އަމާޒެއްކަމަށެވެސް މޭޔަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ބްރިޖެއް އެޅުމަށް ސަރުކާރަށް ހުށައަޅުއްވާނެކަމަށް އައްޑޫގެ މޭޔަރު ވިދާޅުވެފައިވާއިރު، މާލެއާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް ބްރިޖެއް އެޅުމަކީވެސް މިސަރުކާރުގެ ވަޢުދެކެވެ. އައްޑޫސިޓިގައި ބްރިޖު އެޅުމަކީ ރައީސް ޢަބްދުﷲ ޔާމީންވެސް ރިޔާސީ އިންތިޚަބުގެ ކެމްޕެއިންގައި އައްޑޫގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ.
ކޮމެންޓު ފޮނުވާ