އުމުރު ހޭދަކުރި ކުލަބް ދޫކޮށްލުން ވަރަށް ހިތްދަތި ކަމެއް ކަމަށާއި، ބާސެލޯނާއަށް އަދި އެނބުރި އަންނާނެކަމަށް އެޓީމުގެ ތާރީހުގައި އެންމެ ކާމިޔާބު އެއްކުޅުންތެރިޔާ ލިއޮނަލް މެސީ ބުނެފިއެވެ.
ކޭމްޕްނޯ ސްޓޭޑިއަމްގެ ކޮންފަރެންސް ރޫމަށް ލިއޮނެލް މެސީ ވަން އިރުވެސް އޭނާގެ ލޮލުން ހުރީ ކަރުނަ ފާއްދާލައިފައެވެ. ގާތްގަނޑަކަށް 21 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލަން އިއުލާން ކުރަން ޖެހޭނެތީއެވެ. ޕްރެސް ފެށުމުގެ ކުރިން ކޮންމެ ވެސް ވަރަކަށް ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އަށް ކުރިއަށް ގެންދެވުނީ ކުޑަ ހިދުކޮޅަކަށެވެ. ލޮލުން ހިތާމައިގެ ކަރުނަ ފާއްދާލިއެވެ. ރޮވެން ފެށުނެވެ. ހަގީގަތުގައި ބާސާ ދޫކޮށްލަން މެސީ ބޭނުމެއް ނުވިއެވެ.
މެސީ އާއި އެކު ބާސާއިން ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން އާ ކޮންޓްރެކްޓެއް މެސީ އާއި ބާސާ އެކުލަވާލި ނަމަވެސް ލަލީގާގެ އުސޫލު ތަކާއި ހިލާފުވާތީ އެ އެއްބަސްވުން ތަންފީޒު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ބާސާގައި އަހަރެން ހޯދި ކާމިޔާބީ ތަކާއި އުޅުނު ދުވަސްތައް ފިޔަވައި އަހަރެން އެކަމަކާ މެދު އެންމެ ފަހުރުވެރިވާނެ އިތުރު އެއްވެސް ކަމެއް ނެތް. އެއީ އަހަރެންގެ ވަޒަން. އަހަރެން އަދި ބާސާއަށް އެނބުރި އަންނާނަން. ދަރިން ކައިރީގައި ވެސް އެކަމަށް އަހަރެން ވައުދުވިން.
– މެސީ ބުނެފައިވެއެވެ.
މެސީ ބުނީ އޭނާ ކޮޕާ އެމެރިކާގައި ވާދަކުރުމުގެ ކުރިން އެއްބަސްވުމުގެ ހުރިހާ ކަމެއްވެސް ހުރީ ނިމިފައި ކަމަށާއި ނިންމައިގެން ހުރީ ބާސެލޯނާއާއެކު އިތުރު އަހަރުތަކެއް ކުޅެން ކަމަށެވެ. ނަމަވެސް މަންޒަރު ބަދަލުވީ އެއްބަސްވުމުގައި ސޮއިކުރަން އޮތް ދުވަހު ކުރިމަތިވި ކަންކަމާޢި ގުޅިގެން ކަމަށާއި ލަލީގާގެ ގަވާއިދު އޮތްގޮތުން ކުލަބުގައި އިތުރަށް ނުހުރެވޭނެ ކަމަށެވެ. އަދި މަޑުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރި ކަމަށް މެސީ ބުންޏެވެ.
އޭނާ ބުނީ އެއްވެސް ކްލަބަކަށް ބަދަލުވާން އެއްވެސް މީހަކާ އެކު ވެސް އެއްވެސް ކަމަކަށް އަދި މިހާތަނަށް އެއްބަސް ނުވާ ކަމަށެވެ. ޕީއެސްޖީން ފެނިދާނެތޯ ސުވާލު ކުރުމުން މެސީ ބުނީ އެއީ ވެސް ވެދާނެ ކަމެއް ކަމަށެވެ. މި ޕްރެސް އަށްފަހު މާދަމާގެ ވަގުތެއްގައި މެސީގެ އާއިލާއާއި އެކު ފްރާންސްއަށް ދިރިއުޅުން ބަދަލުކުރުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.