ސިޔާސީ ޕާޓީއެއް އުވާލެވޭނީ ހަމައެކަނި ކޯޓަށް ހުށައަޅައިގެންކަމަށް ބަޔާންކޮށް ސިޔާސީ ޕާޓިތަކުގެ ޤާނުނަށް ހުށައަޅާ އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވައިފިއެވެ.
ސިޔާސީ ޕާޓިތަކުގެ ޤާނޫނަށް ސިޔާސީ ޕާޓީތަކުގެ ޚިޔާލާއެކު ގެނައި އިޞްލާހުތަކުގެ ފައިނަލް ޑްރާފްޓް ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުއްވާފައިވަނީ މިއަދުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ސިޔާސީ ޕާޓިތަކުގެ ޤާނޫނަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި، އެކަން ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުގައި ބަޔާންކުރަން ލާޒިމުކުރުންވެސް ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީޓަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތަކީ ވަކި ބަޔަކު ޕްރެޝަރކޮށްގެން ނުވަތަ އަންގައިގެން ކުރާ މަސައްކަތެއް ނޫންކަމަށެވެ. މިއީ ސިޔާސީ ޕާޓީތައް ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަށާއި، ޕާޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެގޮތުން އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކުރާ މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތް 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިންވެސް އެ ކޮމިޝަނުން ފަށާފައިވާކަމަށެވެ. އެގޮތުން ޤާނޫނަށް ގެންނަން ފެންނަ އިސްލާޙުތައް ލިޔުމުން ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް މީގެ ކުރިންވެސް އެ ކޮމިޝަނުން ފުރުޞަތުދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ގެންނަން ފެންނަ އެހެން ބައެއް މުހިއްމު އިސްލާޙުތަކުގެ ތެރޭގައި، ފޯމުތަކުގެ ސައްޙައްކަން ސިޔާސީ ޕާޓީތަކުން ކަށަވަރުކުރުމާއި، ޕާޓީތަކުގެ ލީޑަރޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، ސިޔާސީ ޕާޓީތައް ހިންގުމުގައި އިދާރީގޮތުން ހުރި ގޮންޖެހުންތައް ނައްތާލުމާއި ޒިންމާދާރުކަމާއެކު ޕާޓީތަކުގެ ހަރަކާތައް ހިންގުމާއި ގުޅޭ އިސްލާޙުތަކެއް ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކަށް ދަޢުލަތުންދޭ މާލީ އެހީ ބަހާނެގޮތްތަކާއި، ޕާޓީތަކުގެ ދަރަންޏަށް ޒިންމާދާރުވުމާއި، ޕާޓީތަކުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހެޅުމާގުޅުންހުރި މުހިއްމު އިސްލާޙުތަކެއްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި ޤާނޫނަށް ހުށަހަޅުއްވާފައެވެ.
ކޮމެންޓު ފޮނުވާ