ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ހަތަރު ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ ޤާސިމް ޢަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު. ނަންބަރު ރސ 1188 ޝުޢައިބު ޢަބްދުއްރަޙްމާނެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރައްވާފައެވެ.

އެންއައިސީއަށް އައްޔަނުކުރެއްވި ޤާސިމް ޢަބްދުލްކަރީމަކީ ސަރުކާރުގެ ތެރެއިން މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނަތާ ގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް ފަޅާ އަރުވާލި ފަރާތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ.ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ޤާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.

މި 4 ބޭފުޅުން ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަނަށް އައްޔަން ކުރުމާއިއެކު ކޮމިޝަންގެ މެމްބަރުންގެ އަދަދު ވަނީ ހަމަވެފައެވެ. އެންއައިސީއަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމާއި، އެފަދަ ޢަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.
ކޮމެންޓު ފޮނުވާ