އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ބުދަދުވަހު ރާއްޖެ ކުރުމަށް ހަމަޖެހިފައިވާ ދަތުރާއި ގުޅިގެން ސަލާމަތީ ބާރުތަކުން ޚާއްސަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
ފުލުހުންގެ ވިދާޅުވީ މިއަދައި މާދަމާ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ފަރިތަކުރުންތަކަކާއި ގުޅިގެން، މެންދުރުފަހު 13:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން ކަނޑައެޅިފައިވާ މަގުތައް ބަންދުކުރެވިގެންދާނެކަމަށެވެ.
ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތަކާއިސަތަހައްދުތައް:
1 – އެއާޕޯޓް މަގު،
2 – ސިނަމާލެ ބްރިޖް،
3 – ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަޙައްދުތައް،
4 – ގްރީން ޒޯން.
ފޮރިންމިނިސްޓްރީން ވިދާޅުވީ ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެކަމަށެވެ. މި މަޝްވަރާތަކުގައި ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.
ސެކްރެޓަރީ ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ވަނީ 2019 ފެބްރުއަރީ 19 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައި.
ކޮމެންޓު ފޮނުވާ