ގްރީލިޝްގެ ސޮއި ސިޓީން ހޯދައިފި

ގްރީލިޝްގެ ސޮއި ސިޓީން ހޯދައިފި

Author
މުޙައްމަދު ޝަޒައިމް
06 އޮގަސްޓް 2021 09:07
0

އަންނަ ހޮނިހިރު ދުވަހު ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން، އެސްޓަން ވިލާގެ މިޑްފީލްޑަރު ޖެކް ގްރިލީޝްގެ ސޮއި މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ގްރީލިޝް ސިޓީގެ އެއްބަސްވުމުގައި ސޮއިކުރިއިރު، އޭނާ ވަނީ އެ ކުލަބާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން، އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު ގެނައުމަށް ސިޓީން ވަނީ، ވިލާ އަށް 138 މިލިއަން ޑޮލަރު ދޭން ނިންމައިފައެވެ. އަދި އެ އަގާ މެދު ވިލާ އިން ވެސް އެއްބަސްވެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ. އެ އަގުގައި ކްލަބު ބަދަލުކޮށްފި ނަމަ އޭނާ ވެގެންދާނީ އިންގްލެންޑްގެ ކުޅުންތެރިންގެ ތެރެއިން އެންމެ އަގުބޮޑުކޮށް ކްލަބު ބަދަލު ކުރާ ކުޅުންތެރިޔާއެވެ.

އެއާއެކު ގްރީލިޝް ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކުން އެންމެ އަގުބޮޑުކޮށް ހޯދި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ޕްރިމިއާ ލީގުގެ ކުލަބަކުން އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ހޯދީ 2016 ވަނަ އަހަރުއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން 89 މިލިޔަން ޕައުންޑް ޚަރަދުކުރުމަށްފަހު، ޔުވެންޓަސްއަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތް ޑީލެވެ.

އުމުރުން އެންމެ ހަ އަހަރުގައި ވިލާއާ ގުޅުނު ގްރީލިޝް، ވިލާގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ފަހުން ގްރީލިޝް ވަނީ ވިލާއަށް ކުޅެދިން 213 މެޗުގައި 32 ލަނޑު ކާމިޔާބުކޮށްފައެވެ.

އިންގްލެންޑްގެ ޑޮމެސްޓިކް ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ހޮނިހިރު ދުވަހު ސިޓީ ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. މެޗު އޮންނާނީ އެ ދުވަހު ރާއްޖޭ ގަޑިން ރޭގަނޑު 9:15 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.