އެއްބަސްވުން އާނުކުރެވުމާ ގުޅިގެން އެންމެ ފަހުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ދޫކޮށްލަން ނިންމާފައިވާކަން ބާސެލޯނާއިން އިއުލާނުކޮށްފިއެވެ.
ބާސާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލަ ލީގާގެ ފައިނޭންޝިއަލް އޮނިގަނޑު އޮތް ގޮތުން މެސީ އަށް ބާސާއާ އެކު އެއްބަސްވުން ނުހެދޭނެ ކަމަށެވެ. ބާސާއިން މިއަދު ހަމަޖައްސާފައި އޮތީ މެސީއާ އެކު އަލުން އެއްބަސްވުމެއް ހެދުމަށެވެ. މެސީއާ އެކު ބާސާއިން 2017 ގައި ހެދި ކޮންޓްރެކްޓް ޖޫން 30 ގައި ވަނީ ހަމަވެފައެވެ. އޭގެ ފަހުން މެސީ ހުރީ އެއްވެސް ކަލްބެއްގެ ކުޅުންތެރިޔެއްގެ ގޮތުގައެއް ނޫނެވެ.
ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވި ނަމަވެސް، 50 އިންސައްތަ މުސާރަ ކުޑަކޮށް އައު އެއްބަސްވުމުގައި ސޮއިކުރަން މެސީ މީގެ ކުރިން ނިންމި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާނެ ކަމަށްވެސް ރިޕޯޓުކުރިއެވެ. ސްޕެއިންގެ ކުޅިވަރު ނޫސް މާކާއިން ބުނީ، އާ ކޮންޓްރެކްޓްގައި މެސީ ސޮއި ކުރުމަށް އިއްޔެ ހަމަޖައްސާފައި އޮތުމުން، މެސީގެ ބައްޕަ އަދި އޭނާގެ އެޖެންޓް ޖޯޖް މެސީ ވެސް ބާސެލޯނާ އަށް މިއަދު ދަތުރުކޮށް، ބާސާގެ ރައީސް ޔޮއާން ލަޕޯޓާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެންމެ ފަހުން މެސީ ބާސާ ދޫކޮށްލާއިރު، ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން ބާސާއަށް ކުޅެދިން 778 މެޗުގައި މެސީ 672 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ.
މެސީ ދޫކޮށްލަން ބާސާއިން ނިންމިއިރު، އޭނާގެ ސޮއި ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ އާއި، ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.