ވެރިކަން ކުރަމުންދާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް، އަދި އެޕާޓީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އައި މިރުފަތު އިސްމާއިލް ޝަފީޤް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އާއި ގުޅިވަޑައިގެންފިއެވެ.
މިރުފަތަކީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމަށްވެސް ވާދަކުރެއްވި ބޭފުޅެކެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކައުންސިލްގެ ގޮޑި މިރުފަތަށް ގެއްލިގެން ދިޔައީ ވަރަށް ކުޑަ ތަފާތަކުންނެވެ. ޖޭޕީގެ ޓިކެޓްގައި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް މިރުފަތު ވާދަކޮށް، ކެމްޕޭން ކުރައްވާފައިވަނީ، މޭޔަރުކަން ކާމިޔާބު ކުރެއްވި ޑރ. މުއިއްޒުއާއެކީއެވެ.
ޖުމްހޫރީ ޕާޓީގައި ކުރިން އިސްކޮސް އުޅުއްވި ބޭފުޅުން ޕާޓީން ވަކިވެ އުފެއްދުމަށް މަސައްކަތް ކުރަމުންދާ އެމްއެންޕީއާއި ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ދަނީ ގުޅެމުންނެވެ. އަދި ކުރީގެ ސަރުކާރުތަކުގައި އިސްބައެއް މަޤާމުތައް ފުރުއްވި ބޭފުޅުންވެސް ދަނީ އެޕާޓީއާއި ގުޅެމުންނެވެ.
ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްވެ އުފައްދަވަން މަސައްކަތްކުރައްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީން މެމްބަރުން ހަމަކޮށް، ވަރުގަދަ ޕާޓީއަކަށް ވުމަށް މަސައްކަތް ކުރަމުންދާއިރު، އެޕާޓީން ދަނީ މެމްބަރުންގެ އަދަދު ހަމަކުރުމަށް އަތޮޅު ތެރެއަށްވެސް ހާއްސަ ދަތުރެއް ކުރުމަށް ނިންމާފައެވެ.
ޕާޓީ ވުޖޫދުވީވެސް މަޖިލީހުގެ 5 މެމްބަރުންނާއިއެކީގައެވެ. އެޕާޓީން ބުނެފައިވަނީ އަމާޒަކީ މަޖިލީހުގެ މައިނޯރިޓީ ކަން ދާދިއަވަހަށް ހޯދުންކަމަށެވެ. ނަމަވެސް އެކަން ވިޔަ ނުދޭނެކަމަށް މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޕީޕީއެމްއިން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ