ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ކޮއްކޮ ޔާމީން އާދަމް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އާއި ގުޅިވަޑައިގެންފިއެވެ.
ޔާމީންއަކީ ވިޔަފާރީގެ ދާއިރާގައި ކާމިޔާބު ކަމާއިއެކު މަސައްކަތް ކުރައްވާ ޒުވާން ބޭފުޅެކެވެ. ޔާމީން އެމްއެންޕީއާއި ގުޅުމުން އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ، މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާއިރު، ރާއްޖޭގެ ފާހަގަކޮށްލެވޭ ގިނަ ބޭފުޅުންތަކެއް ދަނީ އެޕާޓީއާއި ގުޅެމުންނެވެ.
އެމްއެންޕީއާ މިއަދު ގުޅިވަޑައިގެންނެވި ޒުވާން، އަދި ކާމިޔާބު ވިޔަފާރިވެރިޔާ ޔާމީން އާދަމް އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން pic.twitter.com/njOT5EzqHl
— Maldives National Party (@MNP_Secretariat) August 4, 2021
ޔާމީންއަކީ، ރޮޒޭނާގެ ކޮއްކޮއެވެ. އެމްޑީޕީ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި، ރޮޒޭނާ ހުންނެވީ ރައީސް ޞާލިހުގެ ފަޅީގައެވެ. ރޮޒޭނާއަަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅާއެވެ. އެމްޑީޕީގެ ނަޝީދުގެ ފަޅިން ސިފަ ކުރާ ގޮތުގައި ރޮޒޭނާއަކީ އެމްޑީޕީގެ ވިސްނުން ނެތް ޑީއާރުޕީގެ މީހެކެވެ.
ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްވެ އުފައްދަވަން މަސައްކަތްކުރައްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީން މެމްބަރުން ހަމަކޮށް، ވަރުގަދަ ޕާޓީއަކަށް ވުމަށް މަސައްކަތް ކުރަމުންދާއިރު، އެޕާޓީން ދަނީ މެމްބަރުންގެ އަދަދު ހަމަކުރުމަށް އަތޮޅު ތެރެއަށްވެސް ހާއްސަ ދަތުރެއް ކުރުމަށް ނިންމާފައެވެ. ޕާޓީ ވުޖޫދުވީވެސް މަޖިލީހުގެ 5 މެމްބަރުންނާއިއެކީގައެވެ.
ކޮމެންޓު ފޮނުވާ