ދިވެހި ކަނޑުތަކުގައި ފޮރުވިފައިވާ ހަޒާނާ ބޭރުބަޔަކަށް ވިއްކާލަން ސޮއި އެޅި މީހަކީ ގައްދާރެއް ކަމުގައި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާ ފަދަ ހާލަތެއް މިވަގުތު ނެތް ކަމަށާއި ގައުމިއްޔަތަށް ނުރައްކާވެ، ރައްޔިތުން ނިކަމެތިވާ ހިސާބަސް ގޮސްފި ނަމަ އިސްވެ ނުކުންނާނެ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އަދާލަތު ޕާޓީން ދިން ރައްދާއި ގުޅިގެން ރުކުމާ ވިދާޅުވީ މަޤާމުގެ ދަހިވަތި ކަމުގައި ޤައުމަށް ލިބޭ ގެއްލުންތަކަކީ ނޭގޭކަމެއް ކަމަށް ހަދައިގެން މިއަދު ތިބެވިދާނެކަމަށެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެވޭ އެއްބަސްވުންތަކަކީ އެކަމުން މުޅި ރައްޔިތުންނަށް ގެއްލުންވާނެ އެއްބަސްވުންތަކަށް ވާއިރު، އެކަންކަން ނޭގިތިބުމަކީ ދިވެހި ރައްޔިތުން މަޢާފްކުރަނޭ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަންކަމަކީ ދާދިހަމަވަހަށް ހާމަވެ، ރައްޔިތުންނަށް މިކަންކަން ސާފުވާނެ ކަންތައްތަކެއްކަމަށް ރުކުމާ ވިދާޅުވިއެވެ.
ސަރުކާރުން ލިބިފައިވާ މަގާމުތަކުގެ ދަހިވެތި ކަމުގައި ނުދެނަހުރި ކަމައް ހެދިގެން މިއަދު ތިބެވިދާނެ. ރޭކާލައިފި ކަމަށް އިއުތިރާފް ވާ ތަން ދާދި އަވަހަށް ފެންނާނެ. ދިވެހި ކަނޑުތަކުގައި ފޮރުވިފައިވާ ހަޒާނާ ބޭރުބަޔަކަށް ވިއްކާލަން ސޮއި އެޅި މީހަކީ ގައްދާރެއް.
– ރުކުމާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ބުނެފައިވަނީ މިއަދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތަށް ގެއްލުންވާ ހާލަތެއްގައި ވަކި ބަޔަކު ދައުވަތު ދެންދެން އަދާލަތުން މަޑުނުކުރާނެ ކަމަށެވެ.
"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ފަށާފައިވާ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް ނަޝީދުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މިހާރު އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިސް މެމްބަރު ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގަންނަވަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކެމްޕެއިން އިފުތިތާހުކުރި ޖަލްސާގައި ދައުވަތު ދެއްވައިފައެވެ. ނަމަވެސް އެމްޑީޕީ އަށާއި ރައީސަށާއި ނަޝީދާއި ނާޒިމް އަދި އުމަރަށް ރަސްމީ ދައުވަތެއް ނުފޮނުވައެވެ.
މިހާތަނަށް މިދައުވަތު ފޮނުވި އެއްވެސް ޕާޓީއަކުން ދައުވަތު ގަބޫލުކޮށްފައި ނުވެއެވެ.