ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރާ ގުޅޭ މައްސަލައެއް ތަޙްޤީޤްކުރަމުންދާތީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑްކޮށްފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ، ޝުކޫރާ ގުޅޭގޮތުން ތަޙްގީގްކުރަމުންދާ މައްސަލަތުގެ ބާވަތަށާއި، އެމައްސަލަތަކާ ގުޅިގެން އެކޮމިޝަނަށް ލިބިފައިވާ ހެއްކަށް ރިޔާއަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށް ޖޭއެސްސީގެ ޤާނޫނުގެ ދަށުން ޝުކޫރު 60 ދުވަހަށް މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާކަމަށެވެ. ޖޭއެސްސީން ޝުކޫރު ސަސްޕެންޑްކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރެވޭ ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ފަނޑިޔާރުކަމުގެ މަޤާމުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަށްވެސް ހުށައަޅަފައިވެއެވެ.
ޖޭއެސްސީން ވިދާޅުވީ ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަޤާމުން ވަކިކުރަން ނިންމާފައިވަނީ ޝުކޫރުއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއް ގޮތުގައި ހުރެ، ހައްޔަރުކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލުއާ ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާތީއެވެ.
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ.ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދުކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަސައްކަތް ކޮށްފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. އަދި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވާހިނދު، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ޢަމަލުކޮށްފައިވާކަން ސާބިތުވެފައިވާކަމަށެވެ.
އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން މިއަދު ނިންމިއިރު، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ އިތުރު މައްސަލަތައްވެސް ޖޭއެސްސީން ދަނީ ތަހްޤީޤުކުރަމުންނެވެ.
1. ފުލުހުން ކޯޓު އަމުރެއް ހޯދަން ދިއުމުން އަމުރު ދިނީމާ ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކް ވެފައި އޮންނަ ކަމަށާއި އެކަމުގެ ސަބަބުން ހެކި ނެތިގެން ދާކަމަށް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލަ
2. މަސްތުވާތަކެއްޗާއި ގުޅުން އޮންނަ ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވުމާއި ހައްޔަރުކުރެވޭ ފަރާތްތައް އަޙްމަދު ޝުކޫރު ގާތްގުޅުމެއް ބޭއްވުން.
3. ގއ.ވިލިނގިއްޔަށް ނިސްބަތްވާ މަސްތުވާތަކެއްޗާއި އަދި އެހެނިހެން ކުށްތަކާއި ގުޅުން އޮންނަ ފަރާތްތަކުގެ މައްސަލަތައް ސާބިތުނުވާކަމަށް ޙުކުމްކުރަމުން ދިއުމުގެ މައްސަލަ.
4. ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ އަމަލުތަކެއް ކޮށްފައިވުން.
5. ފަހުގެ ތާރީޚްގައި ގއ.ވިލިނގިލިންނާއި، އަތޮޅުގެ އެހެން ރަށްރަށުން ބަންދާއި މެދު ގޮތެއް ނިންމުމަށް ގެންނަ ފަރާތްތައް ހެކި ހުންނަ ޙާލަތްތަކުގައި އެއްވެސް ސަބަބެއް ނެތި ދޫކޮށްލައި ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ.
6. ފުލުހުން ކޯޓަށް ޙާޟިރުކޮށް އިންޒާރުދިންކަމަށް ބުނާ މައްސަލަ.
7 ތަޙްޤީޤުކުރަމުން އަންނަ މައްސަލަތަކުގައި ކޯޓަށް ދާ ފުލުހުންނަށް ޖެއްސުންކުރުމާއި، ތުހުމަތުކުރެވޭ ފަރާތްތަކުގެ ކުރިމަތީގައި ފުލުހުންގެ އަގު ވައްޓައި ތުހުމަތުކުރެވޭ ފަރާތްތައް ދިފާޢުކުރާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ.
8. ގއ.މާމެންދޫ ސްޓަރލައިޓް އަބޫބަކުރުގެ ފުނަގަސްތަކެއް ކަނޑައި ބޭނުންކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހެޅުމުން، އެ ގަސްތަކުގެ ބަދަލުދޭން ޙުކުމް ކޮށްފައި ވާތީ އެ ބަދަލު ލިބިގަތުމަށް ގއ.މާމެންދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ ލަސްކުރަމުން ދާކަމަށް ބުނާ ޝަކުވާ.
މިމައްސަލަތަކަކީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައިގެ އިތުރުން ޖޭއެސްސީން ތަޚްޤީޤު ކުރަމުންދާ އިތުރު މައްސަލަތަކެއްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ