މެއި 6ގެ ހަމަލާއާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޕީޖީގެ ޕްރެސްއެއް މާދަމާ

މެއި 6ގެ ހަމަލާއާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޕީޖީގެ ޕްރެސްއެއް މާދަމާ

Author
މުޙައްމަދު ޖިމީ
02 އޮގަސްޓް 2021 12:31
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6ގައި ދިން ހަމަލާގެ ތަހުގީގާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު މާދަމާ ހިއްސާކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ މެއި 6ގެ ހަމަލާއާއި ގުޅިގެން ތަހުގީގް ގޮސްފައިވާ ހިސާގައި، ޕީޖީ އޮފީހުން ނިންމެވި ނިންމެވުންތަކާއި ގުޅޭގޮތުން މާދަމާ މެންދުރު ފަހު 02:00އިރު ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެކަމަށެވެ. ޕީޖީ އޮފީހުން ނޫސްވެރިންނާއި ބައްދަލުކުރުމަށް ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު  ކުރިމިނަލް ކޯޓުން ދޫކޮށްލި މައްސަލާގައި ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ތިން މީހުން ދޫކޮށްލަން އަމުރު ކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 40 ދުވަސް ވަންދެން ބަންދުކޮށްފައި ވާއިރު، އިތުރު ހެއްކެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެވެ. އެ މީހުންގެ ބަންދު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވީ އެކަށީގެންވާ ހެކި ނެތުމުން އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.

އެމީހުން ދޫކޮށްލި މައްސަލައިގަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާ ކަމަށެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލާގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަނަވަރު ހާމަކުރި މީހުނަކީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދު، އަހުމަދު ފާތިހު އަދި އަލީ ހައިޝަމެވެ. މި މައްސަލާގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މި ހަމަލާއިން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ އަށް ޖަރުމަނު ވިލާތަށް ވަޑައިގެން މިހާރު ފަރުވާހޯއްދަވަމުން ގެންދަވަނީ އިނގިރޭސި ވިލާތުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.