މަރުކޮމިޝަނަށް މިސަރުކާރުގެ ވެރިން ހާޒިރުކުރާނެ ދުވަސް އަންނަނާނެކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު، ގިނަ ސުވާލުތަކެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
އާދަމް ޝަރީފް ގިނަ ސުވާލުތަކެއް ސަރުކާރަށް އަމާޒުކުރެއްވީ، ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ ގެއްލުވާލި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއްލިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނަށް މާދަމާ ހާޒިރުވުމަށް އެންގުމާއި ގުޅިގެންނެވެ.
އާދަމް ޝަރީފް ވަނީ، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފުނަދޫން މާމެންދުއަށް ދަތުރުކުރަނިކޮށް ޝިމާ ނާފިޒް ގެއްލުނު މައްސަލާއިގެ ހަނދާން އައުކުރައްވަމުންނެވެ. އާދަމް ޝަރީފް ވަނީ ޝިމާއަށް ވީގޮތެއް މިހާގިނަ ދުވަސްވިއިރު ނޭނގުނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އަދި އެކަމަށް ހުރަސް އަޅަނީ ކޮންބައެއްތޯއާއި، މިވެރިކަމުގައި މިގޮތަށް ގެއްލިފައިވާ އަދި އިހުމާލުވެފައިވާ މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
މަރު ކޮމިޝަނަށް މިސަރުކާރުގެ ވެރިން ހާޒިރުކުރާނެ ދުވަސް ދުރެއްނޫން، އިންޝާﷲ.
– އާދަމް ޝަރީފް ޢުމަރު
ޝިމާ ގެއްލުނު މައްސަލައިގެ ތަޙުގީގުގައި 46 ފަރާތެއްގެ ބަޔާން ނަގާ، އެ ހުރިހާ މީހުން ދެއްކި ވާހަކަތަކުގެ ތެދު ދޮގު ބަލަމުންދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ. ޝިމާ ހޯދުމަށް 17 ރަށެއް ވަނީ ބަލާފައެވެ. އަދި 9 ސީސީޓީވީ ފުޓޭޖާއި، ވައިގެމަގުން 10 މޭލު ސަރަޙައްދާއި، 1900 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދެއްވެސް ވަނީ ބަލާފައެވެ.
ކޮމެންޓު ފޮނުވާ