މުޅި އަފްއާިސްތާނުގައި ތާލިބާނުންގެ ހަގުރާމަވެރިން ހޯދަމުންދާ ކުރިއެރުންތައް ހުއްޓުވުމަށްޓާކާ، އަފްއނިސްތާނުގެ އަސްކަރިއއްޔާއިން ތާލިބާނުންގެ މަގާމްތަކަށް ބޮން އަލަން ފަށައިފިއެވެ. އަދި މީގެއިތުރުން، އަފްއާނިސްތާނުގެ ސަރުކާރު ސިފައިން ދަނީ، އެގައުމުގެ މުހިންމު ބައެއް ސިޓީތަކުގައި، އާންމު މަގުތަކުގައިވެސް ތާލިބާން ހަގުރާމަވެރިންނާ މުގާބަލާކޮށް ހަގުރާމަ ކުރަމުންނެވެ.
މިގޮތުން އަފްއާނިސްތާނު މުހިންމު ބޮޑެތި ސިޓީތައް ކަމުގައިވާ ހެރާތް، ލަޝްކަރު ގާހގެ އިތުރުން ކަންދަހާރު ސިޓިގައިވެސް ސަރުކާރު ސިފައިން ދަނީ ތާލިބާނުންގެ ހަގުރާމަވެރިންނާ ވަރަށް ވަރުގަދައަށް ހަގުރާމަ ކުރަމުންނެވެ. ލޯކަލް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތާލިބާނުން ވަނީ މި ސިޓީތަކުގެ އެއަރޕޯޓުތަކަށް ބޮން އަޅާފައެވެ.
އަފްއާނިސްތާނުގެ ހުޅަގުގައި އޮންނަ ސިޓީއެއްކަމުގައިވާ ހެރާތު ސިޓީގައި ތާލިބާން ހަގުރާމަވެރިންނާ ކުރިމަތި ލުމަށްޓަކާ އެތައްސަތޭކަ ކޮމާންޑޯއިންގެ ލަޝްކަރެއް އެސިޓީއަށް ޖަމާވެފައިވާއިރު، ދެކުނުގެ ސިޓިއެއްކަމުގައިވާ ލަޝްކަރު ގާހގެ އޮތޯރިޓީތަކުންވަނީ އެ ސިޓީ ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ ނުދިނުމަށްޓަކާ އިތުރު ސިފައިން އެސިޓީއަށް ފޮނުވުމަށް މައި ސަރުކާރުގައި އެދިފައެވެ. އަދި މިސިޓީގެ ބައެއް މަގާމްތަކަށް އަފްއާނިސްތާންގެ އަސްކަރިއްޔާއިން ބޮން އެޅުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ ހަށިތައް ސިޓީގެ ބައެއް މަގުތަކުގައި ތިބިކަމަށްވެސް ލޯކަލް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ކަންދަހާރުގެ ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި އާދީއްތަ ދުވަހު، މޯޓަރ ޝެލްއަކުން ދިން ހަމަލާއެއް ދުވައްމުން ދިޔަ ޓެކްސީއަކަށް އަމާޒުވެގެން 5 މިހަކު ވަނީ މަރުވެފައެވެ.
އެމެރިކާސިފައިން 20 އަހަރު ވަންދެން އަފްއާނިސްތާނުގައި ތިބުމަށްފަހު އެގައުމުން ފޭބުމާއިގުޅިގެން، މިއަހަރުގެ މޭމަހުގެ ކުރީކޮޅުން ފެށިގެން އަފްއާނިސްތާނުގެ އެކި ހިސާބުތަކުގައި ތާލިބާން ހަގުރާމަވެރިންނާ އަދި ސަރުކާރު ސިފައިންނާ ދެމެދު ހިގަމުންދާ ހަގުރާމަތައްވަނީ ވަރުގަދަ ވެފައެވެ.
މިގޮތުން މިހާތަނަށް، އަފްއާނިސްތާނުގެ ރަށްބޭރުގެ ގިނަ އަވަށްތަކާއި އަދި ބޯޑަރުގެ މުހިންމު ބައެއް ސަރަހައްދުތައް އެމީހުންގެ ބާރުގެދަށަށް ގެނައުމަށްފަހު، ތާލިބާން ހަގުރާމަވެރިން މިހާރުވަނީ، އަފްނިސްތާނުގެ ޕްރޮވިންސްތަކުގެ ވެރިކަން ކުރާ ސިޓީތަކަށް ހަމަލާ ދޭނަ ފަށާފައެވެ.