އިންތިޤާލީ އިންސާފު ބިލުގެ ޕެނަލްޑިސްކަޝަން މާދަމާރޭ މަޖިލީހުގައި

އިންތިޤާލީ އިންސާފު ބިލުގެ ޕެނަލްޑިސްކަޝަން މާދަމާރޭ މަޖިލީހުގައި

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2020 08:44
0

ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް އިންތިޤާލީ އިންސާފުގެ ނަމުގައި މަޖިލީހަށް ހުށަހެޅި ބިލަށް އާންމުގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މާދަމާރޭ 20:30 ގައި މަޖިލީހުގެ އިދާރާގައި ބާއްވާ މި ބައްދަލުމަށް ވަޑައިގަންނަވާ ބޭފުޅުން 20:15 އަށް ވަޑައިގަތުމަށް މަޖިލިސް އިދާރާއިން ވަނީ ދަންނަވާފައެވެ. މިބިލް މަޖިލީހުން ދިރާސާ ުކރަމުންދަނީ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަކުންނެވެ.

މަޖިލިސް އިދާރާގައި ބާއްވާ މި ޕެނަލްޑިސްކަޝަންގައި، ޕެނަލްގައި ތިއްބަވާނީ މިބިލް މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި، ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު ހަސަން ލަތީފާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫގެ އިތުރުން ޒަހީނާ ރަަޝީދެވެ.

މިބިލު ހުށަހެޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކީ 2012 އިން 2018 އާއި ހަމައަށް، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައި ދިނުމެވެ.

އިންސާފު ޤާއިމްކުރުމަށް އެކުލަވާލާ މިޤާނޫނުގެ ދަށުން ނުހައްގު އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ޤާއިމްކުރުމަށް މައްސަލަތައް ހުށައަޅާ ޚާއްސަ އޮފީހެއް ޤާއިމްކުރަންޖެހޭކަމަށް މި ބިލުގައި ބުނެފައިއެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީސް އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ. އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މި އޮފީހަށް ބިލްގައި ދީފައިވެއެވެ. ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާއި ގުޅިގެން އައު ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލައި ތަޙުޤީގު ކުރުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން އޮމްބަޑްސްމަން އޮފީހަށް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.