އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސްކޫލުތަކަށް ވަދެ ނިކުމެ ހެދޭނީ ކޯވިޑުން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނިކަމުގައު އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، 1 ސެޕްޓެމްބަރު 2021 އިން ފެށިގެން ސްކޫލުތަކަށް ވަދެ ނިކުމެވޭނީ ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައެވެ.
ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށް އެމިނިސްޓްރީން ވަނީ އިލްތިމާސް ކުރެއެވެ.
ކޮވިޑުގެ ހާލަތު މުޅި ރާއްޖޭގައި ގޯސްވުމާ ގުޅިގެން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ދިރާސީ ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސް މާލެއާއި ބައެއް ރަށްތަކުގެ ދަރިވަރުން ކިޔަވަމުން ދިޔައީ ގޭގައި ތިބެގެން އޮންލައިން ކޮށެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އެހާ ގޯސް ނޫން ރަށްތަކުގެ ދަރިވަރުން ސުކޫލަށް ގޮސްގެން ވެސް ކިޔަވާފައިވެއެވެ. ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ހުރިހާ ޓީޗަރުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސުކޫލްތަކަށް އަންގާފައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ހަފްތާއަކަށް ވެގެންދިޔައިރު ކިޔަވައިދޭނެ ގޮތެއް އަދިވެސް މިނިސްޓްރީން ނިންމާފައި ނުވާތީ ބައެއް ބެލެނިވެރިން ގެންދަނީ ސުކޫލުތަކަށް ޝަކުވާ ހުށަހަޅައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ