ރާއްޖޭގެ ވިޔަފާރިވެރިން ސްރީ ލަންކާއަށް އެކްސްޕޯޓު ކުރާ ހިކި ކަޑުމަހުގެ ވިޔަފާރި ހުއްޓުމަކަށް އައުމުގެ ބިރު ހީވެފައި ވާކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅު ވެއްޖެއެވެ.
މުސްތަފާ މިގޮތަށް ވިދާޅުވެފައިވަނީ، ލަންކާއަށް ދިވެހި ހިކި ކަނޑުމަސް ބޭރު ކުރަމުންދާ ބައެއް ފަރާތްތަކަށް ލަންކާގެ ކަސްޓަމުން މަހުގެ ޝިޕްމަންޓުތައް ކުލިއަރ ކުރުމުގައި ދިވެހި ވިޔަފާރި ވެރިންނަށް ފަހަކަށް އައިސް ކުރިމަތިވަމުންދާ ބައެއް މައްސަލަތަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުންނެވެ.
މުސްތަފާ ވިދާޅުވެފައިވާ ގޮތުތައި، ލަންކާއަށް ފޮނުވާސް މަސް، ޝިޕްމަޓުތަކުގެ ދެގުނަ ޑިއުޓީއަށް ދައްކައިގެންވެސް، ލަންކާގެ ކަސްޓަމުން މިހާރު މަސް ކުލިއަރ ކުރުމަކީ ދަތިކަމަކަށް ވެފައިވާ ކަމަށެވެ.
މުސްތަފާގެ ޓުވީޓަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބުރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެފައިވަނީ، މިއީ ފަންރިޔަލުގަ ފަލިޖާހާފައި ކޮޅުބަށް ގޮސް މަސްވިއްކި ޒަަމާނެއް ނޫން ކަމަށާއި، ދުނިޔޭގެ އެކި އެކި ވިޔަފާރި ޖަމިއްޔާތަކުގައި ބައިވެރިވެ އެކި ޓްރޭޑް އެގްރީމެންޓުތަކުގައި ސޮއެ ކޮށްގެންތިބި ހިނދު ދިވެހިންނަށް ވިޔަފާރީގެ ހައްގުތައް ކަށަވަރުކޮށް ހިމާޔަތް ކޮށްދިނުމާއި، މިގޮތުން ކުރިމަތިވާ ދަތިތައް ހައްލު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމުގައެވެ.
މިއީ ފަންރިޔަލުގަ ފަލިޖާހާފައި ކޮޅުބަށް ގޮސް މަސްވިއްކި ޒަަމާނެއް ނޫން.
ދުނިޔޭގެ އެކި އެކި ވިޔަފާރި ޖަމިއްޔާތަކުގައި ބައިވެރިވެ އެކި ޓުރޭޑް އެގްރީމެންޓުތަކުގައި ސޮއެ ކޮށްގެންތިބި ހިނދު ދިވެހިންނަށް ވިޔަފާރީގެ ހައްގުތައް ކަށަވަރުކޮށް ހިމާޔަތް ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް! https://t.co/Vq0NMHqQH7— Ibrahim Rasheed (@BondeM4) July 31, 2021
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަހަކަށް އައިސް ރާއްޖޭގެ ވިޔަފާރި ވެރިން ލަންކާއަށް އެތެރެކުރާ ހިކި ކަނޑުމަހުގެ ޑިއުޓީއަށް ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މިގޮތުން ޑިއުޓީ ބޮޑު ކޮށްފައިވާއިރު، ސްރީލަންކާއަށް ގެންދާ ޝިޕްމަންޓުތަކުގެ އަގުގެ ދެގުނަ ޑިއުޓީއަށް ދައްކައިގެންވެސް ޝިޕްމަންޓްތައް ކަސްޓަމުން ކުލިއަރ ކުރުމުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހެއެވެ.
ކަނޑުމަސް ސްރީލަންކާއަށް ބޭރުކުރާ ބައެއް ދިވެހި ވިޔަފާރަވެރި މައުލޫމާތު ދޭގޮތުގައި، ވައިގެ މަގުން ގެންދާ މަސް، ލަންކާގެ އެއަރޕޯޓުގައި ޑިއުޓީ ދައްކާ ކުލިއަރ ކުރުމަށްފަހު، މިހާރު ގެންދަނީ އަނެއްކާވެސް، ކަޑުމަގުން ލަންކާއަށް އެތެރެކުރާ މުދާތައް ކުލިއަރ ކުރާ ގޭޓަށެވެ. އަދި އެތަނުގައިވެސް އެތެރެކުރާ މަހަށް އިތުރަށް ފައިސާ ދައްކަން ޖެހޭއިރު، މަހުގެ ޑިއުޓީ އެތައްގުނައެއް އުފުލިގެން ދިއުމުގެ އިތުރުން، ކުލިއަރ ކުރުމުގައި ގިނަދުވަސްތަކެއް ހޭދަވެ، ގެންދާ މަސް ހަލާކުވުމުގެ ސަބަބުން، ދިވެހި ވިޔަފާރި ވެރިންނަށް ފޭނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކާ މިހާރު ކުރިމަތި ލާން ޖެހިފައިވާ ކަަމަށްވެސް މި ވިޔަފާރީގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ.
ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ދިވެހިން ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދާ މިމައްސަލަ ހައްލުކުރުމަށް މިހާރު މިކަމުގެ ޝަކުވާތައް ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާވެސް ވަނީ ހިއްސާ ކުރެވިފައެވެ.
ކޮމެންޓު ފޮނުވާ