ދިވެހި ޕައިލެޓުންނާއި ކުރޫއިންގެ އެހީގައި އިންޑިއާގައި ފަށާ އެގައުމުގެ ސީޕްލޭން ޚިދުމަތުގައި ހަރަކާތްތެރިވާ ޕައިލެޓުންނާއި ކުރޫ އިންޑިއާއަށް ހިނގައްޖެއެވެ.
މޯލްޑިވިއަންގެ ޕައިލެޓުންނާއި ކުރޫއިން ހިމެނޭހެން 6 މެމްބަރުންގެ ޓީމެއް، އެކުންފުނީގެ ސީޕްލޭނެއްގައި މިއަދު ވަނީ އިންޑިއާގެ ކޮޗިންއަށް ދަތުކޮށްފައެވެ. ފްލައިޓާއި ކްރޫއަށް ކޮޗިނުން މަރުހަބާ ދެންނެވީ ސަދަން ނޭވަލް ކޮމާންޑުގެ ފްލެގް އޮފިސަރ ކޮމާންޑިންގ އިން ޗީފް، ވައިސް އެޑްމިރަލް އޭކޭ ޗަވްލާއެވެ. ޗާޓަރުކޮށްގެން ގެންދިޔަ މި ސީޕްލޭން މާދަމާ އަޙްމަދުއާބާދަށް ދާނީ ގޯއާގައި ޓްރާންސިޓް ކޮށްފައި ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އުޝާ ޕަދީ ކުރެއްވި ޓްވިޓެއްގައި ވަނީ ވިދާޅުވެފައެވެ.
އިންޑިއާގައި ސީޕްލޭން ޚިދުމަތް ފައްޓަވައިދެއްވާނީ މިމަހުގެ 31 ވަނަ ދުވަހު ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިއާގެ ފުރަތަމަ ސީޕްލޭން ޕްރޮޖެކްޓް ފެށުމަށްޓަކައި ދިވެހި ސަރުކާރާއި، ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ދެމުންދާ އެހީތެރިކަން ފާހަގަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ މި މަސައްކަތުގައި ރާއްޖޭގެ އެހީ ހޯދަނީ ރާއްޖެއަކީ މި ދާއިރާގައި އެންމެ ކާމިޔާބު ގައުމަށް ވާތީ ކަމަށެވެ.
For India’s 1st #seaplane project, we had to turn to the experts in the field!
The seaplane operations, to be inaugurated by PM @narendramodi, will take off with the assistance of @MaldivianAero ?, pilots & crew!
We thank Govt of ?? & @MaldivianAero for their support??
??✈️ ?? pic.twitter.com/r8XBmJJLOc— India in Maldives (@HCIMaldives) October 25, 2020
އިންޑިއާގައި ސީޕްލޭންގެ ޚިދުމަށް ދިނުމަށް ފުރަތަމަ ތައްޔާރުވަނީ އެ ޤައުމުގެ ސްޕައިސްޖެޓް އެއަރލައިނުންނެވެ. އަދި މި އޮޕަރޭޝަންގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއްފަހަރާ 14 ފަސިންޖަރުން އެރުވޭ ބޯޓުތަކެކެވެ. ފުރަތަމަ ދަތުރުކުރަން ހަމަޖެހިފައިވަނީ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދު އެވެ. މި ދަތުރަށް ގާތްގަނޑަކަށް ހޭދަވާނީ މީހަކަށް 4800 އިންޑިއާ ރުޕީސް ކަމަސް ރާއްޖެގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.
އިންޑިއާގެ ސަދަން ނޭވަލް ކޮމާންޑުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި ވަކިން އޮންނަ ލަކްޝަދީޕް އައިލެންޑްސް ނުވަތަ މަލިކު ހިމެނޭ ވަކިވަކި ރަށްތަކާއި އެއްފަސްގަނޑަކަށް އޮންނަ މައި ރަށް (މެއިންލޭންޑް) ގުޅުވާލުމަށް ސީޕްލޭނަކީ އެންމެ އެކަށޭނަ ވަސީލަތް ކަމަށެވެ. އެގޮތުން މަލިކު ހިމެނޭ ސަރަހައްދުގައި ހުރި ތިލަ ފަޅުތަކާއި ކޮޗިންތެރޭގައި ހުރި ވޯޓަރ ޗެނަލް ތަކަކީ ސީޕްލޭން ޖައްސަން އެންމެ އެކަށޭނަ ތަންތައް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މިޚިދުމަތް ފުރަތަމަ ފަށާއިރު އެ ސަރަހައްދުގައި އޮޕަރޭޓް ކުރާގޮތަށް ހަމަޖެހިފައި ނެތެވެ.
ރާއްޖޭގެ އެހީއާއިއެކު އިންޑިއާގައި ސީޕްލޭން ޚިދުމަތްފެށުމަށް ތައްޔާރުވެފައި ވާއިރު، ދުނިޔޭގެ އެންމެބޮޑު ސީޕްލޭން ފްލީޓް އޮތީ ރާއްޖޭގައެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮތް ޓީއެމްއޭގެ އިތުރުން، މޯލްޑިވިއަނުންނާއި އެންމެ ފަހުން ރާއްޖޭގައި އުފެއްދި މަންޓާ އެއަރ އިންވެސް ރާއްޖޭގައި ސީޕްލޭން ޚިދުމަތް އަންނަނީ ދެމުންނެވެ.