ބަވަނަ ވެފައިވާ ދުނިޔެއެއްގައި ގައުމުތަކުން އަދާކުރާ އެންމެ މުހިންމު ދައުރަކީ ބޭރުގެ ދުނިޔެއާއި އޮންނަ ގުޅުންތަކެކެވެ. އަދި ތަރައްގީގެމަގުން ގައުމުތައް ހޯދާ ކުރިއެރުންތަކާއި، މިނިވަންކަން ދެމެހެއްޓުމުގައިވެސް ހިކުމަތްތެރި ކަމާއެކު ގައުމުތަކުން އަދާކުރާ ދައުރު އަދުގެ ދުނިޔޭގައި ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މިގޮތުން، ދޭދޭ ގައުމުތަކުގެ މެދުގައި ކުރަންޖެހޭ މުއާމަލާތްތައް އެތައްގުނައެއް ފުޅާވެގެން ގޮސްފައިވާ، އަދުގެ ދުނިޔޭގައި، ވަކީން ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކާއި، އަދި ދުނިޔޭގެ ފަގީރު ގައުމުތަކަށް އޮތް އެންމެ އުދަގޫ ޕްރެޝަރަކީވެސް، ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ މެދުގައާއި އަދި ނުފޫޒުގަދަ އަވައްޓެރި ގައުމުތަކުގެ މެދުގައި ހަމަކަމާއެކު ގުޅުން ދަމަހައްޓާ، އަދި ވަކިވަކި ގައުމުތަކުގެ އުގަށް ނުވެއްޓި ޚާރިޖީ ސިޔާސަތު ދެމެހެއްޓުމެވެ.
ހަމަ އެފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލުމުން، ދުނިޔޭގެ ބައެއް ގައުމުތަކުގެ އެތެރޭގެ ސިޔާސީ މައްސަލަތައް ބޮޑުވެ، ދާޚިލީ ހަމަނުޖެހުންތައް ހައްދުން ނައްޓާ، ވެރީން ވެރިކަމުގައި ދެމި ތިބުމަށްޓަކާ، ގެންގުޅެންޖެހޭ ޚާރިޖީ ސިޔާސަތުތަކުގެ މުހިންމުކަން ވަރަށްވެސް ފުރިހަމަޔަށް ބައިނަލް އަގުވާމީ މަސްރަހުން ފެންނާންވެސް އެބައޮތެވެ.
މީގެ ދިރިހުރި އެތަކެއް މިސާލުތަކެއް އަރަބި ދުނިޔެއިން މިއަދު އެދަނީ ފެންނަމުންނެވެ. ބޭރުގެ ގައުމުތަކާއެކީ ކުރަންޖެހޭ މުއާމަލާތްތަކުގެ ތިލަފަތް ހަމަ ކުރުމުގެ މުހިންމުކަމާއި، އަދި ގައުމުގެ އެތެރޭގައި އުފެދިގެންދާ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން، އެގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ފުރުސަތު ބޭރުގެ ބާރުތަކަށް ލިބިގެންދާ ދިއުމުގެ ފުރިހަމަ މިސާލުތައް އިރާގު، އަފްއާނިސްތާން، ސީރިއާ، ލިބިއާ ފަދަ އެތަކެއް ގައުމަކުން މިއަދުވެސް ފެންނާން އެބަހުއްޓެވެ.
އެހެންކަމުން، އަދުގެ ދުނިޔޭގައި އެއްވެސް ގައުމަކަށް ބައިނަލް އަގުވާމީ މަސްރަހާއި ވަކިވެގަނެގެން ކުރިޔަށް ދެވެން ނެތްއިރު، ބޭރުގެ ގައުމުތަކުގެ އިތުބާރު ނަގަހައްޓާ، ދަމަހައްޓާ، އަދި ތަރައްގީއާއި ދަމައްދުނުގެ ރޮގުގައި ކުރިއެރުން ހޯދާ، މިނިވަން ގައުމެއްގެ ގޮތުގައި ކުރިޔަށް ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެންމެ މުހިންމު ވަސީލަތަކީ ހަގީގަތުގައިވެސް ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީއެވެ.
ތަރައްގީގައި ރާއްޖެއަށް ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ވަރަށް މުހިންމު
ދިވެހިރާއްޖެއަކީ އުފެއްދުންތެރިކަން މަދު، މުޅި ގައުމުގެ އިގްތިސާދުގެ ބޮޑުބައެއް އިމްޕޯޓަށް ބަރޯސާވެފަ އޮންނަ ގައުމެކެވެ. އަދި ހަމަ އެފަދައިން ކޮންމެ އަހަރެއްގެ ބަޖެޓް އެކުލާވާލާއިރު، ބަޖެޓްގެ މުހިންމު އެއްބަޔަކީ، ބޭރު ގައުމުތަކާ ޖަމިއްޔާ ޖަމާއަތްތަކުގެ ހިލޭ އެހީއެވެ.
ހަމަ އެފަދައިން ގައުމަށް ކުރިމަތިވާ ކޮންމެ ބޮޑު ކާރިސާއެއްގައިވެސް ބޭރު ގައުމުތަކުގެ ދީލަތި އެހީތެރިކަމަށް ރާއްޖެއިން އެދެން ޖެހެނީ، ގައުމުގެ އުފެއްދުންތެރިކަން ދަށްވުމާއި، އިގްތިސާދީ ގޮތުން ބައިނަލް އަގުވާމީ އެހީތެރިކަމަށް ބޭނުންވެފައި ވާލެއް ބޮޑުކަމުންކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ފާއިތުވެދިޔަ ތަނުގައި ރާއްޖެ ކުރިމަތިލާންޖެހުނު ބޮޑެތި ހުރިހާ ކާރިސާތަކަށް ނަޒަރެއް ހިންގާލުމުންވެސް މި ހަގީގަތް ވަރަށް ރަގަޅަށް ސާފުވާން އެބައޮތެވެ. 2015 ވަނަ އަހަރު ކުރިމަތިވި ފެނުގެ ކާރިސާއަށް ބަލާލުމުންވެސް، އަދި މިހާރު މުޅި ދުނިޔެ ތަޖުރިބާ ކުރަމުންދާ ކޯވިޑް19ގެ އާލަމީ ވަބާއަށް ނަޒަރެއް ހިންގާލުމުންވެސް މިހަގީގަތް ވަރަށް ރަގަޅަށް ސާފުކޮށް ފެންނާން އެބަ އޮތެވެ.
ވަކީން ޚާއްސަކޮށް، ކޯވިޑް19ގެ ސިއްޙީ ކާރިސާގައި ދިވެހިރާއްޖޭގެ އިގްތިސާދު އެއްކޮށް ހުއްޓުމަކަށް އައިސް، އެހެންނަމަވެސް، ކާރިސާ މެނޭޖުކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިގަންޖެހުނު ދަނޑިވަޅުގައި، މުވައްޒިފުންގެ، މުސާރަތައް ކުޑަނުކޮށް، އަދި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ނުގެނެސް، ކާރިސާ މެނޭޖުކުރެވެމުން ދަނީ، ބައިނަލް އަގުވާމީ ގޮތުން ލިބިގެން ދިޔަ އެތަކެއް އެހީތެރިކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
އެހެންކަމުން، ރާއްޖެފަދަ ގައުމަކަށް އަބަދުވެސް އެންމެ މުހިންމު ވެފައި އޮންނަނީ، ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ގެންގުޅުމެވެ. މާނައަކީ ރާއްޖެއަށް ދުނިޔޭގެ ހުރިހާ ގައުމަކާ އެކީވެސް ވާހަކަ ދެއްކޭ ހިސާބުގައި އޮވެ، އެއްވެސް ގައުމެއްގެ ހަތުރަކަށް ނުވެ، ވަކިފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތަކީ އަބަދުވެސް، ރައީސް މައުމޫނުގެ ދައުރުން ފެށިގެންވެސް، ދިވެހިރާއްޖެއިން ތަމްސީލުކުރަމުން އަންނަ ޚާރިޖީ ސިޔާސަތެވެ.
އިންޑިއާ ޗައިނާ
ފަހަކަށް އައިސް ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވާ ދެގައުމަކީ އިންޑިއާ އާއި ޗައިނާއިންނެވެ.
މިގޮތުން ފާހަގަށް ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، އިންޑިއާއަކީ، ޒަމާނުއްސުރެ ރާއްޖެއާއި ޚާއްސަ ގުޅުމެއް އޮންނަ ގައުމެއް ކަމެވެ. ސަބަބުތައް ވަރަށް ބައިވަރެވެ.
1988 ވަނަ އަހަރު ރާއްޖެއަށް ތަމަޅަ ޓައިގަރުންގެ ފަރާތުން ކުރިމަތިވި އުދުވާނީ ހަމަލާގައި ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމަކީ އިންޑިއާއެވެ. އަދި ތާރީޚިގޮތުން ރާއްޖެއިން އަބަދުވެސް އިންޑިއާއިން ފޯރުކޮށްދިން މި އެހީތެރިކަން ފާހަގަ ކުރަމުންދާއިރު، މިނޫން ގޮތްގޮތުންވެސް ރާއްޖެއަކީ ބޭސްފަރުވާ އާއި، އަދި ތައުލީމު ހާސިލްކުރުމަށްވެސް އިންޑިއާގެ އެހީތެރިކަން އެތަކެއް ޒަމާނުއްސުރެ ހޯދަމުން އަންނަ ގައުމެކެވެ. ނަތީޖާއެއްގެ ގޮތުން، ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެންވެސް، "އިންޑިއާ ފަސްޓް" ސިޔާސަތެއް ދިވެހިރާއްޖެއިން އަންނަނީ ތަންފީޒު ކުރަމުންނެވެ.
އެހެންނަމަވެސް، ރައީސް ޔާމިންގެ ވެރިކަމުގައި މިސިޔާތަށް ބަދަލުތަކެއް އައިސް، އެތައް ޒަމާނެއްވަންދެން ރާއްޖެއިން ދަމަހައްޓަމުންއައި "އިްނޑިއާ ފަސްޓް" ސިޔާސަތަށް ބަދަލުތަކެއް އައި އައުމުގެ ނަތީޖާއަކަށްވެގެން ދިޔައީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރުކޮށް، ދުވަހަކުވެސް މި ދެގައުމުގެ ގުޅުން ހީނަރު ނުވާ މިންވަރަށް ގުޅުން ގޯސްވެގެން ދިއުމެވެ.
އަދ އާޚިރު ނަތީޖާއަކަށް ވެގެން ދިޔައީ އޭގެ ބަދަލުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު ގުޅުން ބަދަހިވެ، ހުރިހާ ގޮތަކުންވެސް ރާއްޖޭގެ އެންމެ ގާތް މިތުރަކަށް ޗައިނާ ވެގެން ދިއުމެވެ. ނަތީޖާއެއްގެ ގޮތުން ހާލަތުގެ ފައިދާ ޗައިނާ ސަރުކާރުންވެސް އިންތިހާއަށް ނަގާ، ބޮޑެތި ލޯންތައް އޭރުގެ ސަރުކާރަށް ދޫކޮށް، ރައީސް ޔާމިންގެ ދައުރުގައި ޗައިނާއިން ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން އެސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ ޗައިނާ ކަމުގައިވެ، އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިންތިހާއަށް ހީނަރުވެގެން ދިޔައެވެ.
އެހެންނަމަވެސް، ހާލަތު ބަދަލު ވީމާ މިއަދުގެ ސިޔާސަތު މާދަމާގެ ސަރުކާރުން ބަދަލުކުރުމަކީ ހުރިހާ ގައުމެއްގައިވެސް، ހުރިހާ ވެރިކަމެއްގައިވެސް ކަން ހިގާ އުސޫލެވެ. މިއުސޫލުގެމަތިން، ވެރިކަން ބަދަލުވެ، އިއްޔެގެ ސިޔާސަތު ހަމަ އެބީދައިން މިއަދު މިއޮތީ ބަދަލުވެފައެވެ.
މިސަރުކާރުން އިންޑިއާއި މިވަނީ އިންތިހާއަށް ގުޅުން ބަދަހި ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ބޭނުންވެފައިވާ ތަރައްގީގެ އެތަކެއް މަޝްރޫޢުތަކަކަށް އިންޑިއާ ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައިވެސް ހިމެނޭ އެންމެ މުހިންމު މަޝްރޫޢަކީ، ވިލިގިލި ހުރަސްކޮށް، މާލެއާއި ގުޅީފަޅާއި ދެމެދު އެޅުމަށް މިސަރުކާރުން މަަސައްކަތް ކުރަމުންދާ ބުރިޖް މަޝްރޫއެވެ.
އަދި މީގެ އިތުރުންވެސް، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު، އައްޑޫގައި ކުރިޔަށް ގެންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި، އަދި ބަޖެޓް ސަޕޯޓަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަންވެސް މީގެތެރޭގައި ހިމެނެއެވެ.
ޗައިނާއާއި ރާއްޖެއާއި ގުޅުން ގޯސްތަ؟
ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި، މިސަރުކާރު ވެރިކަމަށް އައުމަށްފަހު، ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާ އެކީ ބާއްވަމުން އަންނަ ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނު އެއް ބަދަލަކީ، ކުރީ ސަރުކާރުން ޗައިނާއާ އެކީ ދަމަހައްޓަމުން އައި ގުޅުމަށް އައި ބަދަލުތަކެވެ.
ފެންނަ ފެނުމަށް ބަލާއިރު، ރައީސް ޔާމިންގެ ވެރިކަމުގައި ޗައިނާއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތަކަށް ދޫކުރަމުން އައި، ލޯންގެ އެހީތެރިކަން، މިސަރުކާރުގައި ހުއްޓުމަކަށް އައި މަންޒަރު ފެނިގެން ދިޔައެވެ. ގިނަ ފަރާތްތަކުގެ ހިތުގައި، ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުމަށް ނެދެވޭ އަސަރުތަކެއް ކޮށްފިކަމަށް ގަބޫލު ކުރެވުނު އެއް ސަބަބަކީ މިއީ ކަމުގައި ދެންނެވިދާނެއެވެ.
އެހެންނަމަވެސް، ތަރައްގީގެ މަޝްރޫޢުތަކަށް ގައުމަކުން ފޯރުކޮށްދެމުން އައި އެހީތެރިކަމަށް ހުއްޓުމެއް ނުވަތަ މަޑުޖެހުމެއް އައުމަކީ، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ އެކުވެރި ރަހުމަތްތެރިކަމުގެ ގުޅުންމަށް އާދަޔާ ޚިލާފު ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ތަރުޖަމާ ކުރެވެން އޮތް ސަބަބަކަށް ވެގެނެއް ނުދާނެއެވެ.
ސަބަބަކީ، ތަރައްގީގެ މަޝްރޫއުތައް މީޒާންކުރުމުގެ ހުރިހާވެސް ބާރަކީ އޭރަކު އޮންނަ ސަރުކާރެއްގެ އަތްމަތީގައި އޮންނަ އިޚްރިޔާރަކަށް ވާތީއެވެ.
އޭގެ ބަދަލުގައި، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަލިކަށިވެގެން ދިއުން ނުވަތަ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފިކަން ރަމްޒު ކޮށްދޭ ކަންކަމަކީ، އެއްގައުމުން އަނެއްގައުމުގައި ސަފީރުން ނުބޭތިއްބުން ނުވަތަ ސަރުކާރުތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން ގުޅުން ގޯސްވެއްޖެކަން ރަމްޒު ކުރުމެވެ.
އެހެންނަމަވެސް، ވަރަށް ފަހަކާ ޖެހެންދެންވެސް ރާއްޖޭގައި ޗައިނާގެ ސަފީރަކު ހުންނަވާފައި ވެއެވެ. އަދި ޗައިނާ ސަފީރު ރާއްޖޭގައި ހުރި މުއްދަތުގައި، ފޮރިންގެ މިނިސްޓަރުގެ އިތުރުން، ދައުލަތުގެ ގިނަ މުވައްސަސާތަކާއި ޗައިނާ ސަފީރު ރަގަޅު ގުޅުންތަކެއް ދެމެހެއްޓެވިކަން، ސަފީރުގެ އަމަލުތަކުން ވަރަށްވެސް ރަގަޅަށް ސިފަވެގެން ދިޔައެވެ.
އެހެންމަަވެސް، ގަބޫލުކުރަންޖެހޭ އެއް ހަގީގަތެއް އޮތެވެ. ކުރީގެ ރައީސް، އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުއާއި ޗައިނާ ސަފީރާ ދެމެދު ކޯޅުންތައް އޮތްކަން މިއީ އެއްވެސް ފޮރުވުމެއްނެތި ސާފުކޮށް ފެންނާން އޮތް މަންޒަރެކެވެ. އަދި އެކޯޅުންތަކަށް ފިނިކަމެއް ނައިސް، މިއަދާހަމައަށްވެސް، ނަޝީދުއާއި ޗައިނާ ސަރުކާރާ ދެމެދު އިންތިހާއަށް ނުތަނަވަސްކަން އޮތްކަން ފާޅުކޮށް ފެންނާން އެބައޮތެވެ.
އެހެންނަމަވެސް، ފަރުދީ ހައިސިއްޔަތުން ނަޝީދުއާއި ޗައިނާ ސަރުކާރާ ދެމެދު އޮތް ކޯޅުން ނުވަތަ ނުތަނަވަސްކަން، މިސަރުކާރާ ޗައިނާ ސަރުކާރާ ދެމެދުއޮތް ކޯޅުމެއްގެ ގޮތުގައި ތަރުޖަމާ ކުރެވެން ނެތް އެންމެ މުހިންމު ސަބަބަކީ، މިސަރުކާރާ ނަޝީދުއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ބޮޑުކަމުންވެސްމެއެވެ.
ކުރިއެރުންތަކެއް ހޯދުނު، އެހެންނަމަވެސް ފާޑުކިއުންތައް ބަލައިގަންނަން ޖެހޭ
ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ބައިނަލް އަގުވާމީ ގޮތުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ފާހަގަވާން އޮތީ، ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76ވަނަ ދައުރުގެ ރިޔާސަތު ރާއްޖެއިން ކާމިޔާބު ކުރުމެވެ.
މިއީ ރާއްޖެފަދަ ކުޑަ ގައުމަކަށް ގިނަގުނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ، އަދި ތިމާވެއްޓާއި ތަރައްގީގެ ދާއިރާއިން ރާއްޖެއަށް ގިނަގުނަ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ. އަދި ހަމައެއާއެކު، އަފްއާނިސްތާންފަދަ، ދުނިޔޭގެ ބޮޑެތި ބާރުތަކާއި ގުޅުން ރަގަޅު ގައުމަކާ ވާދަކޮށް ރާއްޖެ ފަދަ ކުޑަ ގައުމަކުން ހޯދި މިކާމިޔާބީއަކީ ރަމްޒީގޮތުންނާއި ބައިނަލް އަގުވާމީ ގުޅުމުގެ ގޮތުން ބެލި ކަމުގައިވި ނަމަވެސް، ކުޑަ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރުމަކީ، އިންސާފުގެ ނަޒަރިއްޔާތުން ނިންމިދާނެ ނިންމުމެއް ނޫނެވެ.
ހަމަ އެއާއި، ކުރީގެ ސަރުކާރުން ސައުދީ ސަރުކާރަށް އެއްބާރު ދިނުމުގެ ގޮތުން، އެތަކެއް އެހިތެރިކަމެއް ރާއްޖެއަށް އެތަކެއް ޒަމާންތަކެއްވަންދެން ފޯރުކޮށްދެމުން އައި ގަތަރާއި ސިޔާސީ ގުޅުން ކަނޑާލުންފަދަ، ބައިނަލް އަގުވާމީގޮތުން ވަކި ފަރާތަކަށް ތާޢިދުކޮށް ނިންމި ފަދަ ބޮޑެތި ނިންމުންތަކެއް މިސަރުކާރުން މިހާތަނަށް ނިންމާފައި ނެތްކަން ފާހަގަ ކޮށްލަންޖެހެއެވެ. ޚިޔާލު ތަފާތުވުން ހުއްޓަސް، ފާޅުކަން ބޮޑު ގޮތެއްގައި ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު މިސަރުކާރުން ދަމަހައްޓަމުންދާ މަންޒަރު ފެންނާން އެބަ އޮތެވެ.
އެހެންނަމަވެވެސް، މިދެންނެވުނު މުހިންމު ސިފަތަކާއި ކާމިޔާބީތައް ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގެ ތެރެއިން ފެންނާން ހުއްޓަސް، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ގިނަ ޝަކުވާތަކެއް ހުރިކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. މިގޮތުންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާގަހަވާން އޮތް ކަމަކީ، މި ސަރުކާރާ އިންޑިއާއާ ދެމެދު ގާއިމް ކޮށްފައިވާ ގާތް ގުޅުމުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކެވެ.
އަދި މިތުހުމަތުތަކުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް މިހާތަނަށް ސަރުކާރުން ދީފައިވަނީ ފިނި ރައްދެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.
އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ، އިންޑިއާ ސަރުކާރާއެކީ، މިސަރުކާރުން ކޮށްފައިވާ ބައެއް އެއްބަސްވުންތައް އާންމު ކޮށްފައި ނުވުމެވެ. އަދި މި ހިންހަމަ ނުޖެހުންތަކުގެ ރައްދުގައި، މިއިން އެއްވެސް އެއްބަސްވުމެއްގައި، ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމަކަށް ސަރުކާރުން އެއްބަސްވެފައި ނޯންނާނެ ކަން ސަރުކާރުން ޔަގީން ކޮށްދިންކަމުގައިވި ނަމަވެސް، ބައެއް ހާލަތްތަކުގައި އާންމު މަސްލަހަތާއި ގުޅުންހުންނަ ކަންކަން ސިއްރުވެފައި އޮތުމަކީ، އާންމު މަސްލަހަތުން އޭގެ ނަތީޖާ ނުރަގަޅުކޮށް ފެނިގެން ހިގައިދާނެ ކަންކަން ކަމުގައި ގަބޫލުކުރަން ޖެހެއެވެ.
ފުރިހަމަ ޔަގީންކަމާއެކު، ހާމަކުރުމަކީ، ސަރުކާރުގެ މައްޗަށް އޮތް ޔަގީންކަން އިތުރަށް ބޮޑުވެގެން ދާނެކަމެއް ކަމުގައި މެނުވީ ނުވާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. ސަބަބަކީ، ޓެކްނޮލޮޖީއާއި މުޢާސަލާތުގެ މި ޒަމާނުގައި އެއްވެސްކަމެއް ސިއްރު ކޮށްފައި ބޭއްވުމަކީ ކާމިޔާބު ސިޔާސަތަކަށް ނުވާނެތީއެވެ. އަދި ސިއްރު ފާޅުވެގެން އައުން އަބަދުވެސް އޮންނާނީ އެންމެ ގާތުގައިކަމަށްވެސް ވާތީއެވެ.