ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު އެމްއެންޕީއާ ގުޅިވަޑައިގެންފި

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު އެމްއެންޕީއާ ގުޅިވަޑައިގެންފި

Author
ޢަލީ އާދަމް
29 ޖުލައި 2021 10:44
0

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު (އަންޑޭ)، އެމްއެންޕީއާ ގުޅިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް، (ކާނަލް ނާޒިމް) އިސްވެ ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓ،ީ އެމްއެންޕީއަށް އަންޑޭ ސޮއިކުރެއްވިކަން ޚަބަރު އޮންލައިނަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އެމްއެންޕީގެ ފަރާތުންވެސް އަދި މިކަން ހާމަކޮށްފައެއް ނުވެއެވެ.

އަޙްމަދު މުޙައްމަދަކީ ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައި ވާ ބޭފުޅެކެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ ކަމާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްގެ މަޤާމާއި، ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަޤާމުވެސް އަންޑޭ ވަނީ ފުރުއްވާފަ އެވެ.

އަންޑޭ އެންމެ ފަހުން ހުންނެވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގަ އެވެ. އެހެން ކަމުން އަންޑޭ އަކީ ރައީސް މައުމޫނުގެ ވެރިކަމާއި ރައީސް ވަހީދުގެ ވެރިމަުގެ އިތުރުން ރައީސް ޔާމިންގެ ވެރިކަމުގައި ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެމްއެންޕީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރުމަށް އިއްޔެ ވަނީ މާލޭގައި އެޕާޓީގެ އޮފީހެއް ހުޅުވާފަ އެވެ.

އެއޮފީހަށް ފުރަތަމަ ބަލައިގަތް މެމްބަރޝިޕް ފޯމެއްގެ ގޮތުގައި ބަލައިގަތީ، ތައުލީމީ ދާއިރާއިން ރިސަރޗްތައް ހެއްދެވުމުގައި ރާއްޖެއާއި އޮސްޓްރޭލިއާގައި 25 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. އިބްރާހީމް ލަތީފްގެ ފޯމެވެ.

އެއަށްފަހު ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އެއް ބޭފުޅާ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، އެ ޕާޓީގެ ސަރުކާރެއްގައި ތަޢުލީމީ ބޭފުޅުންނަށް ޤައުމަށް ޚިދުމަތް ކުރެެއްވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.