ކޯވިޑުން އަރައި ގަނެވުނަސް، ތަރައްގީގެ ދުވެލި ބާރުކޮށްގެން މެނުވީ ސަލާމަތެއް އެބައޮތްތަ؟

ކޯވިޑުން އަރައި ގަނެވުނަސް، ތަރައްގީގެ ދުވެލި ބާރުކޮށްގެން މެނުވީ ސަލާމަތެއް އެބައޮތްތަ؟

Author
ހުސެއިން
29 ޖުލައި 2021 10:13
0

ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ދެބައިވެގެން ދިޔައިރު، ސިޔާސީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް އެމަނިކްފާނަށް މިވަނީ ބޮޑެތި ގޮންޖެހުތަކަކާއި ކުރިމަތި ލާންޖެހިފައެވެ.

2018ވަނަ އަހަރުގެ ނޮވެމްބަރުމަހު މަގާމްގެ ހުވާ ކުރެއްވުމަށްފަހު، ކުރެއްވި ތަރައްގީގެ އެތަކެއް ފޮނި އުއްމީދުތަކާއެކު ތަރައްގީގެ ޕްލޭންތަކެއް ކުރައްސަވާ، އަދި ހަމަ އެހާމެ ގާބިލް ކެބިނެޓަކާއެކީ އެމަނިކްފާނު މަސައްކަތް ފެއްޓެވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް އެތަކެއް ގިނަ ސިޔާސީ ޕާޓީތަކެއް އޮޑިއަށް ލައްވައިގެންނެވެ. އަދި އެމަނިކްފާނުގެ ފުރަތަމަ ކެބިނެޓާއެކު އެންމެ ފުރަތަމަ ކުރިމަތި ލެއްވީ ފުރަތަމަ 100ދުވަހުގެ އެޖެންޑާއެއް ކާމިޔާބު ކުރެއްވުމަށެވެ. މި މަސައްކަތް އެމަނިކްފާނުގެ ކެބިނެޓްގެ ޒުވާން ހަކަތައާއެކު، ކާމިޔާބު ކުރެއްވީ ނުހަނު ފުރިހަމަ ކޮށެވެ.

އެހެންނަމަވެސް، ވެރިކަމުގެ ދައުރަށް އަހަރެން ފާއިތުވެގެން ދިޔަތަނާއި ކަހަލަ ގޮތަކަށް، ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވީ، މީގެ ކުރިން އެއްވެސް ބަޔަކު ހީކޮށްގެން ތިބި ކަހަލަ އަދި ހިތަށްވެސް ގެނެވިފައި ނުވާވަރުގެ ހާލަތަކާއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު، މުޅި ދުނިޔެ ކުރިމަތި ލާންޖެހުނީ ސިއްޙީ އާލަމީ ވަބާއަކާއެވެ.

ކޯވިޑް19 މުޅި ދުނިޔޭގައި ފެތުރި، އަދި އޭގެ ރާޅު ދިވެހިރާއްޖޭގެ ގޮޑު ދޮށްތަކަށް ބިންދާލީ ވަރަށްވެސް ނުރައްކާތެރިކޮށް، އަދި އެހާމެ ގެއްލުން ބޮޑު ކޮންނެވެ. 2020 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަސް ނިމިގެންދިޔަ ތަނާކަހަލަ ގޮތަކަށް، ކޯވިޑްގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކާ ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަން ޖެހުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ރާއްޖޭގެ އިގްތިސާދު އެ ސިނާއަތަކަށް ބަރޯސާވެފަ އޮތް، ފަތުރުވެރިކަމުގެ ސިނާއަތުގެ ތާރީޚުގައިވެސް ކުރިމަތިވެފައި ނުވާވަރުގެ ބޮޑު ގޮންޖެހުމަކާ އެސިނާއަތަށް ކުރިމަތިލާން ޖެހުމެވެ. މިގޮތުން، ރާއްޖޭ ޖީޑީޕީގެ ބޮޑު ބައެއް ސީދާ ގޮތުންނާއި ނުސީދާގޮތުން ހިއްސާކުރާ، ފަތުރުވެރިކަމުގެ ސިނާއަތު 2020 ވަނަ އަހަރު ނިމުނުއިރު %68 ދަށަށް ގޮސްފައި ވެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު، އިގްތިސާދީގޮތުން އެންމެބޮޑަށް އަސަރުކޮށްފައިވާ ގައުމަކީ ރާއްޖެ

ކޮންމެއަކަސް، ކޯވިޑުގެ އާލަމީ ވަބާއާއި ހަގުރާމަ ކުރަމުންދާތާ ދޮޅު އަހަރު ފާއިތުވެގެން ދާއިރު، އަދިވެސް ދުނިޔެއަށް މި ވަބާއިން އަރައިގަނެވިފައެއް ނުވެއެވެ. އެހެންނަމަވެސް، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދެވި، އަދި ހާލަތުވެސް މިހާރު އަދަޔާ ޚިލާފަށް ބޮޑަށް ރަގަޅުވަމުން ދާތީ، ކޯވިޑުން އަރައިގަނެވި، ކޯވިޑާއި އެކީ ދިރިއުޅެވޭނެ އާންމު ހާލަތަކަށް ރުޖޫޢަވުމުގެ އުއްމީދު މިއަދުވަނީ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ.

އަދި ހަމައެއާއެކު، ފާހަގަ ކޮށްލަންޖެހޭ މުހިންމު ނުކުތައަކީ، ކޯވިޑުން އަރަގަނެވޭއިރު، މިސަރުކާރުގެ ވެރިކަމުގެ ދައުރު ދެބައިވެސް ވެއްޖެ ކަމެވެ. 2023ގެ ރިޔާސީ އިންތިޚާބަށް ދެން އޮތީ ދެއަހަރެއްހާ ދުވަހުގެ މުއްދަތެކެވެ. ރިޔާސީ އިންތިޚާބަށް ދެއަހަރެއްހާ ދުވަހުގެ މުއަދަތެއް ބާކީ އޮތް އިރު، ހަމައެއާއެކު ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ކަމަކީ، ސަރުކާރު ކޯލިޝަން އޮތް ހާލަތެވެ. އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކެވެ.

މިހުރިހާ ބޮޑެތި ކޯޅުންތަކާއި، ކާރިސާތަކާއި އަދި ގިރާކުރަންޖެހޭ އަޑި ގުޑަންތަކާއެކީވެސް، ބާރަށް ކުރިޔަށް ނުދެވިއްޖެނަމަ، ދެން ސަރުކާރުން ކުރިމަތިލާންޖެހޭނޭ ގޮންޖެހުންތަކާއި އަދި ދަތިތައް، ތަފާތު މޭރުމަކުންނަމަވެސް، ކުޑަ ވާނެކަމަކަށް ނުބެލެވެއެވެ.

 

ބޮޑެތި ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށޭ!

ރައީސް ޔާމިންގެ ވެރިކަމުގެ އެންމެ މުހިންމު ލެގަސީއަކަށް ވެގެން ގޮސްފައިވަނީ ތަރައްގީއެވެ. އެއީ ރަށްރަށުގައި ކުރިޔަށްދިޔަ، ބަނދަރު ހެދުމާއި، ފަޅު ފުން ކުރުމާއި، ސްކޫލު އިމާރާތްތަކާއި އަދި މިހެންގޮސް ކުރިޔަށް ދިޔަ ކުދިކުދި މަޝްރޫޢުތަކަށްވުރެ ބޮޑަށް އެ ވެރިކަމުގައި ކުރިޔަށް ގެންދެވި ބޮޑު ދެތިން އަމޝްރޫއަކުން ހޯއްދެވި ލޭބަލްއެއްކަންވެސް ފާހަގަ ކޮށްލެވެއެވެ. މީގެތެރޭގައިވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ސިނަމާލެ ބްރިޖް މަޝްރޫޢާއި، ހުޅުމާލޭގައި ކުރިޔަށް ގެންދެވި 7،000 ހައުސިންގ ޔުނިޓްގެ މަޝްރޫޢާއި، އަދި އޭގެ އިތުރަށް އިމާރާތްކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގެ މަޝްރޫޢެވެ.

މަޝްރޫޢުތަކުގެ ފެންވަރާއި، އަދި އޭރު ތުހުމަތު ކުރެވިގެންދިޔަ ކޮރަޕްޝަންގެ އަމަލްތަކުގެމަތިން މިއަދު ހަދާން ކުރާނޭ ބަޔަކު ނެތެވެ. އަދި ހަގީގަތުގައިވެސް ފާހަގަވާން އޮތް ކަމަކީ، ތަރައްގީގެ މިމަޝްރޫޢުގެ ފައިދާއާއި ލާބަ ރައްޔިތުންނަށް މިއަދު ލިބެން ހުރިކަންވެސް މެއެވެ. ހަމައެއާކު، ބޮޑެތި މިމަޝްރޫޢުތައް ވިއްކަވައިގެން ރައީސް ޔާމިން އެކަށީގެންވާ މިންވަރަށްވުރެ ގިނައިންވެސް 2018ގެ ރިޔާސީ އިންތިޚާބުގައި ވޯޓު ހޯއްދަވާފައިވާކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

އެހެންކަމުން މާޒީގެ ތަޖުރިބާތަކުން ފެންނާން އޮތް މަންޒަރަކީ، ކޮންމެ ސަރުކާރަކަށްވެސް، އެސަރުކާރެއްގެ ދައުރުގައި ތަރައްގީގެ މުހިންމު ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަކީ މުހިންމު ކަމެއްކަމެވެ. ނަތީޖާއެއްގެ ގޮތުން، މިސަރުކާރުންވެސް ދައުރުގައި ކުރިޔަށް ގެންދަވާނޭ މުހިންމު ބޮޑެތި ބައެއް މަޝްރޫޢުތަކެއް އިއުލާން ކުރައްވާ، އަމަލީ މަސައްކަތްތަކާ ހަމައަށް ދަނީ ދަތުރު ކުރަމުންނެވެ.

މި ސަރުކާރުން ގުޅިފަޅާއި މާލެއާއި ދެމެދު އެޅުމަށް ޕްލޭން ކޮށްފައިވާ ބުރިޖްގެ ކުރެހުމެއް

މިގޮތުން، މާލެއާއި ގުޅިފަޅާ ދެމެދު އެޅުމަށް ޕްލޭން ކުރެވިފައިވާ ބުރިޖް މަޝްރޫޢާއި، ހުޅުމާލޭގައި ފެށުމަށް އިއުލާން ކުރެވިފައިވާ ހައުސިންގ މަޝްރޫޢޫތަކާއި އަދި މާލޭ ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ފާހަގަ ކޮށްލެވެއެވެ. އަދި މީގެ ތެރެއިންވެސް، ކައިރީގަ އޮތް ވިލިގިލި ހުރަސްކޮށް، މާލެއާއި ގުޅީ ފަޅާދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖް މަޝްރޫއު ވަކިން ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެއެވެ.

މިސަރުކާރުން ބުރިޖް އަޅަނީ ވިލިގިލި ހިމެނޭގޮތުން މާލެއާއި ގުޅީފަޅާ ދެމެދުއެވެ. މި ބިޔަ ބޮޑު މަސައްކަތުގެ ސްޕީޑު އަދި ވަޒަންކުރަން ދައްޗެވެ. އެހެންނަމަވެސް، ފެންނާން އޮތް ހަގީގަތަކީ، ރައީސް ޔާމިން، ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އަހަރު ބްރިޖް ޕްލޭން ކުރުމުގެ މަސައްކަތް ފެއްޓެވި ކަމެވެ. އަދި އަމަލީ މަސައްކަތް 2016 ވަނަ އަހަރުގެ މާރޗް މަހުގައި ފެއްޓެވިއެވެ. މަސައްކަތް ފެށުނުތާ 2 އަހަރުތެރޭ ބުރިޖް އަޅާ ނިންމެވިކަމެވެ.

އެހެންކަމުން، އޭރު ޗައިނާ ސަރުކާރުގެ އެހީގައި އެޅި ސިނަމާލެ ބުރިޖް މަސައްކަތް ފެށުނުތާ 18 ވަރަކަށް މަސްދުވަހުގެ ތެރޭގައި މަސައްކަތް ބާރަށް ކުރިޔަށް ގެންގޮސް ނިންމާ، ރަސްމީކޮށް ބުރިޖު ހުޅުވާފައިވެއެވެ. އެސަރުކާރުގެވެސް އަމާޒަކަށްވީ 2018ގެ ރިޔަސީ އިންތިޚާބުގެ ކުރިން ބުރިޖްގެ މަޝްރޫއު ނިންމާ، އޭރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވޯޓު ހޯދުމުގެ މުހިންމު ވަސީލަތަކަށް ބުރިޖް ހެދުމެވެ. އަދި އެސަރުކާރުން އެމަގުސަދު ނުހަނު ފުރިހަމަޔަށް ހާސިލްކުރި ކަމުގައިވެސް މިއަދު ދެންނެވެން އެބަ އޮތެވެ.

ހަމަ މިބީދައި މިސަރުކާރުގެވެސް އަމާޒަކީ، 2023ގެ ރިޔާސީ އިންތިޚާބުގެ ކުރިން ބުރިޖްގެ މަޝްރޫއު ނިންމާ ބޭނުން ކުރަން ފެށޭވަރު ކުރުންކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ، 2023ގެ ރިޔާސީ އިންތިޚާބަށް ދެން އޮތީ ބަރާބަރު 2 އަހަރެއްހާ ދުވަހުގެ މުއްދަތެއްކަމެވެ. ރައީސް ޔާމިންގެ ދަރުރުގައި 2 ކިލޯމީޓަރުގެ ކުރު ބުރިޖެއް 18 ވަރަކަށް މަސްދުވަހުން ނިންމިއިރު، އެއަށްވުރެ މާ ދިގު، ސައިޒުން ބޮޑު ބުރިޖެއް ކުރިޔަށް އޮތް 24 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެތޯ މިއީ އަދި ޖަވާބު ހޯދަން އަވަސް ސުވާލަކަށް ވުން އެކަށީގެންވެދާނެއެވެ. އެހެންނަމަވެސް ގަބޫލުކުރަން ޖެގޭ ހަގީގަތަކީ، 2023ގައި މިމަސައްކަތް ފުރިހަމަކޮށް ނިންމާލުމަށް މިއަދު އަމާޒު ހިފާކަމަށް ވަނީނަމަ، މިމަސައްކަތުގެ އަމަލީ މަސައްކަތް ފެށުން މިހާރު ލަސްވެގެން ގޮސްފައިވާކަމެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ

ކޯވިޑަށްފަހު، ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހިގައި ނުގަންނަ ނަމަ، ގޮންޖެހުންތައް ބޮޑު!

ހަގީގަތަކީ، ކޯވިޑް ކާރިސާގެ ބޮޑެތި ގޮންޖެހުންތަކާ އެކީވެސް، ރަށްރަށުގައި ކުރިޔަށްދާ ތަރައްގީގެ މުހިންމު ބައެއް މަޝްރޫޢުތައް ކުރިޔަށް ދާކަމެވެ. މީގެރެތޭރައި ބަނދަރުތައް ހެދުމާއި، ފަޅުތައް ފުންކުރުމާއި، ނަރުދަމާ އެޅުމާއި، ފެނުގެ ނިޒާމް ގާއިމް ކުރުމާއި، ބައެއް ރަށްރަށުގައި ހެލްތު ސެންޓަރުތައް އެޅުމާއި، އަދި މިނޫނަސް ރަށްރަށުގެ ތަރައްގީއާއި ގުޅުންހުރި މުހިންމު މަޝްރޫޢުތައް ހިމެނެއެވެ.

ކޯވިޑަށް އަމާޒުކޮށް ސަރުކާރުން ކުރަންޖެހުނު ބޮޑެތި ހޭދަތަކާ އެކީވެސް، ރަށްރަށުގައި ކުރިޔަށްދާ މިފަދަ މުހިންމު ބައެއް މަޝްރޫއުތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ދާކަމީ އެކަމުގެ ހައްގު ޝުކުރު ސަރުކާރަށް އޮންނަންޖެހޭނެ ކަމެއްކަމީވެސް ހަމަޔާއި އިންސާފުގެ ތެރެއިން ވިސްނާ މީހެއްނަމަ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

އެހެންނަމަވެސް، ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ ބޮޑެތި ބައެއް މުހިން މަޝްރޫއުތަކަށް އަމަލީ ސިފަ ނުގެނެވި ލަސްވެގެންދާ ދިއުމަކީ، ހަގީގީގަތުގައިވެސް ކުރިޔަށް އޮތްތަނުގައި ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމުގައި މިއަދު އެބަ ތަސައްވުރު ކުރެވެއެވެ. މީގެތެރޭގައިވެސް، މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯއްދަވާ ދެއްވުމަށް ސަރުކާރުން ވީވައުދުތަކަށް އަމަލީ ސިފަ ގެނައުން ހިމެނެއެވެ.

މިގޮތުން، ފާއިތުވެދިޔަ 2 ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި ތަފްސީލްތަކުގެ ތެރޭގައި، ބިންގާ އަޅުއްވާނެ ކަމަށް ވިދާޅުވި ހައުސިންގ މަޝްރޫޢުތަކުގެ ބިންގާ މިހާތަނަށް އެޅިފައި ނުވުމަކީ ސަރުކާރަށް 2023ގައި ކުރިމަތިވާނެ މައްސަލައެއްކަމުގައި މިއަދު ބެލެވެއެވެ. އަދި މިއީ މީގެ ޒިންމާ ހައުސިންގ މިނިސްޓަރު ނަަންގަވަންޖެހޭނެ  ކަމެއް ކަމަށްވެސް މިއަދު ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސަބަބަކީ، މިއަދު މިމަޝްރޫޢުތަކުގެ ބިންގާ ސަރުކާރުން އެޅުއްވި ކަމުގައިވި ނަމަވެސް، 2023އަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެތީއެވެ.

ސަރުކާރުގެ ހައުސިންގ މަޝްރޫޢުތަކުގެ ދުވެލި ލަސްވުުގެ ޝަކުވާ ހައުސުންގ މިނިސްޓަރ އަސްލަމަށް ތަކުރާރުކޮށް ދަނީ އަމާޒުވަމުން

ހަމަ އެއާއެކު، އައްޑޫފަދަ ރާއްޖޭގެ ބޮޑެތި ބައެއް ރަށްރަށުގައި ކުރިޔަށްދާ ބޮޑެތި ބައެއް މަޝްރޫއުތަކުގެ ދުވެލި މަޑުވުމާއި، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިޔަށް ނުދާކަމުގެ ކަންބޮޑުވުން މިއަދު ހުރިއިރު، ތަރައްގީގެ މަޝްރޫޢުތައް ފުރިހަމަޔަށް ވިލަރެސް ކުރެވި، ސަރުކާރަށް މުހިންމު ދަނޑިވަޅެއްގައި ކޯވިޑުން އަރައިގަނެވޭއިރު، ލިބިގެންދާ ލުޔާއެކު ތަރައްގީގެ ދެވުލި އެތައް ގުނަޔަކުން ހަލުއި ކުރުން ނޫންގޮތެއް ސަރުކާރުގެ ކުރިމަތީގައި ދެން އޮތް ކަމަކަށް ނުބެލެވެއެވެ.

ސަބަބަކީ، 2023ގެ ރިޔަސީ އިންތިޚާބަށް ކުރިޔަށް ދެން ދެ އަހަރެއްހާ ދުވަސްވެސް ނެތުމެވެ. އަދި ކުރިޔަށް އޮތް އަހަރު ފެށިގެން ދިއުމާއެކު، ދެން ކުރިމަތިވެގެން ދާނީ، ސީދާ ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ކުރިޔަށްދާ ކެމްޕޭންތަކާއި، އަދި ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ސިޔާސީ މަސްރަހަށް އަންނާނ ބޮޑެތި ބަދަލުތަކެވެ.

އެހެންނަކަމުން، ކޯވިޑުން މިއަދު އަރައިގަނެވިގެން ދާއިރު، ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް ސިޔާސީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ސަރުކާރުގެ ކުރިމަތީގައި އޮތް ތަރައްގީގެ އެޖެންޑާއާއިގެން ބާރަށް ކުރިޔަށް ނުދެވިއްޖެނަމަ، ރައީސް ސޯލިހުގެ ސަރުކާރުގެ ދައުރުގެ ތެރޭގައި އެމަނިކްފާނަށް ކުރިމަތިވެގެން ދިޔަ ބޮޑެތި ގޮންޖެހުންތަކުގެ މަތީން ރައްޔިތުން ހަދާން ހުންނާނެ ކަމަކަށް ނުބެލެވެއެވެ.

ސަބަބަކީ އަބަދުވެސް ދިވެހިންގެ އަރުތެރޭގައި އެންމެ ފަހަށް ހަރުލާ ހުންނަ ރަހައަކީ އެންމެ ފަހުން ބޯ ކަޅު ސައިތަށީގެ ރަހަކަމަށް ވާތީއެވެ. ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި އެތައް ގުނައަކުން އިތުރުކޮށް، ބާރަށް ކުރިޔަށް ދިއުން ނޫން ހައްލެއް ސަރުކާރަށް އޮތް ކަމަކަށް ނުބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނާސިރު11
ބޮން ކަޅުސައެކޭ ދިވެހިންނެކޭ ކިޔާކަށް. އެމްޑީޕީ 2 ސަކަރުކާރުގެ ރަހަވެސް ދިވެހިން ބަލައިފި. 2ފަހަރުވެސް އަނގަޔާ އަތާ ދިމާނުވެ އިންޑިޔާއަށް ވިކިގެން ގޮސް ނިމުނީ. ސާފުވެއްޖެ. ރަނގަޅަށް ވޯޓުލައިދޭނަން މިފަހަރު