ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖަށް އިކުއަރޑޯއިން ދީފަ އޮތް އެގައުމުގެ ރައްޔިތުކަން ބާތިލް ކުރުމަށް އިކުއަރޑޯގެ ކޯޓަކުން ނިންމައިފިއެވެ.
އިކުއަރޑޯގެ ޝަރުޢީ ދާއިރާއިން މިހާރުވަނީ، އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައިވާ ޖޫލިއާން އަސާންޖަށް، އިކުއަރޑޯއިން އޭނާއަށް ދީފައިއޮތް އެގައުމުގެ ރައްޔިތުކަމުގެ ހައިސިއްޔަތު މިހާރު ބާތިލް ކޮށްފައިވާކަން ރަސްމީކޮށް އަންގާފައެވެ.
އިކުއަރޑޯގެ ކޯޓުން މިގޮތަށް ނިންމާފައިވަނީ، އަސާންޖު އެގައުމުގެ ރައްޔިތުކަން ހޯދާފައިވަނީ، ރަގަޅު ނޫން އެތަކެއް މައުލޫމާތުތަކާއި، ތަފާތު ސޮއިތަކާއި، އަދި ލިޔެ ކިޔުންތައްވެސް ބަދަލު ކޮށްގެންނާއި، އަދި މީގެ އިތުރުން ދައްކަންޖެހޭ އިތުރު އެތަކެއް ފީތަކެއްވެސް އޭނާ މިހާތަނަށް ދައްކާފައި ނުވާކަން އިކުއަރޑޯގެ މުވައްސަސާތަކުން ކޯޓަށް އެންގުމާއި ގުޅިގެންނެވެ.
އަސާންޖުގެ ގާނޫނީ ވަކީލު، ކާލޮސް ޕޮވެޑާ އެސޯޝިއޭޓް ޕްރެސްއަށް މައުލުމާތު ދެމުން ބުނެފައިވަނީ، އިކުއަރޑޯގެ ކޯޓުގެ މި ނިންމުމަމަކީ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އަދި މައްސަލަ ނިންމިއިރު އަސާންޖު ކޯޓަށް ހާޒިރުވުމުގެ ފުރުސަތުވެސް ފަހި ކޮށްދީފައި ނުވާކަމަށެވެ.
"އަސާންޖަށް ކޯޓަށް ކިޔާފައިވާ ދުވަހު އޭނާގެ މިނިވަންކަން ވަނީ ނިގުޅައިގަނެވި، އަދި އޭނާއަށް ވަނީ އެތަކެއް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފަ،" މިމައްސަލަ އިސްތިއުނާފް ކުރާނެކަމަށް ވިދާޅުވަމުން ޕޮވެޑާ ވިދާޅުވިއެވެ.
އަސާންޖު ހުރީ އިގިރޭސިވިލާތުގެ ލަންޑަންގެ އެންމެ ރައްކާތެރި އެއް ޖަލުގައި ބަންދު ކުރެވިފައެވެ. އަދި އެމެރިކާއިން ދަނީ އޭނާ އެގައުމަށް ފޮނުވާދިނުމަށް އިގިރޭސިވިލާތުގެ ކިބައިން އެދެމުންނެވެ. އެހެންނަމަވެސް، މިއަހަރުގެ ޖެނުއަރީމަހު، އިގިރޭސި ކޯޓަކުންވަނީ އޭނާ އެމެރިކާއާއި ހަވާލުކުރުމަށް ދެކޮޅު ހަދާފައެވެ. ކޯޓުން އޭނާ އެމެރިކާއާ ހަވާލުކުރުމަށް ދެކޮޅު ހަދާފައިވަނީ، މިފަދަ އަމަލެއްގެ ސަބަބުން އޭނާގެ އެތަކެއް ހައްގަކަށް އުނިކަން އަންނާކަމަށް ބަލައިގެންނެވެ.
އަސާންޖުމެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ، އެމެރިކާގެ ކުރީގެ އަސްކަރީ އިންޓެލިޖެންސް އެނަލިސްޓެއްކަމުގައިވާ ޗެލްސީ މެނިންގ އާއި އެއްބައިވެ، 2010 ވަނަ އަހަރު އެމެރިކާ ސަރުކާރުގެ އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އާންމު ކޮށްފައިވާކަމުގެ ތުހުމަތެވެ.
އަސާންޖަށް ތާޢީދުކުރާ ފަރާތްތަކުންނާއި އަދި މިނިވަންކަމާއި ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދެކެނީ އޭނާއަކީ ދިރާސާ ކުރާ ރިޕޯޓަރެއްކަމަށާއި، އަދި އޭނާއަކީ، ހަގުރާމައިގެ އެތަކެއް ޖަރީމާތަކެއް އާންމުކޮށް، އެކަންކަން އަނެކުންގެ ސަމާލުކަމަށް ގެނައި މީހެއްގެ ގޮތުގައެވެ.
އޭނާގެ ވިކިލީކްސްއިން ދުނިޔޭގެ މަޝްހޫރު އެހެން ބައެއް ނޫސްތަކާއިވެސް ގުޅިގެން ލީކް ކޮށްލި މައުލޫމާތުތަކުގެ ތެރޭގައި، ގުޅިފައިވާ ބާރުތަކުގެ ސިފައިން އަފްއާނިސްތާނުގައި ހިންގާފައިވާ އަސްކަރީ އެތައް ކަމަކާއި ގުޅޭ ސިއްރު މުހިންމު މައުލޫމާތުތައްވެސް ހިމެނެއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، އެެމެރިކާގެ ވޮޝިންގޓަންއިން އަސާންޖުމެއް މައްޗަށް "އެމެރިކާގެ ތާރީޚުގައި، އެންމެ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު ގަވާއިދާ ޚިލާފަށް އާންމު ކުރުމުގައި އަސާންޖު އަދާކޮށްފައިވާ ދައުރު" މި މައްސަލައާއި ގުޅޭ 18 ދައުވާއެއް އުފުލުމަށް އެދިފައިވާ ކަމަށް ބުނެފައި ވެއެވެ.
އެމެރިކާގެ އޮފިޝަލުން އެންމެ ބޮޑަށް ފާހަގަކުރާ މައްސަލައަކީ، އެމެރިކާއަށް މައުލޫމާތު ފޯރުކޮށްދޭ އެތައްބައެއްގެ ފުރާނައަށް އަސާންޖުގެ އަމަލްތަކުގެ ސަބަބުން ނުރައްކާ ވެފައިވާ މައްސަލައެވެ.
އެމެރިކާގައި ކުރެވޭ ޝަރީއަތެއްގައި، އަސާންޖުގެ މައްޗަށް މި ދައުވާރައް ސާބިތު ވެއްޖެނަމަ އެގައުމުގައި އޭނާ 175 އަހަރަށް ޖަލަށް ލުމުގެ ފުރުސަތު އެބައޮތެވެ.
އެމެރިކާއަށް އޭނާ ގެންދެވުމުގެ ފުރުސަތު ބަންދުކުރުމުގެ ގޮތުން 2012ވަނަ އަހަރު އަސާންޖު ސިޔާސީ ހިމާޔަތް ހޯދީ އީކުއަޑޯރ އެމްބަސީއިންނެވެ. އަދި އެގައުމުން ފަހުން އޭނާއަށްވަނީ ސިޔާސީ ހިމާޔަތްވެސް ދީފައެވެ.
އަދި އޭރު އިކުއަޑޯރއިން ވިސްނަމުން ދިޔައީ، އަސާންޖަށް ޑިޕްލޮމެޓިކް ހައިސިއްޔަތު ދިނުމަށެވެ. އެފުސަތު ލިބިގެން ދިޔަނަމަ، އޭނާއަށް އެއްވެސް ނުރައްކަލަކާ ނުލާ އެމްބަސީ ދޫކޮށް ދިއުމުގެ ފުރުސަތު ލިބިގެން ދިޔައީހެވެ.
އެހެންމަވެސް، ފަހުން އަސާންޖުއާއި އީކުއަޑޯރއާއި ދެމެދު ނުތަނަވަސްކަން އުފެދި، އިކުއަޑޯރގެ ސަރުކާރުން 2019ވަނަ އަަހަރު އޭނާއަށް ދީފައޮތް "ސިޔާސީ ރެފިއުޖީ"އެއްގެ ދަރަޖަ ވަނީ އަބުރާ ގެންގޮސްފައެވެ. އެއާއެކު، އިގިރޭސި ފުލުހުންވަނީ، ކަފާލާތުގެ ޝަރުތުތަކާ އޭނާ ޚިލާފްވެފައި ވާތީ އެނާ ހައްޔަރު ކޮށްފައެވެ.