ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ މެމްބަރު، ކާނަލް ނާޒިމް އިސްވެ ހުންނަވާ، ރަޖިސްޓްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީއިން ރެޖިސްޓްރޭޝަނަށް ޚާއްސަ އޮފީހެއް މާލޭގައި ހުޅުވައިފިއެވެ.
އެމްއެންޕީން މިއަދު ޓުވީޓް ކޮށްފައިވާ ގޮތުގައި، އެޕާޓީއަށް ވަނުމުގެ ޝައުގުވެރިކަން ކުރި ހުރިހާ ފަރާތަކުންވެސް، އަލަށް ހުޅުވުނު އެޕާޓީގެ ރެޖިސްޓްރޭޝަން އޮފީސަށް ވަޑައިގެން، ޕާޓީއާއި ގުޅިވަޑައިގަތުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އަދި އެޕާޓީން ވަނީ، ގައުމުގެ ކުރިއެރުމަށްޓަކާ، ޕާޓީއަށް ވަނުމުގެ ދައުވަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދީފައެވެ.
އެމްއެންޕީން ޓުވީޓް ކޮށްފައިވާ ގޮތުގައި މި އޮފީސް ހުޅުވިފައި ހުންނާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން ރޭގަޑު 11:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަޑު 11:00 އާއި ހަމައަށެވެ.
މިއޮފީސް ހުޅުވާފައިވަނީ، ހަދީބީ މަގުގައި ހުންނަ، ހެންވޭރު ނޫމުރަކަ އިމާރާތުގެ ގްރައުންޑް ފްލޯރގައެވެ.
އެމްއެންޕީ ލޯންޗުކުރުމަށް މިއަހަރުގެ މިނިވަންދުވަހު، ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނާޒިމް ވިދާޅުވެފައިވަނީ، އެމްއެންޕީ އަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަކީވެސް ވަކި މީހެއްގެ ފަހަތުން އަބަދުވެސް އެނބުރޭ ޕާޓީތައް ކަމަށާއި އެމްއެންޕީގެ މައިގަނޑު ބޭނުމަކީ އެކަން ނައްތާލުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީއަށް މެންބަރުން ހޯދުމަށް ގިނަ ހަރަކާތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވެފައި ވެއެވެ.
އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފަ އެވެ.
ކޮމެންޓު ފޮނުވާ