އައްޑޫ ފްލައިން ސްކޫލުގައި ހުއްޓިފައިވާ ސިމިއުލޭޓަރ ޓްރެއިނިންގތައް މިއަދު އަލުން ފަށައިފި އެވެ.
ސްރީ ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސުކޫލު، އެވިޑް ކޮލެޖުން ގަނެ، ސޭލްސް ޕަރޗޭސް އެގްރިމެންޓްގައި ސޮއިކުރިފަހުން މިވޭތުވެދިޔަ މަދު ދުވަސްކޮޅުގެތެރޭގައި ފްލައިން ސްކޫލްގެ ހަރަކާތްތައް އަލުން ފެށިގެން ވަރަށް ހަލުއި ސްޕީޑެެއްގައި ކުރިއަށް ދާކަމަށް އެކޮލެޖުން ބުނެއެވެ. އެގޮތުން ފްލައިން ސްކޫލްގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަރ ޓްރެއިނިންގތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު މިއަދު އަލުން ފަށާފައި ވާކަމަށް އެވިޑުން ބުނެއެވެ.
ހަމަ އެހެންމެ މީގެ ހަފްތާއެއްކުރިން ، ގްރައުންޑް ކްލާސްތަކުގެ ތިއަރީބައި ފުރިހަމަކުރަންޖެހިފައިވާ ދަރިވަރުންނަށް ބޭނުންވާ ތިއަރީ ކްލާސްތައް ފެށިގެން ކުރިއަށް ދާކަމަށްވެސް އެވިޑުން ބުނެއެވެ. މިއާއެކު ދަރިވަރުންގެ ތެރެއިން އެގްޒާމްތައް ހަދަންޖެހޭ ކުދިން، އެކަމަށް ތައްޔާރުކުރުވުމަށްޓަކައި ރިފްރެޝްކޮށްލުމަށް ބޭނުންވާތީ އެދަރިވަރުންގެ އަތުން އިތުރު އެއްވެސް ފީއެއް ނުނަގައި ރިފްރެޝިންގ ކްލާސްތައްވެސް ފަށައިގެން ކުރިއަށް ދާކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.
މިކްލާސްތައް ނިމުމުން އެގްޒާމްތަކުގެ ޝެޑިއުލް ތަޔާރުކުރުމަށްފަ ސިވިލް އޭވިއޭޝަނާއި ހިއްސާކޮށް އެބޭފުޅުންގެ އިރުޝާދާއެކު ވީ އެންމެ އަވަހަކަށް އެގްޒާމްގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާކަމަށް އެވިޑް ކޮލެޖުން މަޢުލޫމާތު ދެއެވެ.
އެވިޑް ސްކޫލް އޮފް އޭވިއޭޝަނުން އަލަށް ގެނައުމަށް ހަޖެހިފައިވާ ފްލައިޓަށް އަގުދެއްކުމުގެ ކަންކަން މުޅިން ހަމަޖެހިފައި ވާކަމަށާއި މިފެށޭ މަހުގެ ކުރީކޮޅުގައި ފްލައިޓްގެ ބައިތައް ޑިސްމެންޓަލްކޮށް ވަކި ވަކިން ކޮންޓެއިނަރއަށް ލޯޑްކުރުމަށްފަހު 45 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ގެނެވޭވަރު ވާނެކަމަށް ވެސް އެވިޑް ކޮލެޖުން ބުނެއެވެ.
ރާއްޖޭގައި މަތީ ތަޢުލީމްގެ ކޯސްތައް ހިންގަމުން އަންނަ އެވިޓް ކޮލެޖުން އައްޑޫ ފްލައިން ސްކޫލް ގަނެ އެތަން ހިންގުމާއި ހަވާލުވެފައިމިވަނީ، އެތަނުގައި ހުރި ގިނަ މައްސަލަތަކެއް ފެންމަތިވެ، އެތަން އެގޮތުގައި ކުރިއަށް ނުގެންދެވޭނެކަން ސަރުކާރުން ޓްރިޕަލް އޭ ކުންފުންޏަށް އަންގާ އިންޒާރު ދީފައިވަނިކޮށެވެ. އެކޮލެޖުން ފްލައިން ސްކޫލާ ހަވާލުވީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ.