ޝިދާތާވެސް ލަވައިގެ ދުނިޔެއަށް؟

ޝިދާތާވެސް ލަވައިގެ ދުނިޔެއަށް؟

Author
ޢަލީ އާދަމް
27 ޖުލައި 2021 02:23
0

އިއްޔެ ފާހަގަ މިކުރި ދިވެހިންގެ މިނިވަންދުވަހު ފާހަގަކޮށްލެވުނު އެއް ކަމަކީ، ދުވަހުގެ މުނާސަބަތުގައި އެކިއެކި ފަންނާނުން ގެނެސްދިން ގައުމީވަންތަ، މިނިވަން ދުވަހާއި ގުޅޭ ލަވަތަކެވެ. ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑްތަކާއި ބޮޑުބެރު ގުރޫޕުތަކުގެ އިތުރުން އެކިއެކި ރަށްރަށުގެ ކައުންސިލް ތަކާއި، ރާއްޖެއިން ބޭރުގައި ހުރި ބައެއް ދިވެހި އެމްބަސީތަކުންވެސް އިއްޔެވަނީ މިފަދަ ގައުމީ ވަންތަ ތަފާތު ލަވަތައް ގެނެސްދީފައެވެ.

އަޅުގަނޑުމެން މީގެކުރިން ފާހަގަކުރި މިނިވަން ދުވަސްތަކާއި މިއަހަރުގެ މިނިވަންދުވަސް އަޅުގަނޑަށް އެންމެ ތަފާތު ކަމަކަށް ފެނުނީވެސް މިކަމެވެ. މީގެ ކުރިން ގިނަފަހަރަށް އަޅުނޑުމެންނަށް މިފަދަ ގައުމީ ލަވަތަށް ފެންނަނީ ދައުލަތުގެ މީޑިއާގެ އިސްނެގުމަށް ނުވަތަ ގައުމީ ދިފާއީބާރު ނޫނީ ހޯމް މިނިސްޓްރީގެ އިސްނެންގެވުމަށް ހަދައި އާންމުކުރާ މަންޒަރެވެ.

މިފަހަރު އަޅުގަނޑުމެންނަށް ފެނިގެންދިޔަ ތަފާތު އެކި ލަވަތައް ބެލުންތެރިން ބަލައި ގަތީ އެކިގޮތްގޮތަށެވެ. އެއް ބަޔަކަށް ކޮޕީ ރާގުތަކަށް ގައުމީ ލަވަ ހެދުމުން ކަމަކު ނުދިޔަ އެވެ. އަނެއް ބަޔަކަށް ދިވެހިންގެ ތެރޭ މަގުބޫލުކަން ހޯދާފައި ވާ ރާގުތަކަށް ލަވަތައް ހެދުމުން ވަރަށް ކަމުވެސް ގޮސްފި އެވެ.

މިލަވަތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ލަވައަކީ ފިލްމީ ތަރި، ނެށުންތެރިޔާ އަދި މަޝްހޫރު ޑިޒައިނަރ ޖާދުﷲ އިސްމާޢީލް 115 ފަންނާނުންނާއެކު ގެނެސްދިން ތަފާތު ހިތްގައިމު ލަވައެވެ. "ގަލަމުންވެ ސޫރަ ރަންދެލީ" މި ނަމުގައި ތައްޔާރުރި މި ލަވައަކީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީގެ ޅެމަކަށް، ޒުވާން 2 ލަވަކިއުންތެރިން ކަމަށްވާ އައިޝަތު ޖޫނީ ޖިނާހާއި، އަޙްމަދު އިޝާމް ކިޔައިދީފައިވާ މަޑުމައިތިރި ރީތި ލަވައެކެވެ.

ލަވައިން އެކި ދާއިރާތަކުގެ 115 ފަންނާނުން ފެނިގެން ދިޔައިރު އޭގެތެރޭގައި ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ ފަންނާނުންނާއި، ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް ބޭބޭފުޅުންނާއި، ކުޅިވަރު ފަންނާނުންގެ އިތުރުން ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުންނާއި ޒުވާނުންގެ މެދުގައި މަޤްބޫލު ބައެއް މޫނުތައް ފެނިގެންދިޔައެވެ. މީގެ ތެރެއިން ގިނަބަޔަކު އެންމެ އަޅައިގަތީ، ސޯޝަލް މީޑިއާ އާއި މޮޑެލިންގެ ދާއިރާއިން ޒުވާނުންގެ މެދުގައި މަޤްބޫލު ކައިޒިން އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ ދެކަނބަލުންނެވެ.

ލަވަ އަޅުގަނޑުމެނާ ހަމައަށް ގެނެސްދިން ފަންނާނު ޖާދު ބުނީ ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ މޫނުތައް ލަވައިގައި ހިމަނާލާފައި ވަނީ ހަމައެކަނި ފަންނާނުން ނުހިމަނައި އެކި ފަންތީގެ މީހުން އެކިދާއިރާގެ ފަރާތްތައް ހިމަނައިގެން ތަފާތު އެއްޗެއް ގެނެސްދިނުމަށް ކަމަށެވެ.

ނަމަވެސް ލަވައިން އަޅުނޑަށް އެންމެ ފާހަގަކޮށްލެވުނު އެންމެ "ސަޕްރައިޒިންގ" އެއް މޫނަކީ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެވެ. އަދާލަތު ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ އެންމެ ފުރަތަމަ ޖެންޑަރ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ މިފަދަ ހަރަކާތަކުން ފެނިދާނެ ކަމަށް އަޅުގަނޑަށް ލަފާކޮށްލެވިފައި ނެތީތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ޝިދާތާގެ ހުށަހެޅުންވެސް ވަރަށްވެސް ފުރިހަމައެވެ.

ފިލްމީ ތަރި އަޙްމަދު ޒިޔާއު (ޒިޔާ) އާއި ޝިދާތާ މިއަހަރުގެ ފެބްރުވަރީ މަހު ވަނީ ކައިވެނި ބައްލަވައިގެންފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.