މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހުއެވެ. ސިލޯނުގެ ކޮޅުބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭ ގަޑިން ހެނދުނު 10:00ގައެވެ. ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާޙިމް ނާސިރުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.
މިނިވަން ދުވަސް ދިވެރިހާއްޖޭގައި ފާހަގަ ކުރަނީ، އިނގރޭސިންގެ އަތްތަށުން އިބުރާހިމް ނާސިރުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް މިނިވަންކަންލިބުނު މިފަޚުރުވެރި މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.
މިގޮތުން، މިއަހަރު ދިވެހިރާއްޖޭގެ 56ވަނަ މިނިވަންދުވަސް ދިވެހިންނާ މި ބައްދަލުކުރީ އެތައްގޮތަކުން ގައުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމުގައި އޮވެ، ދޮޅު އަހަރު ފާއިތުވެގެން ގޮސްފައިވަނިކޮށެވެ. އަދި ހަމަ އެފަދައިން ކޯވިޑް ކާރިސާގެ އާލަމީ ވަބާގައި އިގްތިސާދީ ގޮތުންނާއި، އަދި އެހެނިހެން ގޮތްގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ކޯވިޑު19ގެ ޝިކާރައަކަށްވެ 219 ދިވެހިން މިބަލީގައި ދުނިޔެ ދޫކޮށްފައި ވަނިކޮށްވެސް މެއެވެ.
ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަހަކީ، ރާއްޖޭގައި ހުރިހާ ވެރިކަމެއްގައިވެސް ކުލަގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. މިގޮތުން ސަރުކާރުން ބާއްވާ ރަސްމީ އިހުތިފާލުތަކުގެ އިތުރުން، މަގުމަތީގެ ކުޅިވަރުތަކާއި، ފުޅަދުބުރުތައްވެސް އިންތިޒާމުކޮށް ކޮންމެއަހަރުވެސް ރަސްމީ ސިަފއެއްގައި އޮވެއެވެ.
އެހެންނަމަވެސް، ކުރިމަތިވެފައިވާ ކޯވިޑް19ގެ ނުރައްކާތެރި ސިއްޙީ ކާރިސާގެ ހިޔަނި، މިނިވަންދުވަހުގެ އުފާވެރިކަމަށް މިއަހަރުވެސް ނުހަނު ބޮޑުކޮށް އެޅިގެންދާނެކަމީ، މިއަހަރުގެ މިނިވަންދުވަހުން ފާހަގަވާން އޮތް ވަރަށް ބޮޑު ފަޅުކަމެކެވެ.
އޮތީ ފަޚުރުވެރި މިނިވަންކަމުގެ ތާރީޚެއް
މީގެ 56 އަހަރު ކުރިން، އިގިރޭސިންގެ އިސްތިއުމާރުގެ ދަށުން ދިވެހިނަށް މިނިވަންކަން ލިބުނު ފަހުން، އެއްވެސް ސިފައެއްގައި ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިފައެއް ނުވެއެވެ.
އެހެންނަމަވެސް، ދިވެހިން ފާއިތު ކޮށްފައިވާ މިނިވަންކަމުގެ ބައި ގަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އެތައް ގޮތަކުން އެތައްބަޔަކު ތޮޅިފައިވެއެވެ. އަދި މިއިން ކޮންމެ ފަހަރަކުވެސް، ދިވެހީންގެ މިނިވަންކަމާ ބަޔަކު މީހުން ތޮޅިފައިވަނީ، ކޮންމެ ތޮޅުމެއްގެ ފަހަތުގައިވެސް ދިވެހީންގެ ބަޔަކު ތިބެގެންކަން ފާހަގަ ކޮށް،ލެވެއެވެ.
މީގެތެެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލަން ޖެހެނީ، 1988ވަނަ އަހަރު، ރައީސް މައުމޫނުގެ ވެރިކަމުގައި، ރާއްޖެއަށް އަމާޒުވެގެންދިޔަ ތަމަޅަޓައިގަރުންގެ އުދުވާނީ ހަމަލައެވެ. މިއުދުވާނީ ހަމަލާއަކީ، ރައީސް މައުމޫނުގެ ވެރިކަން ބަޢާވާތަކުން ފުރޮޅާލުމަށް ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން، ހަތިޔާރާއެކު މާލެއަށް އަރާ، 19 ދިވެހިން ޝަހީދު ކޮށްލުމަށްފަހު، ދިވެހި ދައުލަތާ ދެކޮޅަށް ގެންނަން މަސައްކަތް ކޮށްފައިވާ އުދުވާނީ ބަޢާވާތެކެވެ.
އެހެންނަމަވެސް، އޭރުވެސް ދިވެހިރާއްޖޭގެ އަސްކަރީ ގާބިލްކަމެއް ނެތުމާއި، އަދި މުޅި ދައުލަތަކުގެ ބަލިކަށިކަމާއި އެކީވެސް، ދުޝަމަނުންނަށް މީގެ 33 އަހަރުކުރިން ދިވެހިންގެ މިނިވަންކަން ނިގުޅައިގަނެވިފައެއް ނުވެއެވެ.
އިގިރޭސިންގެ އަތްދަށުން ދިވެހިންނަށް މިނިވަންކަން ލިބިގެން ދިއުމަށްފަހު، މި ނޫން ތާރީޚެއްގައި، ހަތިޔާރުގެ ބޭނުން ކޮށްގެން، ދިވެހި ވެރިކަމާ ތޮޅި، ރާއްޖެ އަޅުވެތި ކުރުމަށް ބޭރުގެ އެއްވެސް ބާރަކުން މަސައްކަތް ކޮށްފައެއް ނުވެއެވެ.
އެހެންނަނަމަވެސް ފާހަގަ ކޮށްލަންޖެހެނީ، މިނިވަންކަމުގައި ދިވެހިން ބައިގަރުނު ފާއިތުކުރިއިރު، ޒަމާން މިއޮތީ ބަދަލުވެފައި ކަމެވެ. މިއަދުގެ، މިޒަމާނުގައި ކަޑިއާއި ބަޑި ހިފައިގެން ބޭރުގެ ދައުލަތްތަކުން ނުވަތަ، ބޭރުގެ ކުލީ ސިފައިންނަމަވެސް ގައުމުތަށް އަޅުވެތިކުރުމަށް ނާންނާނޭކަމެވެ.
މިއަދުގެ އަޅުވެތިކަމަކީ، ތަރައްގީއާއި ތަމައްދުނުގެ މަގުގައި ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކާއެކު، މުޅިން ފަތާތު ގޮތަކުން ކުރެވޭ އަޅުވެތި ކަމެކެވެ. މިއަދުގެ ދުނިޔޭގައި ގައުމުތަށް އަޅުވެތި ކުރުމުގެ އެންމެ މުހިންމު ހަތިޔާރަކީ އިންސާނުންގެ ފިކުރެވެ. ކުރެވޭ ހަގުރާމައަކީ ފިކުރީ ހަގުރާމައެވެ. އަދި މިހަގުރާމަ ދިވެހިރާއްޖޭގެ ހަފޮޅުންއެތެރެވެ، މިއަދު ދިވެހިރާއްޖެ މިވަނީ މި ހަގުރާމަައިގެ ގަދަ ކޮޅިގަޑުގައި ޖެހިފައިކަމުގައި ދަންނަވަން ޖެހެއެވެ.
ދިވެހިންގެ ތެރޭގައި ލާދީނީ ފިކުރުތައް ފެތުރުމަށް ޚުދު ދިވެހީން މިދަނީ މަސައްކަތް ކުރަމުންނެވެ. މީޑިއާގެ އެކި ވަސީލަތްތަކުގެ ބޭނުން ކޮށްގެން ދިވެހިންގެ ސަގާފަތާއި ނުގުޅޭ އެތަކެއް އުސޫލުތަކަކާއި، ދިރިއުޅުމުގެ އެތަކެއް ހަމަތަކެއް މިއަދު ދިވެހިންގެ ތެރެއަށް އާންމު ކުރެވިއްޖެއެވެ. ގިނަ ދިވެހިންނަށް، އަމިއްލަ ބަހުން ވާހަކަ ދެއްކުން އައިބު ކަމަކަށް ވެއްޖެއެވެ. ދިވެހިން އާންމުކޮށް ހެދުން އެޅުމުގެ ވައްޓަފާޅިއަކީ މިއަދު ޚުދު ދިވެހިންނާއި ބީރައްޓެހި ވައްޓަފާޅިއަކަށް ވެއްޖެވެ.
މުސްލިމަކަށް މެނުވީ ދިވެއްސަކަށް ނުވެވޭނެކަމަށް ގާނޫނު އަސާސީގައި މުތުލަގަށް ލިޔެވި ބަޔާން ކުރެވިފައިވި ނަމަވެސް، ދީން ދޫކޮށް ތިމަންނާ މެންނީ ޢައިރު މުސްލިމުން ކަމުގައި ބުނެ އެކަން އާންމު ކޮށްގެ ތިބި ދިވެހިން މިއަދު މަދެއް ނޫނެވެ.
އެހެނެކަމުން ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް، މިނިވަން ދުވަސް ފާހަގަ ކުރަމުންދާއިރު، ދިވެހިންގެ އަމިއްލަ ގައުމުގައި، އަމިއްލަ ފަސްގަޑުގައި މިނިވަންކަމުގެ އިހުސާސް ކުރެވެމުންދަނީ ކިހާ މިންވަރަކަށްތޯ މިއީ މިއަދު ކޮށްލުން ރަގަޅު ސުވާލެކެވެ.
މިނިވަންކަމާއެކު ދިވެހި ދިދަ ވިހުރެމުންދިޔަ ނަމަވެސް، އެ ދިދައިން ރަމްޒު ކޮށްދޭ ދިވެހި ގައުމިއްޔަތާއި، މާތްވެގެންވާ އިސްލާމް ދީނާއި، ކާބަފައިން އަޅުގަޑުމެންނާ ހަމައަށް ވާރުތަ ކޮށްދިން އެންމެ އަގުހުރި ތަރިކަތައް ކަމުގައިވާ، އަމިއްލަ ބަހާއި، ފަޚުރުވެރި ސަގާފަތް އަމިއްލަ އަތުން ބީވަމުންދާއިރު، މިނިވަންކަމުގެ ހަގީގީ އިހުސާސް ކުރެވެންވީ ކޮންފަދައަކުންތޯ މިއީ ހަގީގަތުގައިވެސް މިއަދު ޖަވާބު ހޯދަންޖެހޭ ސުވާލެކެވެ.
ފަޚުރުވެރި މިނިވަންކަމުގެ ތާރީޚެއް އޮތަސް އެއްބައިވަންތަ ކަމެއް ނެތް
މިނިވަން ދުވަހަކީ މިވަންކަމަށްޓަކާ ފަޚުރުވެރިވާން ވީ ދުވަސް ކަމުގައި ވިޔަސްވެސް، އަދި ފާއިތުވެދިޔަ 56 އަހަރުގެ މިނިވަންކަމުގެ ކުރު ތާރީޚުގައި، ބޭރުގެ އެއްވެސް ބާރަކަށް ދިވެހިންގެ މިނިވަންކަން ނިގުޅައިގަނެވިފައި ނުވިނަމަވެސް، ކޮންމެ ގައުމެއްވެސް މިނިވަންކަންމަތީ ދެމި އޮތުމަށް ބޭނުންވާ އެންމެ މުހިއްމު އެއްބަހާ ކަމުގައިވާ، ގައުމީ އެއްބައިވަންތަކަން މިއަދު ދިވެހި މުޖުތަމަޢުން އެކީ ބީވެ ގޮސްފައިވާކަން މިއީ މިއަދު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެކެވެ.
2008ވަނަ އަހަރު ދިވެހިން ބަލައިގަތް މަލްޓި ޕާޓީ ޑިމޮކްރަޓިކް ނިޒާމާއިއެކީ ގައުމަށް ވެރިވެގެންއައި މިނިވަންކަމުގެ އޮއިވަރުގައި، އެއްބަޔަކު އަނެއްބައެއްގެ އަބުރު ކަތިލުމާއި، ސިޔާސީ ޖަޒްބާތުގައި އާއިލީ ގުޅުންތަކާއި، އެކުވެރި ރަހުމަތްތެރިކަމުގެ ގުޅުންތައްވެސް ގުރުބާންވެ ދިއުންފަދަ، ދިވެހި މުޖުތަމަޢު އެއްބައެއްގެ ގޮތުގައި ދެމެހެއްޓި ވަރުގަދަ އެކުލުންތެރިކަން މިވަނީ ނެތިގެން ގޮސްފައެވެ.
މިގޮތުން، ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އަނިޔާވެރިވުން ގައުމުގައި އާންމު ވެއްޖެއެވެ. އަދުލު އިންސާފު މިވަނީ ނެތިގެން ގޮސްފައެވެ. ކޮރަޕްޝަނާއި ފަސާދަ މިވަނީ ގައުމުގައި އާންމު ވެފައެވެ.
މާރާމާރީތަކާއި މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް މިއަދު ދިވެހި މުޖުތަމަޢުގައި މިވަނީ އާދައިގެ ކަންކަމުގެ ގޮތުގައި ބަލައިގަނެވިފައެވެ. މަސްތުވާތަކެއްޗާއި ފާހިޝް އަމަލްތަކުގެ ވަބާތައް ގައުމުގައި އާންމުވެ، ޓެރަރިޒަމްގެ ނުރައްކާތެރިކަން މިވަނީ ހަފޮޅުން އެތެރެވެފައެވެ. މީހުންގެ ފުރާނަ ދުއްވާލުމަށް ބޮން ގޮއްވުންފަދަ ނުރައްކާތެރި އެތައްކަމެއް ގައުމުގައި މިވަނީ ހިގަން ފަށާފައެވެ.
ކުރުގޮތަކަށް ދަންނަވަނީނަމަ، ދިވެހި ގައުމުގައި އެއްބައިވަންތަކަން ގެއްލި، ފިތުނަފަސާދަ ގައުމުގައި މި ދަރަޖައަށް އާންމުވެފައި އޮތް ޒަމާނެއް ފާއިތުވެދިޔަ މާޒީގައި ދިވެހި ގައުމު ދެކެފައި ނުވާކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
މިނިވަން ދުވަހެއް ގައުމާއި، ގައުމުގެ ރައްޔިތުންނާއި ބައްދަލު ކުރިއިރު، މިއަދު ހަގީގަތުގައިވެސް ގައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ ގައުމު އެއްބައިވަންތަ ވުމަށެވެ. ފިތުނަވެރިކަމާއި، ހަސަދަވެރިކާމާއި، އެއްބަޔަކު އަނެއްބަޔަކު މަރަން ގޮވުމާއި، ލާދީނީ އޮއިވަރަށް ތަރުހީބުދީ، ގައުމުގެ މިނިވަންކަން ނިގުޅައިގަތުމުގެ ތަޅުދަޑި ދުރުތިބީންނަށް ހިބަކޮށް ނުދިނުމަށް މިއަދު އަޒުމް ކަޑައަޅަން ޖެހެއެވެ.
އަޅުވެތިކަމުގެ އެއްހާސް އަހަރަށްވުރެ، މިނިވަންކަމުގެ ހިނދުކޮޅެއްގެ އަގުވެސް މާބޮޑު ވާނެކަން މިއަދު ދެނެގަންނަން އެބަ ޖެއެވެ.