މިނިވަން ދުވަހު، ނެޝަނަލް ޕާޓީ ލޯންޗު ކުރަނީ

މިނިވަން ދުވަހު، ނެޝަނަލް ޕާޓީ ލޯންޗު ކުރަނީ

Author
ހުސެއިން
25 ޖުލައި 2021 03:25
0

ކާނަލް ނާޒިމްއާއި އިތުރު މަޖިލިސް މެމްބަރުން އިސްވެ ތިއްބަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ، މިއަހަރުގެ މިނިވަން ދުވަހު ލޯންޗު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރު އޮންލައިންއަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނެޝަނަލް ޕާޓީ ލޯންޗު ކުރުމަށްޓަކާ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ނިއުސް ކޮންފަރެންސް މާދަމާ މެދުރުފަހު 2:00ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ނޫސް ކޮންފަރެންސްގައި ޕާޓި އުފެއްދުމުގައި އިސްނަންގަވާ މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނޭ ކަމަށްވެސް ވަނީ މައުލުމާތު ލިބިފައެވެ.

މިމަހުގެ 15 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުންވަނީ ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަށް ދީފައެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވުމުން މެމްބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި މީގެކުރިން ވިދާޅުވެފައިވަނީ މި ޕާޓީއަކީ މަޖިލީހުގެ 5 މެމްބަރަކު އިސްނަގައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕާޓީއެއްކަމަށެވެ. މިގޮތުން އެޕާޓީގައި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުއާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދުގެ އިތުރުން ތިމަފަރުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހިމެނި ވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަދި އުންމީދު ކުރައްވަމުންދަނީ ލަސްތަކެއްނުވެ ޕާޓީ ރަޖިސްޓްރީ ކުރުންކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގައި، ނެޝަނަލް ޕާޓީއަށް ކުރީގެ ބައެއް މަޖިލިސް މެމްބަރުންނާ އަދި ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ އިތުރު ބައެއް ފަރާތްތައްވެސް ކުރިޔަށް އޮތްތަނުގައި ގުޅިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަޖިލިހުގެ ކުރިޔަށް ދައުރު ފަށާއިރަށް ޕާޓީ ރަޖިސްޓްރީ ކޮށް ނިންމުމަށްވެސް އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.