ސިޔާސީ ދާއިރާގައި އެމްޑީޕީގެ ރައީސް އަދި މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދަށްވުރެ ތަޖުރިބާ ހުންނެވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ސިޔާސީ ގޮތުން އެމްޑީޕީ ތެރޭގައި ޚިޔާލާތު ތަފާތުވުން އުފެދި މެމްބަރުންގެ މެދުގައި ރައީސް ޞާލިހުއާއި، ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ފާޅުގައި ބަސްބުނަމުންދާއިރު، ރޮޒޭނާ ފާހަގަވެފައިވަނީ ސިޔާސީ ގޮތުން ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ރޮޒޭނާއަކީ އެމްޑީޕީގައި ހުންނެވި ކަމުގައިވީނަމަވެސް ރައީސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވެ ރައީސް ނަޝީދުގެ ބައެއް ސިޔާސަތުތަކަށް ދެކޮޅު ހައްދަވާ ބަސްފުޅު ވިދާޅުވާ ބޭފުޅެކެވެ.
ދެ ރައީސުންނާއި ގުޅޭގޮތުން ކުރެވޭ ބަހުސްގައި އެމްޑީޕީގެ އާންމު މެންބަރަކު ރޮޒައިނާއަށް އަމާޒުކޮށް ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ ސިޔާސީ ދާއިރާގައި އޭނާއަށްވުރެ އަދި ރައީސް ނަޝީދަށްވުރެވެސް ތަޖުރިބާ ހުންނެވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ރައީސް ސޯލިހް ދައްކަވާ ވާހަކަތައް އޭނާ ވިސްނޭވަރުން ނަމަ މާ ހަރުދަނާ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަމާލުކަން ދެއްވާކަންވެސް ފާހަގަ ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ބައިބައިވެ ދިއުމަށް އަދި ޕާޓީ ބަލިކަށިވުމަށް އެއްގޮތަކަށްވެސް އެދިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިހާރު އޮތް މައްސަލައަށް ހައްލެއް ހޯދައިދެވޭނީ ރައީސް ނަަޝީދު އާއި ރައީސް ސޯލިހާ ދެ ބޭފުޅުންނަށް ކަމަށެވެ. އެކަން ކުރުމަށް އެމްޑީޕީގައި މަޝްވަރާގެ އުސޫލު އިސްކޮށް ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ފެންނަނީ އެފަދަ މަންޒަރެއް ނޫން ކަމަށެވެ.
މިއީ ވަކި މީހެއްގެ ޕާސަނަލް ކްލަބެއް ނަމަ އަޅުގަނޑު މިހާރު މިވަގުތު މިތަނުން ދުރަށް ދާނަން. އެކަމަކު އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް. މީހެއްގެ ނުވަތަ އާއިލާއެއްގެ ހަރުމުދާގަނޑެއް ނޫން. ހަޖަމް ނުވަންޏާ އެކަހަލަ 'ކްލޯސް ކްލަބް' އެއް ހަދަންވީ.
– ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒައިނާގެ ސިޔާސީ ހަޔާތް ޑީއާރުޕީން ފެށްޓެވިއިރު، އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލް ކުރެއްވީ ޑިއާރުޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. ރޮޒައިނާއަށް ފާޑުވިދާޅުވާއިރު ނަޝީދުގެ އެކްޓިވިސްޓުން މި ކަން ފާހަގަކުރައްވައެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއެވެ. އެމްޑީޕީގައި ދެ ފެކްޝަނެއް އެބަ އޮތެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ.
މީގައި ގިނައީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރޭގައި މިއިން އެއްވެސް ފެކްޝަންއަކަށް ތާއީދުނުކޮށް އަމިއްލައަށް ފެންނަ ގޮތެއް ނަންގަވައިގެން ތިއްބަވާ މަދު މެންބަރުންތަކެއް ވެސް ހިމެނެއެވެ.