އަފްއާނިސްތާނުގައި ކުރެވެމުންދާ އަހުލީ ހަގުރާމަ ހުއްޓުވުމަށްޓަކާ، އަފްއާސިންތާނުގެ ހުރިހާ ހިސާބެއްގައި، ހޮނިހިރު ދުވަހުން ފެށިގެން އެގައުމުގެ ސަރުކާރުން ކާފިއު އިއުލާން ކުރަން ފަށައިފިއެވެ.
އަފްއާނިސްތާން ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި، ވެރިރަށް ކާބުލްގެ އިތުރުން އިތުރު ދެ ޕްރޮވިންސެއް ފިޔަވާ އަފްއާނިސްތާންގެ އެއްވެސް ހިސާބެއްގައި ރޭގަޑު 22:00 އިން ފެށިގެން ދަންވަރު 4:00 އާދެމެދު އެއްވެސް މީހަކު ބޭރުގަ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުންވެސް ވަނީ މަނާކުރެވިފައެވެ.
އަފްއާނިސްތާނުގައި ތިބި ގައުމުން ބޭރުގެ ސިފައިން އެގައުމު ދޫކޮށް ދާން ފަށާފައިވާއިރު، ފާއިތުވެދި 2 މަހެއްހާ ދުވަހުގެ ތެރޭގައި ތާލިބާނުންނާއި އަފްއާން ސަރުކާރު ސިފައިންނާ ދެމެދު ކުރަމުން އަންނަ ހަގުރާމަވަނީ އިތުރަށް ވަރުގަދަ ވެފައެވެ.
އަދި މިހަގުރާމާގައި، މިހާރު ބެލެވޭގޮތުގައި ތާލިބާނުން މިހާރުވަނީ އަފްއާނިސްތާނުގެ ދެބައިކޮށްފަ އެއްބައި އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ތާނިލާބުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައި މިވަނީ، 20 އަހަރުވަންދެން އެގައުމުގައި ތިބި އެމެރިކާ ސިފައިންއ އެގައުމު ދޫކޮށް ދާން ފެށުމާއިއެކު އެވެ. އަދި މި ކުރިއެރުންތަކުގައި، ތާލިބާނުންވަނީ، ސަރަހައްދީ ރޮގުގެ މުހިންމު ހިސާބުތަކާއި، އަދި މީހުން ދިރިއުޅޭ އަވަށްތަކާއި ދުރުގައި އޮންނަ އެތަކެއް ސަރަހައްދުތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
މީގެ 20 އަހަރު ކުރިން އެމެރިކާ ސިފައިން އެގައުމުގެ ވެރިކަމުން ދުރުކޮށްފައިވާ ތާލިބާނުން ފަހަކަށް އައިސްވަނީ މުހިންމު ބައެއް މަގުތައްވެސް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މީގެ ތެރޭގައި އަފްއާނިސްތާނުގެ މުހިންމު އާބާދީތަކަށް ސަޕްލައި ފޯރުކޮށްދޭ މުހިންމު މަގުތައްވެސް ހިމެނެއެވެ.
އަދި ތާލިބާން ހަގުރާމަވެރިންވަނީ، އަފްއާނިސްތާންގެ މުހިންމު ސިޓީތަކާއި ހަމަލާ ދިނުމަށްޓަކާ މި ސިޓީތަކާއި ކާއިރިއަށް އެމީހުންގެ ސިފައިން ޖަމާކުރަންވެސް ފަށާފައެވެ. އެހެންނަމަވެސް، މިއިން އެއްވެސް ސިޓީއެއް އަދި މިހާތަނަށް އައިއިރު އެމީހުންގެ ބާރުގެ ދަށަށް ގެނެވިފައެއެއް ނުވައެވެ.
ކޮމެންޓު ފޮނުވާ