ސަރުކާރު ތެރޭން ހިނގާ ކޮރަޕްޝަނާއި ވައްކަން ހުޓުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވެސް ފަސްޖެހެންވީ ސަބަބެއް ނުފެެންނަ ކަމުގައި ތޮއްޑު ދާއިރާގެ މެމްބަރު ހަސަން ޝިއާން ވިދާޅުވެއްޖެއެވެ.
ޕާޓީގެ އެންމެ ބޮޑު މަގުސަދަކަށް ވާންޖެހެނީ ވެރިކަން ދެމެހެއްޓުންކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝިޔާން ވިދާޅުވީ ވެރިކަމަށް އެމްޑީޕީން އައިސް، ވެރިކަމުގައި އޮންނައިރު ވައްކަމާއި ކޮރަޕްޝަން ހިންގުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެކަންކަމާއިމެދު އަޑު އުފުލައި ހައްގު ބަސް ބުނުމަކީ އެމްޑީޕީން ކުރަންޖެހޭ ކަމެއްކަމަށް ޝިޔާން ވިދާޅުވެއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރި ކަމުގައިވީނަމަވެސް އަދި މިހާރު ވެރިކަން ކުރަމުންދިޔަކަމުގައި ވީނަމަވެސް، އިންސާފުން ބޭރުން ކަންކަން ކުރާނަމަ އެކަން ހަމަ މަގަށް އެޅުމަކީ މަޖިލީހުގައި ތިބޭ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ. އެކަންކަން ހައްލުކޮށް އިންސާފު ގާއިމްކޮށް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަކީ މެމްބަރުންގެ ޒިންމާއެއްކަމަށް ޝިޔާން ވިދާޅުވިއެވެ.
ޕާރޓީ ވެރިކަމަށް އައިސް ނާއިންސާފާ ދިމާލަށް ދަތުރު ކުރާނަމަ ހަމަ މިސްރާބައް ގެންދަން އަޑު އުފުލާ އެކަމަށް މަސައްކަތް ކުރުމަކީ މެމްބަރުންގެ ޒިންމާއެއް. ހަރުކަށި ފިކުރު ހުއްޓުވުމާއި ސަރުކާރު ތެރޭން ހިނގާ ކޮރަޕްޝަނާއި ވައްކަން ހުޓުމުގައި އަސްލަމްވެސް ފަސްޖެހެންވީ ސަބަބެއް ނުފެެނޭ.
– ޝިޔާން ވިދާޅުވިއެވެ.
އެމްޑީޕީގައި އެންމެ ދުވަސްވީ އެއް މެމްބަރު އަސްލަމް ވިދާޅުވީ، ރާއްޖޭގައި މިއޮތް ވެރިކަމަކީ އެމްޑީޕީން ގަބޫލުކުރި އަސާސެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު ވެރިކަމެއް ކަމަށާއި، ޕާޓީގެ އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ ވެރިކަން ދެމެހެއްޓުން ކަމުގައެވެ. އެހެންކަމުން ސަރުކާރު ބަލިކަށިވާގޮތަށް ޕާޓީގެ ތެރެއިން އެއްވެސް ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
އަސްލަމް މިހެން ވިދާޅުވެފައިމިވަނީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު، އިދިކޮޅު ކޯލިޝަނާ ގުޅިގެން މަސައްކަތްކުރެއްވުމަށް ތަކުރާރުކޮށް ޝައުގުވެރިކަން ފާޅުކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ޞާލިޙާއެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ