ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މަޝްވަރާކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލައްކާއަށް މިހާރު ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، މެޑިކަލް ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ޤައުމުގެ ވެރިން ވެސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 72.97 އިންސައްތަ މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.އަދި 59.07 އިންސައްތަ މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ކޯވިޑް-19ގެ ސަބަބުން ރާއްޖޭއަށް ފަތުރުވެރިން އައުން ހުއްޓާލައި ބޯޑަރު ބަންދުކުރުމަށްފަހު އަލުން ފަތުރުވެރިނަށް ރާއްޖެ ހުޅުވާލާފައި ވަނީ 2020 ޖުލައި ގައެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއަށް 700،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ދެބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޢުމަރު ޢަބްދުއްރައްޒާޤާއި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.