ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވާކް ޕާމިޓް ހޯލްޑަރުން، ކޯވިޑް-19 ދިފާޢު ވެކްސިން ފުރިހަމަކޮށްފައިވާނަމަ ކަރަންޓީންވާން ނުޖެހޭގޮތަށް ހަމަޖެއްސުމުން މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބޭރުން އަންނަ ދިވެހިންނާއި ވާކް ޕާމިޓް ހޯލްޑަރުން ކަރަންޓީންވާން ނުޖެހޭގޮތަށް އެޗްޕީއޭއިން ހަމަޖެއްސުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޑރ.މުޢިއްޒު ވިދާޅުވީ، އެކަމުގެ ސަބަބުން އިތުރު ރާޅެއް ބޯމަތިވެގެން ހިނގައިދާނެކަމަށެވެ. ސަރުކާރުގެ އެފަދަ ނިންމެވުންތަކުގެ ހުރިހާ ގެއްލުމެއް ލިބިގެންދަނީ ނިކަމެތި ރައްޔިތުންނަށްކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އަނެއްކާ އިތުރު "ވޭވް"އެއް ބޯމަތިވެގެން މިދަނީ. ހުރިހާ ގެއްލުމެއް ނިކަމެތި ރައްޔިތުންނަށް…
– މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު
ޑރ.މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ޑިރެކްޓަރު ޖެނެރަލް އޮތް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ޑަބްލިއުއެޗްއޯ އިން އިމާޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ. އަދި އެ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށެވެ.
އެހެން ނަމަވެސް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އެ ނޫން މީހުން ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި އެ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.
ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު އޮންނަން ޖެހެއެވެ. މީގެ އިތުރުން ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލްއިން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެންނެވެ.
އެޗްޕީއޭއިން މިގޮތަށް ނިންމާފައިވާއިރު، ރާއްޖޭގައި މީގެކުރިންވެސް ކޯވިޑް-19ގެ ކޭސްތައް މަދުވުމުން ދިން ލުއިތަކާއެކު އިތުރު ރާޅަކާއި ކުރިމަތިވެ ކޯވީޑްގެ ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު ރެކޯޑް ޢަދަދަކަށް އިތުރުވެގެން ގޮސްފައިވެއެވެ.