އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދާލަތު ޕާޓީއަށް ނިސްބަތްކޮށް ހަރުކައްޓޭ، މަޑުކައްޓޭ ކިޔަނީ ވެރިކަން ނުލިބިގެން ކަމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ތެރޭގައި އުފެދިފައިވާ ކޯޅުމުގައި ރައީސް ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވެފައިވަނީ އަދާލު ޕާޓީއަށެވެ. ނަޝީދު ސިފަ ކުރައްވާ ގޮތުގައި އަދާލަތު ޕާޓީއަކީ ހަރުކަށި ފިކުރުގެ ޕާޓީއެކެވެ. ނަޝީދު ވިދާޅުވެފައިވަނީ މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށްފައިވަނީ، ހަރުކަށި ފިކުރުގެ މީހުން އުޅޭ ޕާޓީގެ އެހީތެެރިކަމާއެކު ކަމަށެވެ.
ނަޝީދުގެ މިވާހަތަކާއި ގުޅިގެން ޝައިޚު އަލީ ޒައިދު ވިދާޅުވީ ވެރިކަން ނުލިބިގެން މީހާ މޮޔަވާ ހިސާބަށް ދިއުމުން ހުރިހާ އެއްޗެއްވެސް ގޮވާނެކަމަށެވެ. އަދި ވެރިކަމަކީ އެކަން ބޭނުންވެ ނުލިބުމުން މީހާގެ ސިކުޑި މޮޔަވެ ހަމަ މަގު ގެއްލި، ވަރަށް ބޮޑެތި ފިތުނަ ފަސާދަވެސް އުފައްދާ ކަމެއް ކަމުގައި ޝައިޚު ވިދާޅުވިއެވެ. ޝައިޚު ވިދާޅުވީ އަދާލަތަށް ނިސްބަތްކޮށް އެކި ތުހުމަތު ކުރައްވަމުންދަނީ ނަޝީދަށް ވެރިކަން ނުލިބުމުން އެކަމުގެ ރުޅިވެރިކަމުގައިކަމަށެވެ.
ވެރިކަމުގެ ދަހިވެތި ކަމަކީ ދުނިޔޭގައި ބައެއް މީހުން ސިކުޑި މޮޔަވެ، ހަމަ މަގު ގެއްލި، ވަރަށް ބޮޑެތި ފިތުނަ ފަސާދަވެސް އުފައްދާ ކަމެއް! އަދާލަތު ޕާޓީއަށް ނިސްބަތްކޮށް ބައެއް ފަރާތްތަކުން ހަރުކައްޓޭ، މަޑުކައްޓޭ، އަފްޣާނިސްތާނޭ ވިދާޅުވެވެނީ ވެރިކަން ބޭނުންވެ ވެރިކަން ނުލިބިގެން ކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ.
– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުންނަށް އިންތިހާބުތަކުގައި ދެކޮޅު ހެދިނަމަވެސް، މެޖޯރިޓީ މީހުން ވެސް ބައިބައިވެފައިވާތީ، ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އަންނަ ޕާޓީއަކުން ނުވަތަ ސަރުކާރަކުން ވެރިކަމަށް އަންނަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ޕާޓީގެ ތާއީދާއި އެހީއާއެކު ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމަށް އައީ ވެސް އެ ޕާޓީތަކުގެ އެހީއާއެކު ކަމަށާއި ހުދު އެމަނިކުފާނު ވެސް 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ އެގޮތަށް ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ މިހާރުގެ ސަރުކާރުގެ ހާލަކީ ވެސް އެއީ ކަމަށެވެ.
ނަޝީދު "ހަރުކަށި ފިކުރުގެ ޕާޓީއެއް". ގޮތުގައި އިޝާރާތް ކުރައްވަނީ އަދާލަތު ޕާޓީ ކަމަށް ބެލެވެއެވެ. މީގެ ކުރިން ވެސް ނަޝީދު ވަނީ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެޕާޓީން ހަރުކަށި ފިކުރަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
ކޮމެންޓު ފޮނުވާ