ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހަތަރު މީހަކަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފޮނުވައިފިއެވެ.
މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައިގެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.
ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ، އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. ހަމަލާއާ ގުޅޭ ހަތް މީހަކު މިހާރު ބަންދުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރީ ހަމަލަ އަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިންނެވެ. ޝަމީމް ވިދާޅުވީ އެ މީހުންގެ ތަހުގީގު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
Additionally, on 26 money laundering cases, we have requested to confiscate & recover MVR 70,740,291.00, a luxury apartment and a Rolex Watch.
— Hussain Shameem (@HuShameem) July 13, 2021
ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު އަންނަ ހޮނިހިރު ދުވަހު ބާއްވާ މީޑިއާ ބްރީފިންގައި ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށް އެ މީހުންގެ ވަނަވަރު އާންމުކުރިއެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ)އެވެ.
މެއި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 8 މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެކަކު ވަނީ ބަންދުން ވީއްލިފައެވެ.